ކުޅިވަރު

ތައުރީފުކުރާނަމަ ފާޑުވެސް ކިޔެންޖެހޭނެ: ނަޒީހު

ކުޅުންތެރިން މޮޅަށް ކުޅޭ ދުވަހު ތައުރީފުކުރާއިރު ކުޅުން ދަށްވާ ދުވަހު ފާޑު ވެސް ކިޔެން ޖެހޭނެ ކަމަށް ޔުނައިޓެޑް ވިކްޓްރީ (ޔޫވީ)ގެ ކޯޗު މުހައްމަދު ނަޒީހު ބުނެފި އެވެ.

ލީގުގައި ޓީސީ އަތުން މިދިޔަ އަންގާރަ ދުވަހު 2-0 އިން ބަލިވި މެޗަށް ފަހު ނަޒީހު ބުނީ ޔުނައިޓެޑް ވިކްޓްރީން ދިވެހި ކީޕަރުންނަށް ފުރުސަތު ހޯދައިދޭން މިދިޔަ ދެ އަހަރު ދުވަހު ކުރި މަސައްކަތުގައި ކުރިއެރުމެއް ނުލިބުނު ކަމަށާއި އެ ޓީމުގެ ކީޕަރު ތޮލާލް ހަސަން (ތޮލާ) އަށް ފުރުސަތު ދީގެން ދެން ޓީމު ގުރުބާން ނުކުރެވޭނެ ކަމަށެވެ. އަދި ބަދަލުތަކެއް އަންނަން ޖެހޭ ކަމަށް ގަބޫލުކުރާ ކަމަށް ވެސް ބުންޏެވެ.

ލީގުގައި މިއަދު ހަވީރު ދަ ގްރާންޑޭއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނަޒީހު ބުނީ އެ ދުވަހު އެ ގޮތަށް ވާހަކަ ދެކެވުނީ މެޗުން ބަލިވުމުގެ މާޔޫސްކަމާ އެކީގައި ކަމަށާއި ހަގީގަތަށް ބުނާނަމަ ތޮލާ އެހާ ގޯސްކަމަށް އޭނާ ވެސް ގަބޫލުނުކުރާ ކަމަށެވެ. އަދި މައާފަށް އެދެންޖެހޭ ވަރުގެ ކަމެއް ނުކުރާ ކަމަށް ވެސް ނަޒީހު ބުންޏެވެ.

"ރަނގަޅު ދުވަހު ރަނގަޅޭ ބުނެވެއްޏާ ގޯސް ދުވަހު ގޯހޭ ވެސް ކޯޗަށް ބުނެވެންޖެހޭނެ. އެހެން ނޫނިއްޔާ މީތި ހަމަހަމައެއް ނުވޭ. ތޮލާގެ ރަނގަޅު ދުވަހުގައި ހުންނާނެ ތައުރީފްކޮށް ވާހަކަ ދައްކާފައިވެސް. ގޯސް ދުވަހު އެ ވާހަކަ ބުނީމަ މި ބައިވެރިވާ ގޯލްކީޕަރުންނާ ސަޕޯޓަރުންނާއި ހެޔޮއެދޭ މީހުން އެ ވާހަަކަ (ގޯސްކޮށްފައި) ދެއްކީމަ އެބަ އެނގެންޖެހޭ ހަމައެކަކުކަން ދެ ވާހަކަ ވެސް މި ދައްކަނީ،" ނަޒީހު ބުންޏެވެ.

"އެންމެ ދިވެހި ކޮށްލާފައި ބުނާއިރު ކީޕަރު ކައިރިއަށް ބޯޅަ އަންނަނީ 10 މީހުން ކައިރިން ނައްޓާފައި. އެކަމަކު އެ 10 މީހުން ކައިރިން އަންނަ ދެ ބޯޅައެއް ސަލާމަތްކޮށްގެން މި ޗެމްޕިއަންޝިޕެއް ނޫނީ މެޗަކުން މޮޅުމިވެވެނީ. އެހެންވީމަ އެބަޖެހޭ ޒިންމާ އަދާކުރަން. ކީޕަރު އެއް ކަމެއް ވެސް ނުކޮށް މެޗަކުން މޮޅުވުން އުނދަގޫކަމަކަށްވާނީ."

ޓީސީ އަތުން ބަލިވި މެޗަށް ފަހު އޮތް ޓީމުގެ ޓްރެއިނިންގައި ތޮލާ އަށް އަނިޔާވުމާ ގުޅިގެން މިއަދުގެ މެޗުގައި އޭނާ ނުފެނިދާނެ ކަމަށް ނަޒީހު ވަނީ ބުނެފަ އެވެ. ތޮލާގެ ބަދަލުގައި ގޯލުން ފެނުމުގެ ފުރުސަތު ބޮޑީ ޒުވާން ގައުމީ ޓީމުގައި ހިމެނުނު ކީޕަރު ޖިނާން ހާރޫން އެވެ.

ނަޒީހު ބުނީ ތޮލާ އަށް އަނިޔާވުމަކީ ޓީމަށް ލިބޭނެ އުނިކަމެއް ކަމަށާއި އެކަމަކު ބަދަލުގައި އަރާ ޒުވާން ކީޕަރަށް ވެސް އިތުބާރު އެބައޮތް ކަމަށެވެ. އަދި ޕާސް ޖަހައިގެން ކުޅޭ ފުޓްބޯޅަ އަށް ކީޕަރު ޖިނާހް ކުޅުން ރަނގަޅުކަން ނަޒީހު ފާހަގަކުރި އެވެ.

ޔުނައިޓެޑް ވިކްޓްރީގެ ގޯލްކީޕަރު ތޮލާލް. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

"ތޮލާ ނެތުން އެއީ ގެއްލުމަކަށްވާނީ އެކަން ފޮރުވާކަށެއް ނެތިން. އޭނާގެ އެކްސްޕީރިއަންސާ އެކު ކައިރިން ޖަހާ ބޯޅަ އަށް އަޅުގަނޑަށް ރާއްޖޭން އެންމެ މޮޅު މީހާ އެއީ. މިހާރު ހުރި ކީޕަރު ވެސް ގޯހެއް ނޫން ތޮލާއާ ދާދި އެއްވަރެއް. ތޮލާގެ އެކްސްޕީރިއަންސް ރަނގަޅުވެފައި މި ލެވެލްގައި ހިފިފައި ހުރި ބޯޅަތައް ވެސް ރަނގަޅުވާނެ. އެ ތަފާތު އެބަހުރި. އެކަކު ތަންކޮޅެއް ރަނގަޅު ޕާސް ޖަހައިގެން މި ކުޅޭ ފުޓްބޯޅަ އަށް. ގޯލްކިކާއި ޕާސިން ރަނގަޅު،" ނަޒީހު ބުންޏެވެ.

ކުޅުނު ފުރަތަމަ މެޗުން ޔުނައިޓެޑް ވިކްޓްރީ ވަނީ ފޯކައިދޫ އަތުން ބަލިވެފަ އެވެ. ދެ ވަނަ މެޗުން ވިކްޓްރީ އަތުން ޔުނައިޓެޑް ވިކްޓްރީ މޮޅުވި ނަމަވެސް އެންމެ ފަހުން ކުޅުނު މެޗުން ވަނީ ޓީސީ އަތުން ބަލިވެފަ އެވެ. ނަޒީހު ބުނީ ލީގުގައި ތަފާތުކޮށް އޮތީ މާޒިޔާ ކަމަށާއި އެއީ ގައުމީ ޓީމުގެ ކުޅުންތެރިން ގިނަވުމުން ކަމަށެވެ. އަދި އެހެން ޓީމުތަކަށް ބަލާއިރު މި ވަގުތު ވިކްޓްރީ އާއި ނިލަންދޫ ދަށްކޮށް ފެނުނު ނަމަވެސް ދެން އޮތީ ދާދި އެއް ހަމައެއްްގައި އޮތް ޓީމުތައް ކަމަށް ބުންޏެވެ.

"ޓީމުތަކެއްގެ ނަން ނުކިޔަސް އެބައޮތް ރަނގަޅު ޓީމުތަކަށް ވުރެ އާދައިގެ ދެ ޓީމެއް. ދެން މިހިރި ހުރިހާ ޓީމަކީ ވެސް ރަނގަޅު ދުވަހެއްގައި ކޮންމެ ޓީމެއް އަތުން ވެސް މޮޅުވެވޭނެ ޓީމެއް. އެވަރުގެ ސްކޮޑެއް އެބައޮތް. ނިލަންދޫ އާއި ވިކްޓްރީ ވެސް ފޮރިން ޕްލޭޔަރުން ލީމަ ފައިޓްކުރާނެ،" ނަޒީހު ބުންޏެވެ.

މި ފަހަރު ފުރަތަމަ ޑިވިޝަނުގައި އަލަށް ވާދަކުރާ ދަ ގްރާންޑޭ އިން ވަނީ ކުޅުނު ތިން މެޗުން ވެސް މޮޅުވެފަ އެވެ. އިސްމާއިލް މަހަފޫޒް (އިންމަ)ގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ދަ ގްރާންޑޭއާ ދެކޮޅަށް ނުކުންނައިރު ނަޒީހު ބުނީ އެއްވެސް އިރެއްގައި އިދިކޮޅަށް ނުކުންނަ ޓީމަކާ މެދު ވަކި ހާއްސަ ޕްލޭންތަކެއް ނުގެންގުޅޭ ކަމަށެވެ.

"އަޅުގަނޑުގެ ވިސްނުން ހުންނަ ގޮތަކީ އަނެއް ޓީމާ މެދު ނުއެއް ވިސްނާނެ މާ ބޮޑަކަށެއް. ގްރާންޑޭ ވަރަށް ރަނގަޅު ފޯމެއްގައި އެ އޮތީ. އާދައިގެ ޓީމުތައް އަތުން މޮޅުވިޔަސް އެ މީހުން އެބަ މޮޅުވޭ. އެ މޮޅުވުމުގެ ސިލްސިލާ ދެމެހެއްޓުމަށް އެ ކޮންފިޑެންސް އިންނާނެ. މެޗަށް ނުކުންނައިރު ދެ ޓީމުގެ ދެމެދުގައި އޮތް ތަފާތަކީ އެއީ. އެކަމަކު މެޗު ފަށާގޮތަކުން އެއީ ގެއްލުން ވެސް އިންނަ އެއްޗެއް،" ނަޒީހު ބުންޏެވެ.

އޭނާ ބުނީ ޔުނައިޓެޑް ވިކްޓްރީގައި ހިމެނޭ ޒުވާން ކުޅުންތެރިންނަށް ވިސްނައިދެނީ ހަމައެކަނި ނަމެއްގައި ބޯޅަ ކުޅެލަން ނޫން ކަމަށާއި ކަމެއް ހާސިލްކުރުމަށް ކަމަށެވެ. އަދި އެންމެ މޮޅު ކުޅުންތެރިޔާ އަށް ނޫނީ އެންމެ މޯޅު ކޯޗަށްވެވޭނީ އެކަމަކާ ކެރިގެން ކުރިމަތިލާ އެއާ އެއްވަރަށް މަސައްކަތްކޮށްގެންކަން ވެސް ނަޒީހު ފާހަގަކުރި އެވެ.

3 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 40%
icon sad icon sad 0%
icon angry icon angry 60%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހުޅުބު

30 June 2019

ބޮޑުވަރު ނަޒީހު. ތިމާގެ އެއްވެސް ރޭވުންތެރިކޮމެއް ނެތުމުން މޮޅު ކުޅުންތެރިން ލިބުނީމަވެސް ޓީމް ބަލިވީމާ ގޯލް ކީޕަރ ބޮލަށް ތިކަނޑަނީ. ގައިމު މެޗު ބެލި މީހަކަށް ވިއްޔާ އިގޭނެ ޓީސީ މެޗުގައި 2 ލަނޑުގަވެސް ކީޕާރ ފޯލްޓެއް ނެއްކަން. ކަލެއަށް ނުވަންޔާ ދެން ހުއްޓާލާ . މީހުން ބޮލަށް ނުކަނޑާ.. ރޯނުއެދުރު

The name is already taken The name is available. Register?

ރަދީފް

30 June 2019

ސުޒޭން އަދި ނަޒީހްގެ ވާހަކަތައް ވަރަށް ރީތިވާނެ.

The name is already taken The name is available. Register?

ބާބޫ

30 June 2019

ނަޒީހު ކަލޯ ދާންވީ ބަޔާން ނޫނީ މެންޔޫ ނޫނީ ރިއާލް ފަދަ ޓީމަކަށް އޭރަށް ސާރީމެން ގާޑިއޯލާމެން ޖެހޭނީ ކައްނެއްޔައް ދާން....................

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454