މެރެތަން ދުވުންތެރިޔާ އެލިއޫޑް ކިޕްޗޯޖް އޮސްޓްރިޔާގެ ވެރިރަށް ވިއެނާ އެއާޕޯޓްގައި: މާދަމާ އޭނާ ވިއެނާގައި އޭނާ ނުކުންނަނީ މެރަތަންއެއް ދެ ގަޑިއިރަށް ވުރެ ބާރަށް ދުވުމުގެ ރެކޯޑް ހަދަން.
11 އޮކްޓޯބަރ 2019 - 16:37
އިންސާނަކަށް މެރަތަންއެއް ދެ ގަޑި އިރަށް ވުރެ ބާރަށް ޖެހިދާނެ ކަމާ މެދު، ދުވުމުގެ ތަޖުރިބާކާރުންނާއި ސައިންސްވެރިންގެ މެދުގައި އޮތީ ސުވާލެއް އުފެދިފަ އެވެ. އެކަމަކު މި ވަގުތު އެ ބޮޑު ވަރުގަދަ ޗެލެންޖް ކާމިޔާބުކުރެވޭ ނަމަ އެ ހުނަރާއި ހިތްވަރު ހުރީ އެންމެ ދުވުންތެރިއެއްގެ އެވެ: އެލިއޫޑް ކިޕްޗޯޖް އެވެ.
މާދަމާ، އޮސްޓްރިއާގެ ވެރިރަށް ވިއެނާގެ ހާއްސަ ސަރަހައްދެއްގައި އޭނާ އެ ނުކުންނަނީ، ދުވުމުގައި މިހާތަނަށް އިންސާނުންނަށް ހާސިލްނުވެ އޮތް ހަމައެކަނި މަންޒިލް ފަތަހަކުރާށެވެ. މިއީ ދެ ގަޑިއަރަށް ވުރެ އަވަހަށް މެރަތަންއެއް ޖަހަން ކިޕްޗޯޖް ނުކުންނަ ދެ ވަނަ ފަހަރެވެ.
މީގެ ދެ އަހަރު ކުރިން 2017 ގައި، ނައިކްގެ ފަރާތުން ހިންގި "ބްރޭކިން ޓޫ" ޕްރޮޖެކްޓްގައި، އޭނާއަށް އެ ލަނޑުދަނޑި ހާސިލްނުވީ އެންމެ 25 ސިކުންތު ލަސްވެގެންނެވެ. އިޓަލީގެ މޮންޒާގައި އޮންނަ ކާރު ރޭސް ޖަހާ ޓްރެކެއްގައި އެފަހަރު މެރަތަންގެ ރާސްތާ ކަނޑައްތުކުރެވުނީ ދެ ގަޑި 25 ސިކުންތުންނެވެ.
އެކަމަކު މިއީ މިހާތަނަށް 42 ކިލޯމީޓަރުގެ ދުވުން އިންސާނަކު ފުރިހަމަ ކުރި އެންމެ އަވަސް ވަގުތެވެ.
އެ ދުވަހުގެ ރޭހަށް ފަހު، ކިޕްޗޯޖް، 34، މައުނަވީ ގޮތަކަށް ބުނީ، "ދުނިޔެ އެ އޮތީ އެންމެ 25 ސިކުންތު ދުރުމިނުގައި" ކަމަށެވެ.
މާދަމާ އަކީ، އޭނާގެ "އެ ދުނިޔެ" ހާސިލްކުރަން، ދިގު ދުވުމުގައި މިވަގުތު ލިބެން ތިބި އެންމެ މޮޅު ދުވުންތެރިންގެ 41 ބައިވެރިންނާ އެކު، ނުކުންނަ ދުވަހެވެ.
މި ފަހަރުގެ މަޝްރޫއުގެ ބައިވެރިޔަކީ ކެމިކަލްގެ ބާވަތްތަކަށް ހާއްސަ އިނގިރޭސި ބޮޑު ކުންފުންޏެއް ކަމަށް ވާ އިނިއޮސް އެވެ. މީގެ ތިން މަސް ކުރިން ފެށިގެން އިނިއޮސް 1:59 ޗެލެންޖްގެ ޓީމުން އަންނަނީ އެކި ދާއިރާތަކުން ތައްޔާރުވަމުންނެވެ.
ދުވުން ބާއްވަން ފުރަތަމަ ކަނޑައެޅީ ލަންޑަން އެވެ. އެކަމަކު ރޭސް އޮންނަ ދުވަސްވަރުގެ ފިނިހޫނުމިނާއި، ވައިގެ ތެތްކަމުގެ ނިސްބަތް ފަދަ މުހިންމު އެތައް ކަމެއް، އިންސާނަކު ލައްވާ އެވަރުގެ ދުވުމެއް ދުއްވާ އިރު ބަލަން ޖެހެ އެވެ. އެހެންކަމުން އިނިއޮސްގެ ތަޖުރިބާކާރުންނަށް ފެނުނު އެންމެ ރަނގަޅު ތަނަކަށް ވީ ވިއެނާގެ ޕްރެޓާ އެވެ. މިއީ ވަށައިގެން ފެހިކަން ބޮޑު، މަގު އެއްވަރަށް އޮންނަ މަޝްހޫރު ޕާކެކެވެ.
Eliud is ready to make history and create his "moon-landing" moment.
— INEOS 1:59 Challenge (@INEOS159) October 10, 2019
Read his quotes from today's #INEOS159 press conference here: https://t.co/Z7FsPscFc6
ކިޕްޗޯޖް (ހުދު ޖާޒީގައި) ގެ ސްޕީޑް ހިފަހައްޓަން އޭނާއާ އެކު ދުވާ 41 ދުވުންތެރިނާ އެކު
ކިޕްޗޯޖްގެ ތައްޔާރީތައް އޮތީ، އޭނާގެ އުފަން ގައުމު ކެންޔާގައި، އާންމުކޮށް ކޮންމެ ރޭހަކަށް ވެސް އޭނާ ދުވާ ކޭމްޕްގަ އެވެ. އޭނާއާ އެކު ކެންޔާގެ މޮޅު ގިނަ ދުވުންތެރިންތަކެއް ބައިވެރިވި އެވެ. އަދި ދުނިޔޭގެ އެކި ހިސާބުތަކުން، ދިގު ދިވުމުގެ އެތައް ތަރިންނެއް އެންމެ ފަހު ވަގުތު ވެސް ވަނީ، އޭނާއަށް އެހީތެރިވާން ނިންމައިފަ އެވެ. އެހެންކަމުން، މާދަމާ، އެކި ދުރުމިންތަކުން ބަދަލުވާ ގޮތަށް، ކިޕްޗޯޖްއާ އެކު 41 ދުވުންތެރިން ދުވާނެ އެވެ.
މެރެތަންގައި މިހާރު ވެސް ދުނިޔޭގެ ރެކޯޑް އޮތް (ދެ ގަޑި، 1 މިނިޓް 39 ސިކުންތު) ކިޕްޗޯޖް ގަބޫލުކުރާ ގޮތުގައި މުޅި ރޭސް އޭނާ އެކަނި ފުރިހަމަ ކުރިޔަސް، ދެ ގަޑި އިރަށް ވުރެ އަވަހަށް 42 ކިލޯމީޓަރު ދުވެ ނިންމާލުމަކީ، މުޅި ޓީމުގެ މަސައްކަތެވެ. އެހެންކަމުން އޭނާ، އެހެން ދުވުންތެރިންނާ މެދު ބުނީ "ތާރީޚު ބަދަލުކޮށްލުމުގައި ތިއިން ކޮންމެ ބައިވެރިއެއްގެ ވެސް ހިއްސާ އޮންނާނެ" ކަމަށެވެ.
"އިނިއޮސް 1:59 ޗެލެންޖަށް އަހަރެން މިހިރީ ތައްޔާރުވެގެން. ދުނިޔެއަށް ދައްކަން ބޭނުންވަނީ، އެއްވެސް އިންސާނެއްގެ ގާބިލްކަމަށް ހުރަހެއް ނެތްކަން،" ތަމްރީންތަކަށް ފަހު މި މަހު 8 ގައި ވިއެނާއަށް އައުމަށް ފަހު ކިޕްޗޯޖް ބުންޏެވެ.
މި ޗެލެންޖް އިއުލާންކުރި އިރު ވެސް އޭނާ ބުނެލީ ހަމަ އެވާހަކަ އެވެ.
"އިންސާނުންނަށް މިވެނި ކަމެއް ނުކުރެވޭނެއޭ ބުނާ ބުނުން ބަދަލުކޮށްލަން އަހަރެން ބޭނުންވަނީ،" ކިޕްޗޯޖް ބުންޏެވެ.
"އަމިއްލަ ނަފުސަށް އިތުބާރު އޮތް ނަމަ ހުރަސް ނުކުރެވޭނެ އޮޅިގަނޑެއް އިންސާނަކަށް ނޯންނާނެ. ކުރާ ކަމެއްގައި ބޭނުންވަނީ ހިތްވަރު، އިތުބާރު."
🚨 ANNOUNCEMENT - we have a start time for #INEOS159. 🚨
— INEOS 1:59 Challenge (@INEOS159) October 11, 2019
⏰ The Challenge will start at 08:15 CEST tomorrow, Saturday 12 October.
📺 Subscribe to our YouTube channel to watch the event live: https://t.co/USHBC74HTX
📝Find out more about the news: https://t.co/pVrSTLUrlC pic.twitter.com/pIhte47IWp
- 100 މީޓަރު: 17:08 ސިކުންތު
- 200 މީޓަރު: 34:17 ސިކުންތު
- 400 މީޓަރު: 1 މިނިޓް 8 ސިކުންތު
- 800 މީޓަރު: 2 މިނިޓް 16 ސިކުންތު
- 1500 މީޓަރު: 4 މިނިޓް 16 ސިކުންތު
- 5000 މީޓަރު: 14 މިނިޓް 13 ސިކުންތު
- 10،000 މީޓަރު: 28 މިނިޓް 26 ސިކުންތު
- ހާފް މެރަތަން: 59 މިނިޓް 59 ސިކުންތު
މާދަމާގެ ދުވުން ކާމިޔާބުވިޔަސް އެއީ މެރެތަންގެ ދުނިޔޭގެ ރެކޯޑު ކަމަކަށް ނުވާނެ އެވެ. މެރަތަންގެ ރެކޯޑެއްގެ ގޮތުގައި، ދުނިޔޭގެ އެތުލެޓިކްސްގެ މައި އިދާރާ އައިޑަބަލްއޭއެފުން ބަލާ މިންގަނޑުތަކާ ހިލާފު އެތައް ކަމެއް އިނިއޮސް ޗެލެންޖްގައި ހިމެނެ އެވެ. އޭގެ ތެރޭގައި މުޅި ރޭހުގައި ޕޭސްމޭކަރުން ބޭނުންކުރުމާއި، ހަށިގަނޑަށް ބޭނުންވާ މާއްދާތައް ހިމެނޭ ބުއިންތައް ދޭން ވެސް، އަސްލު ރޭސްތަކާ ހިލާފު އުސޫލުތަކެއް ގެންގުޅުމާއި، ސްޕީޑް ކޮންޓްރޯލްކުރަން ހާއްސަ ކާރު ބޭނުން ކުރުން ފަދަ ކަންކަމެވެ.
ބައިވަރު ސަބަބުތައް އެބަ ހުއްޓެވެ. އެފަހަރުގެ ހަމައެކަނި ފޯކަސް އަކީ ކިޕްޗޯޖެއް ނޫނެވެ. އޭނާއާ އެކު މަޝްހޫރު އެހެން ދެ ދުވުންތެރިން ކަމަށް ވާ ޒާސެނޭ ޓާޑެސީ އާއި ލެލީސާ ދެސީސާ ވެސް ނައިކްގެ ޕްރޮޖެކްޓްގައި ބޭނުންކުރި އެވެ. އަދި އެ މީހުންގެ ދުވުން ވަކި ސްޕީޑެއްގައި ބަހައްޓަން 30 ޕޭސްމޭކަރުން ވެސް ބައިވެރިވި އެވެ.
އެކަމަކު އަނެއް ދެ ދުވުންތެރިންނަށް ކިޕްޗޯޖާ އެކު ހިފަހައްޓައެއް ނުލެވުނެވެ.
ދެ ގަޑިއިރަށް ވުރެ އަވަހަށް މެރެތަންއެއް ދުވަން ނައިކުން ހިންގި "ބްރޭކިން ޓޫ"، އިޓަލީގެ މޮންޒާގެ ކާރު ރޭސް ޓްރެކެއްގައި އެލިއޫޑް ކިޕްޗޯޖު ނިންމަނީ: އެ ފަހަރު އެކަން ނުވީ އެންމެ 25 ސިކުންތު ލަސްވެގެން.
މޮންޒާގެ ފިނިހޫނުމިން، އެފަދަ ދުވުމަކަށް އެންމެ އެކަށީގެންވާ ވަރަށް ވުރެ މައްޗެވެ. ވައިގެ ތެތްކަމުގެ އެވްރެޖް ނިސްބަތް ވެސް ހުރީ، އެ ދުވުމުގައި، ހަށިގަނޑަށް ނުކުތާ ވަރެއްގަ އެވެ.
މުޅި މަޝްރޫއުގެ އެކި ކަންކަމާ ބެހޭ ގޮތުން ލިއުނު ލިއުންތެރިޔާ އެޑް ސީޒާގެ އެއް މަޒުމޫނުގައިވެ އެވެ:
"ވިހި މެއިލްއާ ޖެހެންދެން، އޭނާ ދުވަމުން ދިޔައީ އެ ސްޕީޑްގަ އެވެ. ދެ ގަޑިއިރަށް ވުރެ އަވަހަށް ދުވެވިދާނެ ކަމަށް ޓްރެކްގައި ބަލަން ތިބި މީހުންނަށް ޔަގީންވި އެވެ. އެކަމަކު ދެން ފެނުނީ ގުދުރަތުގެ އުސޫލާއި އިންސާނާގެ ހަށިގަނޑާ ގުޅޭ ހަމަތައް، އޭގެ އަސްލު މަގަށް އެޅުނު ތަނެވެ. ފުރަތަމަ މެއިލްތަކުގައި ދުވެލި ބާރު މިނުގެ ވަރުގަދަކަން އޭނާގެ ހަށިގަނޑަށް އަނިޔާއަކަށް ވި އެވެ. އޭނާގެ މަސްތަކުގައި ލެކްޓިކް ގިނަވެ، ފުރާލި އެވެ. އަވަނެއް ފަދައިން އޭނާގެ ހަށިގަނޑުގެ އެތެރެ އަނދަން ފެށި އެވެ. އެހާ ހިސާބުން މެއިލްއެއް ކަނޑައްތު ކުރަމުން އައި ސްޕީޑް، ސިކުންތަކުން ލަސްވި އެވެ."
އެކަމަކު އެ ހާލަތުގައި ވެސް، ކިޕްޗޯޖުގެ ވަގުތަކީ އިންސާނަކަށް މިހާތަނަށް ހޯދުނު އެންމެ ބޮޑު ކާމިޔާބީ އެވެ.
މެރަތަންގެ 42 ކިލޯމީޓަރު އެއް ސްޕީޑެއްގައި ބަހައްޓަން ކިޕްޗޯޖަށް އެހީތެރިވާނީ ހަމައެކަނި، ދިގު ދުވުމުގައި ދުނިޔެއިން ހޮވާލެވޭނެ އެންމެ ވަރުގަދަ 41 ދުވުންތެރިންނެއް ނޫނެވެ. އޭނާގެ އެންމެ ކުރީގައި އޮންނާނީ އެކަމަށް ހާއްސަކޮށްފައިވާ ކާރެކެވެ. އެ ކާރުން ފެހި ކުލައިގެ ރޮނގުތަކަކުން ބިންމަތި އަލިކޮށްދެ އެވެ. ޕޭސްމޭކަރުންނާއި އޭނާ ދުވާނީ އެ ރޮނގާ އެއް ވަރަށެވެ.
"މެރަތަންއެއް، އެއް ސްޕީޑެއްގައި ދުވުމަކީ ކިހާ އުނދަގޫ ކަމެއްކަން އެނގޭނީ އެގޮތަށް ދުވާ މީހަކަށް،" އިނިއޮސް ޗެލެންޖުގެ ޕާފޮމެންސް ޓީމް މެނޭޖަރު ޕީޓާ ވިންޓް ބުންޏެވެ.
"ދުނިޔޭގެ އެންމެ މޮޅު މެރަތަން ދުވުންތެރިން އެގޮތަށް ސްޕީޑް ހިފެހެއްޓިޔަސް، ދެ ގަޑިއިރަށް ވުރެ އަވަހަށް ނިންމަންޏާ އެއް ސްޕީޑެއްގައި މުޅި ރޭސް ހިފަހައްޓަން އެބަ ބޭނުންވޭ އާދަޔާ ހިލާފު ބަރާބަރުކަމެއް."
އެންމެ ޒަމާނީ އާލާތްތައް ހަރުކޮށްފައިވާ ކާރުގެ ސްޕީޑް، ކިޕްޗޯޖް ދުވަން ޖެހޭ ބާރު މިނުގައި ބަހައްޓާފައި ހުންނަ އިރު، އޭގެ އަޑުން ވެސް ދުވުންތެރިންނަށް އުނދަގޫ ނުވާނެ ގޮތް ވަނީ ހަދައިފަ އެވެ.
އެކަމަކު 100 ޕަސެންޓް ފުރިހަމައަށް ކާރުގެ ސްޕީޑް ބެހެއްޓުމަކީ އުނދަގޫ ކަމެކެވެ. އެކަމަށް ހައްލެއް ހޯދަން، އިންޖިނިއަރުން ވަރަށް މަސައްކަތްކުރި އެވެ. ވިއެނާގެ ދުވާ ސަރަހައްދުގައި ހެދި ޓެސްޓްތަކުން އެނގުނީ، ރޭސް ނިމޭ އިރު އެންމެ ބޮޑު ތަފާތެއް ވެސް ވިޔަސް ހުންނާނީ ސިކުންތަކަށް ވުރެ އަވަސް/ލަސް ނުވާނެ ގޮތަކަށް ކަމެވެ.
އިނިއޮސް 1:59 ޗެލެންޖްގެ ޕޭސްމޭކަރުން، ރޭހަށް ހާއްސަކޮށްފައިވާ ކާރާ އެކު ވިއެނާގެ ޕާކް ތެރޭގައި ދުވަނީ: މާދަމާ މި ދުވުންތެރިން ބައިބަޔަށް ބަހާލައިގެން، އެލިއޫޑް ކިޕްޗޯޖް، ދެ ގަޑިއިރަށް ވުރެ އަވަހަށް މެރަތަން ފުރިހަމަ ކުރަން އެހީތެރިވާނެ
ޓެސްޓްތައް ހެދިއިރު މެރަތަންގެ ރާސްތާ ދެ ގަޑިއިރުން ކަނޑައްތުކުރުމުގައި ގޯހެއްގެ ގޮތުގައި ހަމައެކަނި ފާހަގަކުރެވެނީ އެންމެ މީޓަރަކަށް ވުރެ ވެސް ކުޑަ ތަންކޮޅެއްގެ ފަރަގެވެ. އެއީ 0.02 ސިކުންތެވެ. އެކަމަކު މިއީ ވިންޓް އުއްމީދުކުރި ވަރަށް ވުރެ ފަސް ގުނަ، ބަރާބަރު މިންވަރެކެވެ. އެހެންކަމުން ހާއްސަ ކާރު އޭގެ ޒިންމާ، ވަރަށް ފުރިހަމައަށް ނަގާނެ ކަމުގެ ޔަގީންކަން އެބަ އޮތެވެ.
ފުރަތަމަ ބޭނުންކުރާ ކާރަށް އެއްވެސް މައްސަލައެއް ޖެހިއްޖެ ނަމަ، ދެ ވަނަ ކާރެއް ވެސް، ހުރިހާ އާލާތަކާ އެކު އޮތީ ތައްޔާރަށެވެ. މި ދެ ކާރުގައި، ހަމައެކަނި އަލިން މަގު ދައްކައިދޭނީ ކިޕްޗޯޖް އެކަންޏަކަށް ނޫނެވެ. އޭނާގެ ސްޕީޑް ހިފަހައްޓަން އޭނާއާ އެކު ދުވާ ޕޭސްމޭކަރުން، ތިބެން ޖެހޭ ތަންތަން ވެސް، ފެހި ކުލައިގެ އަލިން ދައްކައިދޭނެ އެވެ.
ޕޭސްމޭކަރުން ދުވާނީ، ކިޕްޗޯޖްގެ ސްޕީޑަށް ވައިން ވެސް ހުރަހެއް ނޭޅޭނެ ގޮތަށް، ހާއްސަ އެތުރުމެއްގައި ތިބެގެންނެވެ.
މި ރޭސް ޔޫޓިއުބުން ވެސް ވަގުތުން ދައްކާނެ އެވެ. މިހާރު ބެލެވޭ ގޮތުގައި ރޭސް އޮންނާނީ ރާއްޖޭގެ ގަޑިން ހެނދުނު 9 އާއި 12 އާ ދެމެދުގެ ވަގުތެއްގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޭޒުސްޓާފް
12 October 2019
ވަރަށް ސަޅި ލިޔުމެއް. ސިކުނޑި ހުޅުވިއްޖެ ވަރަށް ބޮޑަށް. އައި މީން ޓު ސެއި، ސިކުނޑީގަ ފެހި ލައިޓްތަކެއް ދިއްލުނުހެން ހީވީ. ތެންކިޔު ފޯރ ދަ އާޓިކަލް
ބަޑީ
12 October 2019
އޭނާ އެކަންކޮއްފި!!! 1:59:40.2 ން ނިންމައިފި. ނިންމިތަންކޮޅުވެސް ވަރަށް ރީތި. އޭނައަށް އަދި އިތުރު ކިލޯމީޓަރ ތަކަކަށް ދުވެވިދާނެ. އަންބިލީވަބަލް.
ޢަލީނޫރައްދީން
12 October 2019
11 ޖަހާއިރު
ދެންފަަހަރަކުރަނގަޅުކޮށްލާ
11 October 2019
"ދެ ގަޑިއިރަށް ވުރެ އަވަހަށް ދުވާ ނަމަ، ކިޕްޗޯޖްގެ ސްޕީޑް ހުންނާނެ މިންވަރު" މިހެން ލިޔެފަ އޮތް ލިސްޓްގަ ހިސާބު ހަދާފަ އޮތީ ލީނިއަރ ސްކޭލް އިން. އެކަމަކު އިންސާނުން ދުވެއުޅެނީ އެގޮތަކަށް ނޫން.
ހަކީމް
11 October 2019
މީނަ ދުވާތަން ފުރަތަމަ ފެނުނު ދުވަހު މަހަމަ އަންތަރީސްވި ... މީއިންސާނެއްބާއޭ ހިތައްއެރި ....
ހުތާ
11 October 2019
ސަޅި ލިޔުމެއް
އެލިއަޑް
11 October 2019
ކިޕްޗޯގޭއަށް މިކަން ވާނެ..... ކަމަށް އުއްމީދު ކުރަން
ސާދާސީދާ
11 October 2019
25 ސިކުންތަކީ ކުޅިވަރުގައި ވަރަށް ބައިވަރު!
އާދަމް ބާއީ
11 October 2019
ކޮއްކޯ ހިތްވަރުކުރާތި. މަމެން މިތިބީ ތިބާގެ ފަހަތުގާ.