17 ޖުލައި 2019 - 12:20
ފެޑެރޭޝަން އޮފް އެފްރޯ-އޭޝިއަން އިންޝުއަރާސް އެންޑް ރީއިންޝުއަރާސްގެ "ފެއާ މެޑިކަލް އިންޝުއަރަންސް އެންޑް ހެލްތް ކެއާ ކޮންގްރެސް" އެލައިޑް އިންޝުއަރެންސާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގުޅިގެން ފުރަތަމަ ފަހަރަށް ރާއްޖޭގައި ބާއްވަން ނިންމައިފި އެވެ.
މި ކޮންގްރެސް ބާއްވާނީ އަންނަ ހަފުތާގެ ހޯމަ ދުވަހުން ބުދަ ދުވަހުގެ ނިޔަލަށް "އަ ވޯލްޑް އޮފް އޮޕޮޗުނިޓީޒް" ގެ ނަމުގައި، ޕެރެޑައިސް އައިލެންޑް ރިސޯޓުގަ އެވެ. މި ކޮންގްރެސްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުމުން އާންމުންގެ ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް އެލައިންޑުން ބުންޏެވެ.
ފެޑެރޭޝަން އޮފް އެފްރޯ-އޭޝިއަން އިންޝުއަރާސް އެންޑް ރީއިންޝުއަރާސަކީ އޭޝިއާ އަދި އެފްރިކާ ބައްރުގެ އިންޝުއަރަންސް އަދި ރީއިންޝުއަރަންސާ ބެހޭ މައުލޫމާތު ގައުމުތަކުގެ މެދުގައި ބަދަލުކޮށް އިލްމީ އަދި ފަންނީ މާހިރުންގެ އެހީގައި އިންޝުއަރަންސް ކުރިއަރުވަން 1964 ވަނަ އުފައްދާފައިވާ ޖަމިއްޔާއެކެވެ.
ޖަމިއްޔާ 20 ގައުމެއްގެ ބައިވެރިވުމާ އެކު އުފެދި މަސައްކަތް ފުޅާވެ މެންބަރުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.
އެލައިންޑުން ސިފަކުރި ގޮތުގައި، މި ކޮންގްރެސް ހޯސްޓް ކުރުމުގެ ފުރުސަތު ލިބުމަކީ އެކުންފުނީގެ ހިދުމަތަށް 34 އަހަރު ފުރިފައި ވާއިރު ހިދުމަތް އިތުރަށް ފުޅާކޮށް ތަރައްގީކުރުމަށް ލިބުނު ރަނުގެ ފުރުސަތެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy