ދިރާގުން ވަނީ ދިވެހި ރެޑް ކްރެސެންޓްގެ ކޯޕަރޭޓް މެމްބާޝިޕް އާކޮށްފައި-- ފޮޓޯ: ދިރާގު
21 އޯގަސްޓް 2019 - 16:12
ދިރާގުން ދިވެހި ރެޑް ކްރެސެންޓުގެ ކޯޕަރޭޓް މެމްބާޝިޕް އާކޮށް އެއްބަސްވުމުގައި މިއަދު ސޮއި ކޮށްފި އެވެ.
ދިވެހި ރެޑް ކްރެސެންޓުގެ ސަބްސްކްރައިބިން މެމްބާޝިޕަކީ ކާރިސާތަކުގެ ވަގުތުތަކުގަ އާއި އާއްމު ހާލަތްތަކުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ނާޒުކު ފަރާތްތަކަށް އެ މުއައްސަސާގެ ދަރުމަވެރިން ފޯރުކޮށްދޭ ހިދުމަތްތަކަށް އެއްބާރުލުމާ އެހީތެރިކަން ދިނުމަށް ވިޔަފާރި ކުންފުނިތަކަށް ހުޅުވާލާފައިވާ ފުރުސަތެކެވެ. ދިރާގުން ވަނީ ދިވެހި ރެޑް ކްރެސެންޓުން ކުރިއަށްގެންދާ މުހިންމު މަސައްކަތުގައި ބައިވެރިވުމަށް ކޯޕަރޭޓް މެމްބަރަކަށްވެ އެއްބަސްވެފަ އެވެ.
މި އެއްބަސްވުމުގައި މިއަދު ސޮއިކޮށްފައިވާއިރު މިއީ ވޯލްޑް ހިޔުމަނިޓޭރިއަން ޑޭ އާއި ދިވެހި ރެޑް ކްރެސެންޓަށް 10 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ކުރިއަށްގެންދިޔަ މުހިންމު ހަރަކާތެއް ކަމަށް ދިރާގުން ބުނެ އެވެ.
ދިވެހި ރެޑް ކްރެސެންޓުގެ ސެކެޓްރީ ޖެނެރަލް އައިޝަތު ނޫރާ ވިދާޅުވީ، ދިރާގަކީ ދިވެހި ރެޑް ކްރެސެންޓްގެ އެންމެ ފުރަތަމަ ކޯޕަރޭޓް މެމްބަރަށްވެފައި އެ ކުންފުނީގެ މެމްބަޝިޕްގެ ސަބަބުން ރެޑް ކްރެސެންޓުގެ ދަރުމަވެރިން ކުރާ މަސައްކަތްތަކަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެ ކަމަށެވެ. މީގެ އިތުރުން، ހަރުދަނާ ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމުގައި ދިރާގުން އަބަދުވެސް އެއްބާރުލުން ދޭކަމަށް އޭނާ ވިދާޅުވި އެވެ.
ދެހާސް ނުވަ ވަނަ އަހަރު އުފެއްދި ދިވެހި ރެޑް ކްރެސެންޓުގެ މައިގަނޑު މަގުސަދަކީ ހާލުގައި ޖެހިފައިވާ ފަރާތްތަކާއި ނާޒުކު، ނިކަމެތި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދީ ރައްކާތެރިކަން ފޯރުކޮށްދިނުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy