ދަ ގްރާންޑޭގެ ތޮލާލް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު
15 ޖޫން 2019 - 00:32
ރާއްޖޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ މި ސީޒަނުގެ ފުރަތަމަ މެޗުން މިރޭ، ފ. ނިލަންދޫ އަތުން ފުރަތަމަ ޑިވިޝަނުގައި އަލަށް ވާދަކުރާ ދަ ގްރާންޑޭ 2-0 އިން މޮޅުވެއްޖެ އެވެ.
ލީގު ފެށުމުގެ ގޮތުން އާއްމުކޮށް ކޮންމެ އަހަރެއްގައި ވެސް ހަރަކާތްތަކެއް ބާއްވާ ނަމަވެސް މިރޭ އެއްވެސް ކަހަލަ ކަމެއް ނެތެވެ. މެޗު ޝަރަފްވެރިކޮށްދިނީ ވެސް ގައުމީ ޓީމުގެ ކޯޗު ޕީޓާ ސެގާޓެވެ.
އަނެއްކޮޅުން މިރޭގެ މެޗާ ނިލަންދޫ ކުރިމަތިލީ، މިއަދު މެންދުރުފަހު އެފްއޭއެމުން ދިން ހާއްސަ ހުއްދައެއްގެ ދަށުންނެވެ. މުބާރާތުގައި ވާދަކުރަން އޭއެފްސީ ކްލަބް ލައިސަންސް ނަގަން ޖެހޭއިރު އެ ހުއްދަ ހޯދަން ބޭނުންވާ ލިޔެކިޔުންތައް ހަމަކުރެވުނީ ރޭގެ ވަގުތެއްގަ އެވެ. އެކަމަކު އަދިވެސް ބައެއް ކަންކަން ހުރުމާ އެކު، ކޮންޑިޝަނަލް ލޯކަލް ލައިސަންސެއް އެފްއޭއެމުން އެ ކްލަބަށް ދިނީ އެވެ.
ނިލަންދޫގެ ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ބުނީ މިރޭގެ މެޗަކީ އެ ޓީމުން ސީޒަނަށް ތައްޔާރުވާން ކުރި އަށް ވަނަ ޕްރެކްޓިސް ކަމަށެވެ. އޭނާ ޕްރެކްޓިހެއްގެ ގޮތުގައި މެޗު ސިފަކުރީ މުބާރާތުގައި ކުޅެވޭނެކަމުގެ ޔަގީންކަން ރެޔާ ހަމަޔަށް ވެސް ނެތުމާ އެކު، މެޗަށް ނަފްސާނީ ގޮތުން ތައްޔާރުވާން ކުޅުންތެރިންނަށާއި އޮފިޝަލުން ވެސް ވަގުތުކޮޅެއް ލިބުނީ މިއަދު ކަމަށް ވުމުންނެވެ.
"އެންމެ ހަތް ޕްރެކްޓިސް ކުރުމަށް ފަހު ޓީމުން ދެއްކި ކުޅުމާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ. އަޅުގަނޑުމެން ނުކުތީ ވެސް މާބޮޑަށް އެޓޭކްކުރުމުގެ ބަދަލުގައި ޕެކްކޮށްގެން ޑިފެންސްކުރަން. އެކަމަކު ޗާންސް ވެސް ލިބުނު އެޓޭކްކުރަން،" ފެސްކޯ ބުންޏެވެ. "ބަލިވީމާ ކޯޗެއްގެ ހައިސިއްޔަތުން ހިތްހަމަނުޖެހޭ. އެކަން ބަލައިނުގަނެވޭ. އެކަމަކު ސްކޯލައިންއާ މިކަންކަން ރަނގަޅު ހާލަތާ ބަލާއިރު."
ދަ ގްރާންޑޭގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) ބުނީ ފުރަތަމަ މެޗަށް ވުމާ އެކު އާ ވުމާއި ޕްރެޝަރު ވެސް ކުޅުންތެރިންނަށް އޮތް ކަމަށާއި އެކަމަކު ޖުމްލަކޮށް ކުޅުމާ މެދު ހިތްހަމަޖެހޭ ކަމަށެވެ.
"މީގައި މުހިއްމީ ތިން ޕޮއިންޓް ހޯދުން. އެކަން ހާސިލްވެއްޖެ،" އިންމަ ބުންޏެވެ. "ފުރަތަމަ މެޗަށް ވީމާ އާވެގެން ބައެއް ކުޅުންތެރިން އުޅުނު."
ދަ ގްރާންޑޭގެ ނިޒާމް (ކ) އަތުން ބޯޅަ ހޯދަން ނިލަންދޫގެ ހަފީޒް މަސައްކަތްކުރަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު
މިރޭގެ މެޗުގެ ފުރަތަމަ މިނެޓުގައި ދަ ގްރާންޑޭ އިން ވަނީ ލީޑު ނަގައިފަ އެވެ. މާޒިޔާގެ ކުރީގެ ވިންގާ އަހުމަދު އިމާޒް (އާއްކޮ) ދިން ބޯޅައަކަށް އަރާ އޭރިއާ ތެރެއިން ހިތްގައިމުކަމާ އެކު ބޯޅަ ވައްދާލައި މި ލަނޑު ކާމިޔާބުކުރީ އަހުމަދު ވިޖުދާން (ވިޖޫ) އެވެ. އެ ޓީމުން ތިން ޕޮއިންޓް ކަށަވަރުކުރީ 82 ވަނަ މިނެޓުގައި ތޮލާލް ނަސީރު ޖެހި ގޯލުންނެވެ. މިއީ އަހުމަދު ނިޒާމް ތަނަވަސްކޮށްދިން ބޯޅައަކުން އޭނާ ޖެހި ލަނޑެކެވެ.
މެޗުގެ ތެރޭގައި އިތުރު ގޯލް ޖަހަން ދަ ގްރާންޑޭ އަށް ގިނަ ފުރުސަތުތަކެއް ލިބުނެވެ. އެގޮތުން ފުރަތަމަ ހާފުގެ 26 ވަނަ މިނެޓުގައި އާއްކޮ ދިން ބޯޅައަކަށް އަރާ ޔަސްފާދު ހަބީބް (މުލަކޭ) އޭރިއާ ތެރެއިން ގޯލަށް ފޮނުވާލި ބޯޅަ ލައްވައެއް ނުލި އެވެ. އަދި 28 ވަނަ މިނެޓުގައި ކެޕްޓަން މުހައްމަދު ރަޝީދު (ހޮކޭ) ހުރަސްކުރި ބޯޅައަކަށް އަލީ އިފާޒް ބޮލުން ޖަހަން އެރި ނަމަވެސް ސީދާ ނުވެ ބޭރަށް ދިޔައީ އެވެ. ފުރަތަމަ ހާފުގެ ފަހުކޮޅު ނިޒާމް ދިން ބޯޅައަކުން އާއްކޮ ފޮނުވާލި ބާރު ޝޮޓެއް ގޯލް ދަނޑި އަށް އަމާޒުވި އެވެ.
ދެ ވަނަ ހާފުގެ ކުރީކޮޅު ދަ ގްރާންޑޭ އިން އުފެއްދި އެޓޭކެއްގައި ދޫވި ބޯޅައެއް، ނިޒާމް ބާރު ޝޮޓަކުން ފޮނުވާލި ނަމަވެސް ދިޔައީ ހުރަސް ދަނޑި މަތިންނެވެ. އަދި 84 ވަނަ މިނެޓުގައި އޭރިއާ ތެރެއިން އާއްކޮ އަށް މުޅިން ހުހަށް އަރައި ބޮލުން ޖަހަން ލިބުނު ފުރުސަތު ވެސް ގެއްލުނީ އެވެ.
ނިލަންދޫ އަށް އުފަން ތަޖުރިބާކާރު ކުޅުންތެރިޔާ ފަރުހާދު އިސްމާއިލް (ފަރޭ) ގެ ކެޕްޓަންކަމުގެ ދަށުން ކުޅުނު ނިލަންދޫ ޓީމުގައި ގިނައީ އެ ރަށު ކުޅުންތެރިންނެވެ. ދަ ގްރާންޑޭގެ ތަޖުރިބާކާރު ކުޅުންތެރިންނާ ދެކޮޅަށް ނިލަންދޫ އިން ޖުމްލަކޮށް، ރަނގަޅު ކުޅުމެއް ދެއްކި އެވެ.
ޕްރިމިއާ ލީގުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ވިކްޓްރީ ސްޕޯޓްސް ކްލަބާއި ޓީސީ ސްޕޯޓްސް ކްލަބެވެ. މާދަމާރޭ އޮންނާނީ ށ. ފޯކައިދޫ އާއި ޔުނައިޓެޑް ވިކްޓްރީގެ މެޗެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފާގަ ހަސަނާ
15 June 2019
ކެޕްޓްން ބޭންޑް ދޭން ވީ ޝުއެއިބް އައް
ނނނނ
15 June 2019
ކޮން ގޮތަކުންބާ ހޮކޭ އަށް ދެވިގެން މިއުޅެނީ. ކެކެެކެ. ސަކަރާތް ނިންމުމެއް.
ނނނނނ
15 June 2019
ހޮކޭ އަށް ކެޕްޓަން ކަން. ރަށުން ބޭރުގަ ޕްރެކްޓިސް އަށް ނައިސް މުބާރާތް ކުޅެޅެފަ އައިމަވެސް. ތަންކޮޅެއް ޑިސިޕްލިން ރަނގަޅު ކުރަން އެބަޖެހޭ ހުރިހާ މީހުން.
ވާލުސޮރު.
15 June 2019
ރާއްޖޭގަ މިހާރު މިކުޅޭ ފުޓުބޯޅަ ބަލަންވަންނަ މީހުންނަށްވުރެ މާގިނަ ގެއެއްގެތެރޭ އަޑުގަދަވެލީމަ ވާގޮތްބަލަން އެއްވާ މީހުންގެ އަދަދުވެސް.
ޢަހްމަދު007
15 June 2019
ތި ލީގަށް ކިޔަންވީ ބައްސާމު ލީގް
ކަކާ
15 June 2019
މިހާރުވެސް އެބުނާ އެފްއޭމްގެ ރައީސް ހުރީ އެންޖޯއީ ދަތުރެއްގަ ރާއްޖެން ބޭރުގަޔޭ ބުނާތީ އަޑްއިވޭ.
އާރީ
15 June 2019
ތިއަށްވުރެ އޮގަނައިޒް ކޮށް މުބާރާތްތަށް ރާވާ ހިންގާނެ މި އުޅޭ ކަންމަތީ ލާނެތް ސޮރުމެންވެސް. އެފްއޭއެމްގެ ލަދު ކޮބާ. ތިމާމެންނަށް ކަންކަން ނުވަންޏާ އިސްތިއުފާދީފަ އެހެންކަމަކާ އުޅެބަލަ. އޭރުން ދޯ އެހެންބަޔަކަށް ތި ހޭވި ހަޑި ފިލުވަން ޗާންސް ލިބޭނި. ފުރެމިޔާ ލީގޯ!
އަހަންމަ
15 June 2019
ދުވަހަކުވެސް މިހާގިނަ ސަޕޯޓަރުން ވަދެފައި ވާތަން ނުފެނޭ.. މުބާރާތް ފެށިކަންވެސް ސަރުކާރަށް ނޭންގުނު.. ކުޑަމިނުން މެޗްބަލާލަންވެސް ދަނޑުގަ މަޑުކޮށްނުލެވުނު ކުޅިވަރާއި ބެހޭ ވަޒީރަށް.. ވަރަށް ވެދުން