ކުޅިވަރު

އިންގްލެންޑުގެ ސްޓޯކްސަށް ނިއު ޒީލެންޑުގެ އެވޯޑް ނޮމިނޭޝަނެއް

ސްޓޯކްސް އިންގްލެންޑުގެ ސަޕޯޓަރުންނަށް އޮޓޯގްރާފްދެނީ.-- ފޮޓޯ: އޭއެފްޕީ

ކްރައިސްޗާޗް، ނިއު ޒީލެންޑް (ޖުލައި 20) - ކްރިކެޓް ވޯލްޑް ކަޕް ފައިނަލުގައި ނިއު ޒީލެންޑް އަތުން އިންގްލެންޑް މޮޅުކޮށްދޭން މޮޅު ކުޅުމެއް ދެއްކި ބެޓްސްމަން ބެން ސްޓޯކްސް، ނިއު ޒީލެންޑުގެ އެވޯޑަކަށް ނޮމިނޭޓްކޮށްފި އެވެ. ސްޓޯކްސް އަކީ ނިއު ޒީލެންޑަށް އުފަން ކުޅުންތެރިޔެކެވެ.

ލަންޑަނުގެ ލޯޑްސްގައި ކުޅުނު ފައިނަލް މެޗުގެ 50 އޯވަރު ނިމުނުއިރު ދެ ޓީމު އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރެން ކުޅުނު ސުޕަ އޯވަރުގައި ވެސް ދެ ޓީމު ވީ އެއްވަރެވެ. އާދަޔާހިލާފު ގޮތަކަށް ދިޔަ މި ފައިނަލުގެ އެންމެ ފަހުން ނަތީޖާ ނެރުނީ މުޅި މެޗުގައި ދެ ޓީމުން ބައުންޑަރީ (ހަތަރަކާއި ހަޔަކަށް) އަށް ޖެހި ބޯޅަތަކަށް ބަލައިގެންނެވެ. ނިއު ޒީލެންޑް ހިތްދަތި ގޮތަކަށް ބަލިވި މި ފައިނަލުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު އިންގްލެންޑްގެ ސްޓޯކްސް އަކީ ނިއު ޒީލެންޑަށް އުފަން ކުޅުންތެރިއެކެވެ. ސްޓޯކްސް ވަނީ ފައިނަލުގައި 84 ލަނޑު ހަދައިފަ އެވެ.

ވޯލްޑް ކަޕް ކާމިޔާބުކުރި އިންގްލެންޑް ޓީމުގައި ސްޓޯކްސްގެ އިތުރުން ވެސް އެހެން ގައުމުތަކަށް ނިސްބަތްވާ ކުޅުންތެރިން ހިމެނެ އެވެ. އެ ގޮތުން އިންގްލެންޑްގެ ކެޕްޓަން މޯގަން އަކީ އަޔަލެންޑަށް އުފަން ކުޅުންތެރިއެކެވެ. ޒުވާން އުކުންތެރިޔާ ޔޯފްރާ އާޗާ އަކީ ބާބަޑޯސް އަށް އުފަން ކުޅުންތެރިއެކެވެ. އަދި ދެކުނު އެފްރިކާ އަށް ނިސްބަތްވާ ޖޭސަން ރޯއީ ޓީމުގައި ހިމެނޭއިރު، މުއީން އަލީ އާއި އާދިލް ރާޝިދަކީ ޕާކިސްތާނުގެ އާއިލާ އަކަށް ނިސްބަތްވާ ދެ ކުޅުންތެރިންނެވެ.

ދުނިޔޭގެ ފެންވަރުގެ މުބާރާތްތަކާއި ދުނިޔޭގެ ލެވަލްގައި ނިއު ޒީލެންޑަށް އުފަން މީހުން ހޯދާ ކާމިޔާބީތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ "ނިއު ޒީލެންޑާ އޮފް ދަ އިޔާ" އެވޯޑަށް މި ފަހަރު ސްޓޯކްސް ނޮމިނޭޓްވުމަކީ ގިނަ ބަޔަކަށް ލިބުނު ހައިރާންކަމެކެވެ. އެއީ ބައިނަލްއަގްވާމީ މައިދާނުގައި ސްޓޯކްސް ތަމްސީލުކުރަމުން އަންނަނީ އިންގްލެންޑް ކަމަށްވާތީ އެވެ.

ފައިނަލް މެޗުގެ ތެރެއިން ސްޓޯކްސް ދަނޑުމަތީގައި. -- ފޮޓޯ: އޭއެފްޕީ

މިހާރު އުމުރުން 28 އަހަރުގެ ސްޓޯކްސް އިންގްލެންޑަށް ބަދަލުވީ އުމުރުން 12 އަހަރުގަ އެވެ. ނިއު ޒީލެންޑުގެ މި އެވޯޑް އިންތިޒާމުކުރާ ފަރާތުން ބުނީ ސްޓޯކްސް މި އެވޯޑަށް ނޮމިނޭޓްކުރީ ގިނަ ސަބަބުތަކަށް ބެލުމަށް ފަހު ކަމަށެވެ.

"ފަހަރުގައި އޭނާ ނުވެދާނެ ނިއު ޒީލެންޑަށް ކުޅޭ ކުޅުންތެރިޔަކަށް. އެކަމަކު ޔަގީންކަމާ އެކު އެނގޭ ކަމަކީ ސްޓޯކްސް އުފަންވީ ނިއު ޒީލެންޑުގެ ކްރައިސްޗާޗަށްކަން. އޭނާގެ އާއިލާ މީހުން މިހާރު ވެސް އެތަނުގައި ދިރިއުޅޭ. އަދިވެސް ގިނަ ބަޔަކު ގަބޫލުކުރޭ ސްޓޯކްސް އަށް ގައުމުގެ ނަން ފަހުރުވެރިކޮށްދެވޭނެކަމަށް،" އެވޯޑްގެ ޗީފް ޖަޖް ކެމެރަން ބެނެޓް ބުންޏެވެ.

ސްޓޯކްސްއާ މި އެވޯޑަށް އެންމެ ބޮޑަށް ވާދަކުރާނެ ކަމަށް ބެލެވެނީ ނިއު ޒީލެންޑް ކްރިކެޓް ޓީމުގެ ކެޕްޓަން ކޭން ވިލިއަމްސަން އެވެެ. ކްރިކެޓް ވޯލްޑް ކަޕްގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ވިލިއަމްސަން އެވެ.

މިއީ ނިއު ޒީލެންޑުން މި އެވޯޑް ދޭ 11 ވަނަ ފަހަރެވެ. މީގެ ކުރިން އެ އެވޯޑް ހާސިލްކޮށްފައިވާ ފަރާތްތަކަށް ބަލާއިރު، ނިއު ޒީލެންޑުގެ ރަގްބީ ޔޫނިއަންގެ ކެޕްޓަން ރިޗީ މެކްކޯ އާއި ފިލްމް ޕްރޮޑިއުސަރު ވައިކާ ވައިޓީޓީ އަދި މެންޓަލް ހެލްތު ކެމްޕެއިންކުރާ މައިކް ކިންގް ހިމެނެ އެވެ. މި އަހަރުގެ އެވޯޑް ލިބޭ ފަރާތެއް އާންމުކުރާނީ އަންނަ އަހަރު ފެބްރުއަރީގަ އެވެ.

0 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 88%
icon sad icon sad 0%
icon angry icon angry 13%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454