25 ޖޫން 2019 - 08:42
ރިއޯ ޑި ޖަނޭރޯ، ބްރެޒިލް (ޖޫން 25) - ކޮޕާ އެމެރިކާގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރޭ އެންމެ ފަހުގެ ޗެމްޕިއަން ޗިލީގެ މައްޗަށް 1-0 އިން ކުރި ހޯދައި ގްރޫޕް އެއް ވަނަ ޓީމުގެ ގޮތުގައި އުރުގުއޭ އިން މުބާރާތުގެ ކުއާޓާ ފައިނަލުގެ ފުރުސަތު ހޯދައިފި އެވެ.
މުބާރާތުގެ އެންމެ ކާމިޔާބު ޓީމު އުރުގުއޭ އެއް ވަނަ ހޯދީ ހަތް ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ޗިލީ އަށް ހަ ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނަ އަށް ދިޔަ ޖަޕާނަށް ލިބިފައިވަނީ ދެ ޕޮއިންޓެވެ. އަދި އެންމެ ފުލުގައި ނިންމާލި އެކުއެޑޯގެ އޮތީ އެންމެ ޕޮއިންޓެކެވެ. ރޭ ޖަޕާނާއި އެކުއެޑޯ ކުޅުނު މެޗު 1-1 އިން އެއްވަރުވެގެން ނިމުނުއިރު، އޭގެ ތެރެއިން އެއްވެސް ޓީމަކަށް އެންމެ ރޭންކިން ރަނގަޅު ތިން ވަނަ ޓީމުގެ ގޮތުގައި ކުއާޓާ އިން ފުރުސަތު ނުލިބުނެވެ.
ދެ ޓީމުގެ ފަރާރުން ވަރުގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ހަމައެކަނި ގޯލު މެޗު ނިމެން އަށް މިނިޓަށް ވެފައި ވަނިކޮށް އުރުގުއޭ އަށް ކާމިޔާބުކޮށްދިނީ ޕީއެސްޖީގެ ފޯވާޑް އެޑިސަން ކަވާނީ އެވެ. ޖޮނަތަން ރޮޑްރިގޭޒް ނަގައިދިން ހުރަހަކުން ކަވާނީ މި ގޯލު ޖެހީ ބޮލުންނެވެ. މިއީ އުމުރުން 32 އަހަރުގެ ކަވާނީ އުރުގުއޭ އަށް ޖަހައިދިން 48 ވަނަ ގޯލެވެ.
މެޗަށް ފަހު ކަވާނީ ބުނީ ޖުމްލަކޮށް ބަލާއިރު އުރުގުއޭގެ ފަރާތުން މި މެޗުގައި އެންމެ މޮޅު ކުޅުން ނުފެންނަ ކަމަށާއި މޮޅުވެވުނީ މެޗަށް ދިން ސަމާލުކަން އެންމެ ފަހު ވަގުތާ ހަމައަށް ވެސް ރަނގަޅަށް ހުރުމުން ކަމަށެވެ. ކުއާޓާ ފައިނަލުގައި ޕެރޫއާ ކުޅެންޖެހޭއިރު، ކަވާނީ ބުނީ ކޮންމެ ޓީމަކާ ބައްދަލުކުރިޔަސް އަމާޒަށް ބަދަލެއް ނާންނާނެ ކަމަށެވެ.
"ކޮންމެ ޓީމަކާ ކުޅެން ޖެހުނަސް ބޭނުމީ މޮޅުވާން. އަހަރެމެންގެ ފޯކަސް ހުރީ އެކަމަށް. މި ޓީމު އޮތީ ވެސް ތަށި ހޯދުމުގެ ރޫހުގައި،" އުރުގުއޭއާ އެކު 2011 ވަނަ އަހަރުގެ ކޮޕާ އެމެރިކާ ކާމިޔާބު ކުރި ކަވާނީ ބުންޏެެވެ.
އުރުގުއޭގެ ކޯޗު އޮސްކާ ޓަބަރޭޒް ބުނީ ޗިލީ ބަލިކުރެވުމަކީ އޭނާގެ ނަޒަރުގައި ކުރިއަށް އެޅުނު ފިޔަވަޅެއް ކަމަށާއި ވާދަވެރި މާހައުލެއްގައި މެޗު ކުޅެވުމުގެ އިހުސާސް މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ކުރެވުމަކީ ނޮކައުޓަށް ނުކުންނައިރު ލިބޭނެ ފަސޭހައެއް ކަމަށެވެ.
ބްރެޒިލް - ޕެރަގުއޭ (27 ޖޫން)
ވެނެޒުއޭލާ - އާޖެންޓީނާ (28 ޖޫން)
ކޮލަމްބިއާ - ޗިލީ (28 ޖޫން)
އުރުގުއޭ - ޕެރޫ (29 ޖޫން)
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގިއޮލޮޖި
25 June 2019
މަރުހަބާ އާރޖެންޓީނާ މަރުހަބާ މެސީ މީއަހަރަމެންގެ ފަހަރު
މީނަ
25 June 2019
މަރުހަބާ އާރޖެންޓީނާ.