އިއްޔެގެ މެޗުގެ ތެރެއިން އަޖުފާން ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: އިމޭޖަސް.އެމްވީ
18 ސެޕްޓެމްބަރ 2019 - 08:50
އިއްޔެ މާލޭގައި ފެށި ލިނިން މޯލްޑިވްސް އިންޓަނޭޝަނަލް ފިއުޗާ ސީރީސްގެ ފިރިހެން ސިންގަލްސް ފުރަތަމަ ބުރުގައި ވާދަކުރި ރާއްޖޭގެ ގިނަ ކުޅުންތެރިންނަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު ނަމަވެސް ގައުމީ ޗެމްޕިއަން މުހައްމަދު އަޖުފާން ކުޅުނު މެޗުން މޮޅުވެ މުބާރާތުގެ ދެ ވަނަ ބުރުން ފުރުސަތު ހޯދައިފި އެވެ.
ފަސް އަހަރުގެ މެދުކެނޑުމަކަށް ފަހު ރާއްޖޭގައި ބާއްވާ ބައިނަލްއަގުވާމީ ފުރަތަމަ ބެޑްމިންޓަން މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމް އެވެ.
ބެޑްމިންޓަނުން ބައިނަލްއަގުވާމީ މުބާރާތްތައް އަލުން ފެށީ ސްޕޯޓްސް މިނިސްޓްރީގެ އެހީގައި ކުޅިވަރު އެކުވެނި އިންޑޯ ކޯޓު ރަނގަޅު ފެންވަރަކަށް ތަރައްގީ ކޮށްދިނުމުންނެވެ. ސަރުކާރުން ވަނީ ބޮޑު ހޭދައެއްކޮށް ބެޑްމިންޓަން ކޯޓުތައް އެންމެ ރަނގަޅު ފެންވަރަށް ތަރައްގީކުރަން ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. ސްޕޯޓްސް މިނިސްޓްރީން ބުނީ މިއީ ވޭތުވެދިޔަ 24 އަހަރު ތެރޭ ބެޑްމިންޓަން ކުރިއަރުވަން ސަރުކާރުން ކޮށްދިން އެންމެ ބޮޑު މަސައްކަތް ކަމަށެވެ.
ކުޅިވަރު އެކުވެނި ބެޑްމިންޓަން ކޯޓުގައި އިއްޔެ ކުޅުނު މެޗުން އަޖުފާން މޮޅުވީ މެލޭޝިއާގެ ކްރީތިކް ރަމޭޝްއާ ވާދަކޮށް 21-12، 21-19 އިންނެވެ. މި މެޗުގެ ފުރަތަމަ ސެޓުގައި އަޖުފާން ރަނގަޅު ލީޑެއް ނަގައި ހަމަޖެހިލައިގެން ކުޅުނު ނަމަވެސް ދެ ވަނަ ސެޓުގައި ކޮންމެވެސް ވަރެއްގެ އުނދަގޫތަކެއް ކުރިމަތިވި އެވެ. ދެ ވަނަ ސެޓު ފެށިގެން ރަމޭޝް ލީޑެއްގައި އޮތް ނަމަވެސް ފަހަތުން އަރައި އަޖުފާން ވަނީ ހިތްވަރުގަދަ ކުޅުމެއް ދައްކައި އޭނާ ކޮޅަށް ނަތީޖާ އަނބުރާލައިފަ އެވެ.
ދެ ވަނަ ބުރުގައި މިއަދު އަޖުފާން ބައްދަލުކުރާނީ އިންޑިއާގެ ރާޖޭސަކަރަންއާ އެވެ. އަޖުފާންގެ އިތުރުން ފިރިހެން ސިންގަލްސް އިވެންޓުގައި ރާއްޖޭގެ ޒަޔާން ޒަކީ ވެސް ކުޅޭނެ އެވެ. ޒަޔާން ނުކުންނާނީ މެލޭޝިއާގެ ބްރަޔާން ލުންއާ ދެކޮޅަށެވެ.
އިއްޔެ ފިރިހެން ސިންގަލްސް ބައިގައި ދެ ވަނަ ބުރުގެ ޖާގަ އަކަށް އެންމެ ރަނގަޅު ފައިޓެއް ދިނީ ޒުވާން ކުޅުންތެރިޔާ އަހުމަދު ނިބާލް އެވެ. ފޯރިގަދަ މެޗަކަށް ފަހު ތައިލެންޑްގެ ޕަކާޕޮން އަތުން ބަލިވީ 17-21، 21-11 އަދި 21-18 އިންނެވެ. މި މެޗުގެ ފުރަތަމަ ސެޓު ނިބާލް ވަނީ މޮޅަށް ކުޅެގެން ގެންގޮސްފަ އެވެ. ދެ ވަނަ ސެޓު ފަށައިގެން ވަރަށް ވާދަވެރިކޮށް ގޮސް ވަކި ހިސާބަކުން ނިބާލް އަތުން ހެދުނު ގޯސްތަކުގެ ފައިދާނަގައި ޕަކާޕޮން ސެޓު ގެންގޮސް އުއްމީދުއާ ކުރި އެވެ. ތިން ވަނަ ސެޓުގައި ނިބާލް އަތުގައި ބޮޑު ލީޑެއް އޮއްވައި ގެއްލުނީ އެވެ.
އިއްޔެގެ މެޗުގެ ތެރެއިން ރާއްޖޭގެ ނިބާލް ބޯޅަ ފޮނުވާލަނީ. -- ފޮޓޯ: އިމޭޖަސް.އެމްވީ
ނިބާލް "މިހާރަ"ށް ބުނީ ފަހު ދެ ސެޓުގައި ވަރުބަލިވެ އެންމެ ރަނގަޅު ކުޅުން ދައްކަން އުނދަގޫވި އެވެ. އެކަމަކު ޖުމްލަކޮށް ބަލާއިރު މި މެޗުގައި ނިބާލް ރަނގަޅު ކުޅުމެއް ދެއްކިކަން ގިނަ ބަޔަކު ފާހަގަކުރި އެވެ.
ފިރިހެން ސިންގަލްސްގައި ރާއްޖޭގެ އެހެން ކުޅުންތެރިންގެ ނަތީޖާ އަށް ބަލާއިރު، އައްފާން އަލީ ވަނީ އިންޑިއާގެ ތަރުން އަތުން 21-08، 21-04 އިން ބަލިވެފަ އެވެ. އިންޑިއާގެ އަންސަލް ޔާދަވް އަތުން ރާއްޖޭގެ މުހައްމަދު ސޮބާހު ބަލިވީ 21-07، 21-10 އިންނެވެ. ރާއްޖޭގެ ތޯއިފް އަހުމަދު ބަލިވީ ޗައިނީސް ޓައިޕޭގެ ލޫ ޝިއާ އަތުން 21-10، 21-07 އިންނެވެ. އިންޑިއާގެ ރަގޫ އަތުން ރާއްޖޭގެ މުހައްމަދު އާކިފް ބަލިވީ 21-09، 21-07 އިންނެވެ. އަދި މެލޭޝިއާގެ ޔީ އަތުން ރާއްޖޭގެ އިބްރާހިމް ރާޝިއު ބަލިވީ 21-03، 21-10 އިންނެވެ.
މުބާރާތުގައި މިއަދު އަންހެން ސިންގަލްސް މެޗުތައް ވެސް ކުޅޭނެ އެވެ. އެ ގޮތުން ރާއްޖޭގެ މާޝާ ރަޝީދު، އައިމިނަތު ޝަހުރުނާޒް، ނީލާ ނަޖީބު އަދި ފާތިމަތު ނަބާހާ ކުޅޭ މެޗު އޮންނާނެ އެވެ.
ރާއްޖޭގައި އެންމެ ފަހުން ބައިނަލްއަގްވާމީ ބެޑްމިންޓަން މުބާރާތެއް ބޭއްވީ 2013 ވަނަ އަހަރު އެވެ. އޭގެ ފަހުން 2014 ވަނަ އަހަރު ކުޅިވަރު އެކުވެނީގެ އިމާރާތަށް ލިބުނު ގެއްލުމެއްގެ ސަބަބުން އެ މުބާރާތް ނުބޭއްވުނެވެ. އެހެންވެ އަމިއްލަ ގައުމުގައި ބައިނަލްއަގުވާމީ މުބާރާތެއް ކުޅެލުމުގެ ފުރުސަތު ރާއްޖޭގެ ކުޅުންތެރިންނަށް އޮތީ ގެއްލިފަ އެވެ.
ފިއުޗާ ސީރީސް އަށް ފަހު ދެން މި މަހު 24 އިން 29 އަށް ކުރިއަށްދާނީ މޯލްޑިވްސް އިންޓަނޭޝަނަލް ބެޑްމިންޓަން ޗެލެންޖް އެވެ. އެ މުބާރާތުގައި 45 ގައުމަކުން 268 ކުޅުންތެރިން ވާދަކުރާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފުއާދް
18 September 2019
ތިނުވޭ ކުޅިވަރަކައް
ނަސީއު
18 September 2019
އަޖޫ ކުޅުނު ގޭމް ތަފާތު މޮޅު
ފިޔުޗަރ ބޯއީ
18 September 2019
އިއްޔެ މެޗުތައް ބެލި އެންމެނަށްވެސް އެނގޭނެ ނިބާލް ކުޅުނު މެޗާއި އަޖުފާން ކުޅުނުމެޗުގެ ތަފާތު ހުރިވަރު. އަޖުފާން ކުޅުނީ ނިސްބަތުން އަޖޫއަށްވުރެ ދަށްކުޅުންތެރިޔަކާ. އެކަމަކު ނިބާލް ކުޅުނީ ހުރިހާގޮތަކުންވެސް ނިބާލްއަށްވުރެ މޮޅު އަދި ނިބާލްއަށްވުރެ 2 އަހަރު ދޮށީ ކުޅުންތެރިޔަކާ. އެކަމަކުވެސް ވަރަށް މޮޅަށްކުޅުން. 3 ސެޓަށް ގޮސްގެން މިވާގޮތެއް ރަނގަޅުކޮށްލަން އެބަޖެހޭ ފިޔުޗަރ ބޯއީ.
ޕަވެލް
18 September 2019
ހަމަ އެކުޅުންތެރިޔާ އަތުން ނިބާލު ވީ ބަލި މީގެ އަށް މަސް ކުރިން.
ޔޮނެކްސް
18 September 2019
ނިބާލް ވަރަށް މޮޅަށް ކުޅުން ސާބަސް ދެން.
މުރާސިލު
18 September 2019
ކޯޓުތައް ރަނގަޅު ފެންވަރަކަށް ހެދިކަމަށް ވިދާޅުވާއިރު ކޯޓުތަކުގެފެންވަރު ވަރަށްދަށެވެ. ކޯޓުގައި އަޅާފައިހުރިމެޓްތަކުގެހިންމިތައް ވަރަށްބޮޑަށްފާހަގަވެއެވެ. އަދި ދެކޯޓުދޭތެރޭގައި އޮންނަޖާގަ ކުޑަކަމުން ކުޅުންތެރިން އެއްފަރާތުން އަނެއްފަރާތަށް ނެޓުދަށުން ދާންޖެހުމާއި، ކުޅުންތެރިންގެ ތަކެތި ބަހައްޓާތަން ތިރިވުމާއި އެތަކެތީގެ ފެންވަރުވެސް ދައްކަން ފާހަގަކުރެވެއެވެ. އިންޓަރނޭޝަނަލް މުބާރާތްތައް ބާއްވާއިރު ތިއަށްވުރެ އިންތިޒާމްތައް ރަނގަޅުވާންޖެހެއެވެ.
އަރް
18 September 2019
ކުޅުމަކީ މޮޅުވުމާއި ދެރަވުން އޮތް ކަމެއް ކުޅުން ތެރިންނަށް އެކަން އިގޭނެ ކިތައްމެ ދޮށީ ވިޔަސް ކިތައްމެ ހަގު ވިޔަސް މޮޅުވެސް ވެދާނެ އަދި ދެރަވެސް ވެދާނެ ވީމާ ދެރަވުން އަދި މޮޅުވުން އެއީ ކުޅިވަރު ތެރޭވާ ކަމެއް ކަން ވަރަށް ހަނދާން ކޮށްދެއް އަހަރެންގެ ހިޔާލު .........