ކުޅިވަރު

ގައުމީ ކްރިކެޓް ޓީމުގެ ޕްރެކްޓިސްތައް ކުއްލި ގޮތަކަށް ހުއްޓާލައިފި

ގައުމީ ކްރިކެޓް ޓީމުގެ ސްކޮޑް. -- ފޮޓޮ:ނިޝާން އަލީ/ މިހާރު

ގައުމީ ފިރިހެން ކްރިކެޓް ޓީމުގެ ޕްރެކްޓިސްތައް ކްރިކެޓް ބޯޑުން ކުއްލި ގޮތަކަށް މެދުކަނޑާލައިފި އެވެ.

ގައުމީ ޓީމުގެ ކޯޗުކަމުން ދާދި ފަހުން އިސްތިއުފާ ދިން ދެކުނު އެފްރިކާގެ އާސިފް ހާން ކުޅުންތެރިންތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުކުރެވި އެ މައްސަލަ ފުލުހުން ބަލަމުން އަންނަނިކޮށް، އިއްޔެ ބޯޑުން ކުޅުންތެރިން އަންގާފައިވަނީ ވަކި އެއްޗެއް އަންގަންދެން ޕްރެކްޓިސްތައް މެދުކަނޑާލާފައިވާ ކަމަށެވެ.

ބޯޑުގެ ޖެނެރަލް ސެކްރެޓަރީ އަލީ ފާއިޒް (ފަޔާ) ވިދާޅުވީ ޕްރެކްޓިސް މެދުކަނޑާލި އެއް ސަބަބަކީ މިވަގުތު ކޯޗެއް ނެތުން ކަމަށެވެ. އަނެއް ސަބަބަކީ އެންމެ އަވަހަށް ވާދަކުރަން އޮތް މުބާރަތް ކަމަށްވާ ސައުތު އޭޝިއަން ގޭމްސްގެ ރަސްމީ ތާރީހުތަކެއް ލިބިފައިނުވުމާއި އިންޑިއާ އިން ދީފައިވާ ތަމްރީން ދަތުރު ވެސް އެއްކޮށް ފައިނަލްނުވާތީ ކަމަށެވެ. އަދި އިންޑިއާ ތަމްރީން ދަތުރު ސައުތު އޭޝިއަން ގޭމްސްގެ ކުރިން ހަމަޖައްސަން މަސައްކަތްކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސައުތު އޭޝިއަން ގޭމްސް ޑިސެމްބަރު 1-10 އަށް ނޭޕާލުގައި އޮންނާނެކަން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ވަނީ އިއުލާންކޮށްފަ އެވެ. އަދި އެ މުބާރާތަށް ތައްޔާރުވުމަށް އިންޑިއާގެ އެހީގައި ނޮވެމްބަރު 1-30 އަށް ޗެންނާއީ ތަމްރީން ހެދުމަށް ހަމަޖެހިފައިވާކަން ކުޅުންތެރިންނަށް ވަނީ ކުރިން އަންގައިފަ އެވެ.

ނަން ހާމަނުކުރާ ގޮތަށް "މިހާރު" އާ ވާހަކަދެއްކި ކުޅުންތެރިޔަކު ބުނީ ކުއްލި ގޮތަކަށް ޕްރެކްޓިސް މެދުކަނޑާލީ ކޯޗުގެ މައްސަލައިގައި ބޯޑާ ދެކޮޅަށް ކުޅުންތެރިން ތެދުވުމުން އެކަމުގެ އަދަބެއްގެ ގޮތުގައި ކަމަށް ކުޅުންތެރިން ދެކޭ ކަމަށެވެ.

"ސައުތު އޭޝިއަން ގޭމްސްގެ ތާރީހު ކްރިކެޓް ބޯޑަށް ނޭގެންޏާ އެއީ މައްސަލައެއް. އަދި އޭގެ ކުރިން ޗެންނާއީ އަށް ތަމްރީން ހެދުމަށް ދާނެކަން ކުޅުންތެރިންނަށް އަންގާފައި އޮތީ. އެހެންވެ ކުއްލި ގޮތަކަށް ޕްރެކްޓިސްތައް މެދުކަނޑާލީ އަދަބެއްގެ ގޮތުން ކަމަށް ކުޅުންތެރިން ދެކެނީ،" އޭނާ ބުންޏެވެ.

ގައުމީ ކްރިކެޓް ޓީމުގެ ކުރީގެ ކޯޗު އާސިފް ހާން: އޭނާގެ މައްސަލަ ފުލުހުން އަންނަނީ ބަލަމުން.

އެ ކުޅުންތެރިޔާ އިތުރަށް ބުނި ގޮތުގައި ކޯޗެއް ނެތުމަކީ ޕްރެކްޓިސް ނުކުރެވެންވީ ސަބަބެއް ނޫން ކަމަށާއި ވަގުތީ ކޯޗަކާ އެކު ނުވަތަ ކުޅުންތެރިން އަމިއްލަ ގޮތުން ވެސް ޕްރެކްޓިސްތައް ކުރިއަށް ގެންދެވޭނެ އިންތިޒާމެއް ބޯޑުން ހަމަޖައްސައިދޭން ޖެހޭނެ ކަމަށެވެ. އަދި އިންޑިއާ ތަމްރީން ދަތުރާއި ސައުތު އޭޝިއަން ގޭމްސް އޮތުމުން ބައެއް ކުޅުންތެރިން އޮފީހުން ވެސް ރިލީޒް ހަމަޖައްސާފައި އޮއްވާ ވަކި އެއްޗެއް ނާންގައި ޕްރެކްޓިސް މެދުކަނޑާލުމުން ކުޅުންތެރިން ތިބީ ވަރަށް ބޮޑު ނުތަނަވަސްކަމެއްގެ ތެރޭގައި ކަމަށް އޭނާ ބުންޏެވެ.

ރާއްޖޭން މިހާތަނަށް ތައްޔާރުވަމުން އައީ މެލޭޝިއާގައި ޖޫން މަހު އޮތް ބައިނަލްއަގްވާމީ ޓްރި-ނޭޝަންސް ޓީޓްވެންޓީ މުބާރާތުން ދެ ވަނަ ރާއްޖެ އަށް ހޯދައިދިން އާސިފް ހާނުގެ ބެލުމުގެ ދަށުންނެވެ. އޭނާ ކުއްލި ގޮތަކަށް އިސްތިއުފާދީ ރާއްޖޭން ފުރަން ގޮސް ހުއްޓާ މިދިޔަ ހޮނިހިރު ދުވަހު އެއާޕޯޓުން ހައްޔަރުކުރީ ކުޅުންތެރިންތަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގަ އެވެ. އެކަމަކު އަނެއް ދުވަހު ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލީ 24 ގަޑިއިރު ހަމަވިއިރު ކޯޓަށް ހާޒިރުކޮށްފައިނުވާތީވެ އެވެ. ފުލުހުން އޭނާ އަލުން ހައްޔަރެއް ނުކުރެ އެވެ.

ގައުމީ ފިރިހެން އަދި އަންހެން ކްރިކެޓް ޓީމުގެ ކުޅުންތެރިން ނެރުނު ބަޔާނެއްގައި ބުނީ ކުއްލި ގޮތަކަށް ގައުމީ ކްރިކެޓް ޓީމުގެ ހެޑްކޯޗުކަމުން އާސިފް އިސްތިއުފާ ދިން އަސްލު ސަބަބު އާއްމުންނަށް އެނގިޔަ ނުދީ އޮތްކަން އެ ކުޅުންތެރިންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އެ ކުޅުންތެރިންނަށް އިތުބާރު ކުރެވޭ ފަރާތްތަކެއްގެ ފުށުން މައުލޫމާތު ލިބިފައިވާ ގޮތުގައި، ޒުވާން ކްރިކެޓް ކުޅުންތެރިންނަށް އެކި ފަހަރު މަތިން އާސިފް ޖިންސީ ގޯނާކޮށްފައިވާކަން ތުހުމަތުކުރެވޭ ކަމަށާއި އޭގެ ތެރޭގައި އޭނާ އެ އަމަލު ހިންގި ކަމަށް ތުހުމަތުކުރެވޭ ދުވަސްވަރު 18 އަހަރު ނުފުރޭ ކުޅުންތެރިން ވެސް ހިމެނޭ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

އެ ބަޔާނުގައި ކުޅުންތެރިން ވަނީ މި މައްސަލައިގައި ކްރިކެޓް ބޯޑުން އަމަލުކުރި ގޮތް ވަރަށް ބޮޑަށް ކުށްވެރިކޮށްފަ އެވެ. އެއީ ޖިންސީ ގޯނާގެ މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހަނާޅައި އާސިފް ރާއްޖޭން ފުރުވާލަން، ސީދާ ގޮތުން ވިޔަސް ނުސީދާ ގޮތުން ވިޔަސް، ކްރިކެޓް ބޯޑުން އެހީވުން ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ. އަދި ބޯޑުން މިކަމުގައި އަމަލުކުރި ހުތުރު ގޮތުގެ ސަބަބުން ޖިންސީ ގޯނާގެ ޝިކާރަޔަކަށްވި ކުޅުންތެރިންނާއި އެ ކުޅުންތެރިންގެ އާއިލާތަކަށް އިތުރު ގެއްލުމެއް ލިބިފައިވާ ކަމަށް އެ ކުޅުޅުންތެރިން ދެކެ އެވެ.

3 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 20%
icon sad icon sad 0%
icon angry icon angry 80%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހިމާޔަތު

09 October 2019

ކްރިކެޓް ކުޅުންތެރިން މީ ހާދަމަތީގަ އުޅޭ ބަޔެކޭ. ޖިންސީ ގޯނާ ލިބުނު ކުދިންގެ ހައްގު ސިއްރު ކުރެވިފައި ނުވާތީ ކްރިކެޓް ގައުމީ ޓީމު ކުޅުންތެރިން ހޮވައިގެން ކޯޓަށް ދާން ގޮވާލަން. މި ފަދަ ކަމެއް ކުރުމުގެ ކުރިން ބެލެނިވެރިން ކާރީ އަހާލަން އެންމެ ރަންގަޅުދޯ.

The name is already taken The name is available. Register?

އިއްސޭ

09 October 2019

މިއީ ހާދަ ވިޔާނުދާ ބައެކޭ. މިފަދަ ބޮޑެތި ތުހުމަތެއްކުރެވޭ ފަރާތަކަށް މިހާވަރަށް ރައްކާތެރިކަން ދޭންއުޅޭ ސަބަބަކީ ކޮބައިތޯވެސް ބަލަންޖެހޭ.

The name is already taken The name is available. Register?

އާދު

09 October 2019

ތިހުސްހަރަދު ބޭކާރުކަމެއް މިތާކުނޫޅޭ ތިކަންކުރެވޭނެބަޔަކު ރަނގަޅު ހުއްޓާލާ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454