ސްވިމިން އެސޯސިއޭޝަނާއި މާލެ ފިޓްނަސް ކްލަބުން މިދިޔަ އަހަރު ކ. ދިއްފުށީގައި ބޭއްވި ފެތުމުގެ މުބާރާތުގެ ތެރެއިން. --ފޮޓޯ:ނިޝާން އަލީ/ މިހާރު
05 ސެޕްޓެމްބަރ 2019 - 11:34
ކަސްރަތަށާއި މުނިފޫހިފިލުމަށް ދުވަންދާ މީހުންނާއި ފަތަންދާ މީހުން ރާއްޖޭގައި އަންނަނީ ވަރަށް ގިނަ ވަމުންނެވެ. އެގޮތަށް ދުވެ، ޓައިމިން ރަނގަޅުކޮށް ރަނގަޅު ފެންވަރުގެ ދުވުންތެރިންނަށް ބަދަލުވެފައިވާ އާއްމުން ވެސް އެބަތިއްބެވެ. އެކަމުގެ އެންމެ ބޮޑު ޝުކުރެއް ހައްގުވަނީ ރާއްޖޭގައި ބާއްވާ ދުވުމުގެ ރޭސްތަކަށެވެ. ފަތާ މީހުންނަށް މިހާތަނަށް އޮތީ ހަމައެކަނި ޓްރެކަށް އެރިލައި ދެ ތިން ބުރު ޖަހާލުމެވެ.
އެކަމަކު އެކަން ބަދަލުވާން ދެން މާގިނަ ދުވަހެއް ނެތެވެ. ސްވިމް މޯލްޑިވްސް އިން މިވަނީ އާއްމުންނަށް ހުޅުވާލައިގެން 'ދިރާގު މާލޭ އޯޕަން' ގެ ނަމުގައި އޯޕަން ވޯޓާ ފެތުމުގެ މުބާރާތެއް އަންނަ އޮކްޓޯބަރު 12 ވަނަ ދުވަހު ރަސްފަނު ބޭރުގައި ބާއްވަން އިއުލާންކޮށްފަ އެވެ.
ފެތުން ވަރަށް ބޮޑަށް ޕްރޮމޯޓްކުރަމުން އަންނަ މަޝްހޫރު ގާނޫނީ ވަކީލް ހުސެއިން ޝަމީމްގެ ސްވިމް މޯލްޑިވްސް އިން މި އިވެންޓް ބާއްވަނީ ސީދާ ކަސްރަތަށާއި ރިކްރިއޭޝަނަލީ ފަތާ މީހުންނަށް އަމާޒުކޮށްގެންނެވެ. އެކަމަކު ރާއްޖޭގެ މަތީ ފަންތީގެ ފެތުންތެރިން ނުފަތާނެއެކޭ ނޫނެވެ.
އިވެންޓް ބަހާލާފައިވަނީ ހަތް ކެޓަގަރީއަކަށެވެ. އެއީ 10 އަހަރުން ދަށުގެ ކުދިންނަށް ބާއްވާ 500 މީޓަރުގެ ރޭހާއި 11-14 އަހަރާ ދެމެދުގެ ކުދިންނާއި 15-19 އަހަރާ ދެމެދުގެ ކުރިންނަށް ބާއްވާ އެއް ކިލޯމީޓަރު ރޭހެވެ. މީގެ އިތުރުން 20-29 އަހަރާ ދެމެދާއި 30-39 އަހަރާ ދެމެދާއި 40-49 އަހަރާ ދެމެދަށް އަދި 50 އަހަރުން މައްޗަށް އެއް ކިލޯމީޓަރުގެ ރޭހަކާއި 500 މީޓަރުގެ ރޭހެއް ބާއްވާނެ އެވެ.
Events | Swim Maldives
Dhiraagu Male' Open Swimming Competition 2019 is an open water swimming competition. Distances include 1 KM and 500 M category
Swim Maldives
ސްވިމް މޯލްޑިވްސް މާލޭ އޯޕަންގެ ރަޖިސްޓްރޭޝަން ލިންކް.
މީގެ ތެރެއިން 500 މީޓަރު ރޭސް 30 މިނެޓުގެ ތެރޭ ނިންމަން ޖެހޭނެ އެވެ. އަދި އެއް ކިލޯމީޓަރުގެ ރޭސް އެއް ގަޑިއިރުގެ ތެރޭ ނިންމަން ޖެހޭނެ އެވެ. ކޮންމެ އުމުރުފުރާއަކުން އެންމެ ބާރު ތިން ފެތުންތެރިން ހޮވާނެ އެވެ. އަދި ޖުމްލަކޮށް ހުރިހާ އިވެންޓެއް އެއްކޮށް އެންމެ ބާރު ތިން ފެތުންތެރިން ހޮވައި އިނާމް ދޭނެ އެވެ. މި އިވެންޓުގެ ޓައިޓަލް ސްޕޮންސާއަކީ މުވާސަލާތީ ކުންފުނި ދިރާގެވެ. ހޯސްޓިން ޕާޓްނަރަކީ މާލޭ ސިޓީ ކައުންސިލެވެ.
މި އިވެންޓުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު މިހާތަނަށް ވަނީ ރާއްޖޭން ބޭރު ފެތުންތެރިން ވެސް ރަޖިސްޓްރީވެފަ އެވެ. އަދި ރާއްޖެގައި މަސައްކަތްކުރާ ބައެއް ބިދޭސީން ވެސް ބައިވެރިވި އެވެ. ސްވިމް މޯލްޑިވްސްގެ އެއް މަގުސަދަކީ ވެސް ރާއްޖެ ޕްރޮމޯޓްކުރުމުގެ އިވެންޓެއްގެ ގޮތުގައި ބޭއްވުމެވެ.
ފަތަން ދަންނަ ކޮންމެ މީހަކަށް ވެސް ބައިވެރިވުމުގެ ފުރުސަތު އޮތްއިރު ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ކޯސްޓްގާޑް އޮންނާނެ އެވެ. އަދި ސިއްހީ ގޮތުން ފޯރުކޮށްދޭން ޖެހޭ އެހީތެރިކަމަކަށް ވެސް މީހުން ހަމަޖައްސާފައި ތިބޭނެ އެވެ.
މިއީ ސްވިމް މޯލްޑިވްސްގެ ދެ ވަނަ އިވެންޓެވެ. ފުރަތަމަ އިވެންޓަކީ މި އަހަރުގެ ފެބްރުއަރީ މަހު ބޭއްވި 'ބާ ބީއާރް ކްރޯލް' އެވެ. ތިމާވެށީގެ މައްސަލަތަކަށް އާއްމުން ހޭލުންތެރި ކުރުވުމަށް މަގުސަދުގައި ބޭއްވި މި އިވެންޓް ބ. އޭދަފުށިން ފަށައި ކެންދޫ އަށް ނިންމާލީ 43.7 ކިލޯ މީޓަރަށް ފަތައި 23 ރަށަށް އެރުމަށް ފަހު އެވެ. އަދި އިވެންޓުގެ ތެރެއިން އެއް ދުވަހު 6.75 ކިލޯމީޓަރަށް ފަތައި ރާއްޖޭގައި މިހާތަނަށް ކަނޑު ހުރަސްކޮށް އެއް ދުވަހާ އެންމެ ދިގުކޮށް ފެތުމުގެ ރެކޯޑް ވެސް ހެދި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy