މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސް ޝަވީދު (ވ) އެފްއޭއެމްގެ ކޮންގްރެސްގައި ސްޕޯޓްސް ކޮމިޝަނަރު އަހުމަދު ނަޝީދާ އެކު. --ފޮޓޯ: ނިޝަން އަލީ/ މިހާރު
16 އޮކްޓޯބަރ 2019 - 19:32
ވޮލީބޯޅަ އެސޯސިއޭޝަނަށް ސްޕޯޓްސް ކޮމިޝަނަރު ހީނާ އަހުމަދު ސަލީމް އައްޔަންކުރައްވާފައިވާ ނޯމަލައިޒޭޝަން ކޮމިޓީ ބަލައި ނުގަންނަ ކަމަށާއި ދުނިޔޭގެ ވޮލީބޯޅަ ޖަމިއްޔާ، އެފްއައިވީބީ ގެ އެންގުމާ ހިލާފަށް އެ ކޮމިޓީން މަސައްކަތްކޮށް އިންތިހާބެއް ބާއްވަން ކުރާ މަސައްކަތަކީ ވަރަށް ނާތަހުޒީބު އަމަލެއް ކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގެ ރައީސް މުހައްމަދު ޝަވީދު ވިދާޅުވެއްޖެ އެވެ.
"މިހާރު" އަށް ވާހަކަދައްކަވަމުން ޝަވީދު މިއަދު ވިދާޅުވީ މި މަހުގެ 26 ގައި ބާއްވާ އޮލިމްޕިކް ކޮމިޓީގެ ކޮންގްރެސް އަށް ނޯމަލައިޒޭޝަން ކޮމިޓީ އަށް ވެސް އަދި އެ ކޮމިޓީން މިމަހުގެ 24 ގައި ބާއްވަން ތާވަލުކޮށްފައިވާ އިންތިހާބަކުން ހޮވޭ ހިންގާ ކޮމިޓީއަށް ވެސް ނުވަދެވޭނެ ކަމަށެވެ.
އެމްއޯސީން މީގެ ކުރިން ވަނީ ނޯމަލައިޒިން ކޮމިޓީއަކާ އެސޯސިއޭޝަން ހަވާލުކުރަން ކޮމިޝަނަރު ނިންމާފައިވާ ނިންމުން ސައްހަ ކަމަށް އަންގައިފަ އެވެ. ޝަވީދު ވިދާޅުވީ ނޯމަލައިޒޭޝަން ކޮމިޓީ ސައްހަކަމަށް އެމްއޯސީގެ އެގްޒެކެޓިވް ކޮމިޓީން ނިންމި ޖަލްސާގައި އޭނާ ބައިވެރިވެވަޑައިނުގަންނަވާ ކަމަށާއި އޭރު އޭނާ ރާއްޖޭގައި ވެސް ނޫޅޭ ކަމަށާއި އޭރު ވެސް އެ ނިންމުމާ ދެކޮޅު ކަމަށެވެ. އަދި އެފަދަ ކޮމިޓީތަކުގެ ސައްހަކަން ކަނޑައެޅުމަކީ އެމްއޯސީގެ މެންޑޭޓޭއް ނޫން ކަމަށާއި އަދި އެމްއޯސީން އެފްއައިވީބީ އަށް އެގޮތަށް އެންގީ އެފްއައިވީބީން ހަމައެކަނި ނޯމަލައިޒޭޝަން ކޮމިޓީގެ މައުލޫމާތު އެއްކޮށް ފޮނުވައިދޭން އެދުމުން ކަމަށް ޝަވީދު ވިދާޅުވި އެވެ.
ޝަވީދު ވިދާޅުވީ ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު އެސޯސިއޭޝަންތަކަށް ވަރަށް އެހީތެރިވެދެއްވާ ކަމަށާއި ބެލެވޭ ގޮތުގައި އެމްއޯސީން އެގޮތަށް ނިންމީ މިނިސްޓަރަށް ކޮށްދޭ ކަމެއްގެ ގޮތުގައި ކަމަށެވެ. އަދި އޭގެ އަނެއް ސަބަބަކީ އޭޝިއަން ވޮލީބޯލް ކޮންފެޑެރޭޝަން (އޭވީސީ) ގެ ބައްދަލުވުމަކަށް ނޯމަލައިޒޭޝަން ކޮމިޓީގެ މެމްބަރުންނަށް ވަދެވެން ނެތުމުން، އެ ބައްދަލުވުމުގައި ބައިވެރިވެވޭ ގޮތް ހެދުމަށްޓަކައި ކަމަށް ބެލެވޭ ކަމަށެވެ.
އޭނާ ވިދާޅުވީ މި މައްސަލައިގައި ކަންއޮތް ގޮތް ސާފުކޮށްދޭން ވަރަށް މަސައްކަތްކުރެވިއްޖެ ކަމަށާއި އެކަމަކު ސްޕޯޓްސް ކޮމިޝަނަރު ދައްކަވާ އުޒުރަކީ، އެފްއައިވީބީން ނޯމަލައިޒޭޝަން ކޮމިޓީ ބަލައިނުގަންނަ ނަމަ މުބާރާތްތަކުގައި ވާދަނުކުރެވޭނެ ނޫންހޭ ކަމަށެވެ. ކޮމިޝަނަރު އެ އިޝާރާތްކުރެއްވީ އެ ކޮމިޓީގެ ބެލުމުގެ ދަށުން ރާއްޖޭން ދާދި ފަހުން އޭވީސީ ސެންޓްރަލް ޒޯން މުބާރާތުގައި ވާދަކުރި ކުރުމަށް ކަމަށް ބެލެވެ އެވެ. ޝަވީދު ވިދާޅުވީ އެ ވާހަކަތަކުން އެނގުނީ ބައިނަލްއަގްވާމީ ގޮތުން ކުޅިވަރުތައް ހިނގާ ގޮތް އެ ފަރާތްތަކަށް ނޭގުން ކަމަށެެވެ.
އެފްއައިވީބީން ވަނީ އެތަނުން އަންގާ ގޮތަށް އަމަލު ކުރުމަށާއި އެގޮތަށް ކަންތައްތައް ފުރިހަމަނުވެއްޖެ ނަމަ ރާއްޖެ އަށް ސަސްޕެންޝަނެއް އައުމުގެ ފުރުސަތު އެބައޮތް ކަމަށާއި އެކަމަކު ބޭނުން ވަނީ ރާއްޖެ ސަސްޕެންޑް ނުކޮށް މިކަމާ ގުޅުންހުރި ހުރިހާ ފަރާތަކާ މަޝްވަރާކުރުމަށް ފަހު އެންމެ ރަނގަޅު ހައްލެއް ހޯދުމަށް ކަމަށް ބުނެފަ އެވެ. ޝަވީދު ވިދާޅުވީ ރާއްޖެ އޮތީ ސަސްޕެންޝަނެއްގެ މިޔަމަތީގައި ކަމަށާއި ޑިސެމްބަރު 4 ވަނަ ދުވަހު ބާއްވާ އެފްއައިވީބީގެ އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުމުގައި އެކަމަށް ގޮތެއް ނިންމާނެ ކަމަށެވެ.
"އަޅުގަނޑު އޮލިމްޕިކް ކޮމިޓީގެ ރައީސްގެ ގޮތުގައި ހުރެ ބުނަން ބޭނުންވާ ވާހަކައެއް ނޫން މިއީކީ. އެކަމަކު އަޅުގަނޑުމެން މިއޮތީ ސަސްޕެންޝަނެއްގެ ތެރޭގައި. ސިޓީ ނާންނަކަން،" ޝަވީދު ވިދާޅުވި އެވެ.
"އެފްއައިވީބީގެ އެންގުމާ ހިލާފަށް ވަރަށް ނާތަހުޒީބު ކަމެއް މިކުރަނީ. އަޅުގަނޑުމެން އެ މަސައްކަތް ބަލައިނުގަންނަން. އަޅުގަނޑު އިލްތިމާސްކުރަން އެ އިންތިހާބުގައި އެއްވެސް ކެނޑިޑޭޓަކު ވާދަނުކުރުމަށް ވެސް. ސަބަބަކީ އެފްއައިވީބީގެ ގަވާއިދާ ހިލާފަށް ބާއްވާ ވާދަކޮށްގެން އެ ކެނޑިޑޭޓުންގެ ފިއުޗާ ވެސް ގެއްލިދާނެ. އެއީ އެކްސްކޯ ސަސްޕެންޑްވާ ހިސާބުން އައިސްދާނެ އެ މެމްބަރުންނަށް ކުރިއަށް އޮތް ފަސް އަހަރު ނުވަތަ 10 އަހަރު ވޮލީބޯޅައިގެ އެއްވެސް ކަމެއްގައި ބައިވެރިނުވެވޭ ގޮތަށް ސަސްޕެންޝަނެއް ވެސް."
ޝަވީދު ވިދާޅުވީ މުހައްމަދު ރިޔާޒްގެ ދައުރުގައި ވެސް އަދި މުހައްމަދު ލަތީފުގެ ދައުރުގައި ވެސް އަސާސީ ގަވާއިދުގައި ގޯސްތަކެއް އެބަހުރި ކަމަށެވެ. އެކަމަކު އެ ހުރިހާ ބަދަލުތަކެއް ވެސް ސްޕޯޓްސް ކޮމިޝަނަރު ވަނީ ބަލައިގެންފައި ކަމަށާއި ކުރީ ސަރުކާރުގައި ވެސް އަދި މި ސަރުކާރުގައި ވެސް އެކަންވީ އެހެން ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެންވެ މި ސަރުކާރުން ވެސް ލަތީފް ބޭރުކުރަން ބޭނުންނަމަ އެކަން ސިސްޓަމެއްގެ ތެރެއިން ކުރަންވީ ކަމަށާއި ދުނިޔޭގެ ޖަމިއްޔާގެ އެންގުމާ ހިލާފަށް އެކަން ކުރެވޭނެ ގޮތެއް ނެތް ކަމަށް ޝަވީދު ވިދާޅުވި އެވެ. ލަތީފް ވެސް ވަނީ، އޭނާގެ ހިންގާ ކޮމިޓީ އުވާލީ އިސްލާހީ އެޖެންޑާގެ މަސައްކަތް ޖުލައި މަހު ނިންމައި އޭނާ ވާދަނުކުރާ ގޮތަށް އަދި މިނިވަން ކޮމިޓީއަކުން އިންތިހާބެއް ބާއްވާނެ ކަމަށް ސްޕޯޓްސް މިނިސްޓްރީ އަށް އަންގާފައި ވަނިކޮށް ކަމަށެވެ.
"މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއަކީ މިނިވަން ތަނެއް ކުޅިވަރުގެ ގާނޫނާ އެކީ، ސަރުކާރުގެ އެންގުމާ އެއްގޮތަކަށް ނޫން މިތަން ދާނީކީ. އަޅުގަނޑުމެން ނޯމަލައިޒޭޝަން ކޮމިޓީ ވެސް އަދި އެ ކޮމިޓީން ބާއްވާ އިންތިހާބަކުން އަންނަ ހިންގާ ކޮމިޓީއެއް ވެސް އެލޮވެއްނުކުރާނަން ކޮންގްރެސްގައި. އޮލިމްޕިކް ކޮމިޓީ މިހާތަނަށް ވެސް އޮތީ ހިމޭނުން. އެކަމަކު އަޅުގަނޑުމެންގެ ބަސް ބުނާ ދުވަސް އެއީ ކޮންގްރެސް އޮންނަ ދުވަހަކީ. އެ ދުވަހު އަޅުގަނޑުމެންގެ ނިންމުމަކަށް ވާނީ ނޯމަލައިޒޭޝަން ކޮމިޓީ ބަލައިނުގަތުން،" ޝަވީދު ވިދާޅުވީ އެވެ.
ސްޕޯޓްސް ކޮމިޝަނަރުގެ ނިންމުންތަކުގައި މިނިސްޓަރު މަހުލޫފުގެ ދައުރު ވަރަށް ބޮޑު ކަމަށް އެނގިފައިވެ އެވެ. ސްޕޯޓްސް ކޮމިޝަނަރަކީ، ސްޕޯޓްސް މިނިސްޓަރާއި ސްޕޯޓްސް ކައުންސިލުގެ ލަފާގެ މަތިން ރައީސް އައްޔަންކުރައްވާ ބޭފުޅެކެވެ. އަދި އޭނާ އަކީ ސްޕޯޓްސް މިނިސްޓަރާއި ސްޕޯޓްސް ކައުންސިލަށް ޖަވާބުދާރީވާން ޖެހޭ މީހެކެވެ. އަދި މަސައްކަތްކުރައްވަނީ ވެސް މިނިސްޓްރީގެ އޮފީހެއްގަ އެވެ. ޝަވީދު ވިދާޅުވީ ކޮމިޝަނަރަކީ މިނިވަން މީހެއް ކަމަށާއި އެހެންވެ މިއީ މިނިސްޓަރު އަންގަވައިގެން ކުރި ކަމެއް ކަމަށް ބުނެ ކޮމިޝަނަރަށް ސަލާމަތްވެވޭނެ ގޮތެއް ނޯންނާނެ ކަމަށް ގަބޫލުކުރައްވާ އެވެ.
ނޯމަލައިޒޭޝަން ކޮމިޓީން އިންތިހާބު ބާއްވަން ތައްޔާރުވާން ފެށީ އެ ކޮމިޓީ ބަލައިނުގަންނަ ކަމަށް އެފްއައިވީބީން އެންގި ފަހުންނެވެ. އަދި އެ އިންތިހާބުގައި ވާދަކުރައްވަން ޝައުގުވެރިވެވަޑައިގަންނަވާ ކުރީގެ ރައީސް ރިޔާޒް ވަނީ އިންތިހާބު ބަލައިގަންނާނެތޯ އެފްއައިވީބީގައި އަލުން އައްސަވައިފަ އެވެ. އެތަނުން އިއްޔެ ދިނީ ކުރިން ވެސް ދިން ޖަވާބެވެ. ބުނެފައިވަނީ ނޯމަލައިޒޭޝަން ކޮމިޓީ ބަލައިނުގަންނާނެ ކަމަށާއި ވާދަކުރާނެ ކްލަބްތައް ނިންމައި އެންޑޯޒްކޮށް އިންތިހާބެއް ބޭއްވުމުގެ އެއްވެސް ހައްގެއް ނޯމަލައިޒޭޝަން ކޮމިޓީއަށް ނެތް ކަމަށާއި އަދި ސަރުކާރުގެ އެކަށީގެންނުވާ ނުފޫޒަކަށް ބަރޯސާކޮށްގެން ބާއްވާ އެއްވެސް އިންތިހާބެއް އެތަނުން ރެކޮގްނައިޒް ނުކުރާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖާނޫ
17 October 2019
މަހޭ ލައްވާ ހުރިހާ ހަޑި އެއް ހާވާފަ ބޯ ދަމައިގަތީ، މަހޭ އެފް އޭ ފެއިލް، ވޮލީ ފެއިލް
ވާލުސޮރު
17 October 2019
ޝަވީދުމެން އެވަރަށް ފައިސާ ހޯދާފަ ހުރީ ކޮންމެ ސަރުކާރެއް ބަދަލުވިޔަސް ފުއްޕާފަ އުޅެވޭނެކަން ގެރެންޓީކުރަން
އައްޔަނަ
17 October 2019
މި ސަވީދު ކައިރި ކުރަން ހެޔޮނުވާނެ މީނަ ކައިރިކުރާ މީހަކުވެސް ހަލާކުވާނެ
ޢަލީ އާދިލް
17 October 2019
ތި އެސޯސިއޭޝާން އިންޓަރިމް ކޮމެޓީ އާއި ހަވާލުކުރީ ޝަވީދު ބުނެގެން. ދެފުށްކެހެރި މިހާރު އެކުޅެނީ އަނެއްކޮޅަށް. ޝަވީދަކީ ރާއްޖޭގެ ކުޅިވަރުގެ ހަލާކު!
ޝާޔަދު
17 October 2019
މި ސަވީދު އަދިވެސް ގަދަ ބަސް ބުނަން ބަހައްޓާފަ އެހުރީ ކީއްވެތަ؟ ބޭރުކުރަން ނުވަނީތަ އަދިވެސް.. ކުޅިވަރުގެ ހުރިހާ ދިމާއެއް ހަލާކުކުރާއިރުވެސް އެންމެން ތިބެންވީތަ މީނަ އަށް ސަނާކިޔަން.
އަދުރޭމާ
17 October 2019
ކުރިއަށް އޮތް އޮލިމްޕިކް ކޮމިޓީގެ އިންތިހާބުގައި ޝަވީދެއްވެސް މަރުޒޫގެއްވެސް ނުހޮވާނެކަމަށް ބޮޑު ކޮޅުން އޮތީ ބުނެފަ،،،
މުހައްމަދުއަލީ
16 October 2019
އަލީ ވަހީދު ސައިޒް ކޮށްފި. މަހްލޫފު ސައިޒް ކޮށްފި. ދެން އޮތީ ސްޕޯރޓްސް ކޮމިޝަނަރު ސައިޒް ކުރުން. ޝަވީދު މިއީ ސައިޒޭތަ؟ އަދި ކޮންގްރެސް އެއް ނުބާއްވާ. ދެން ކިހިނެތް އިނގޭނީ ކޮންގްރެސްގެ މެމްބަރުން ވޯޓު ދޭނެ ގޮތެއް. ޝަވީދު ތިއީ 1 ވޯޓެއް ނުން.
މަނިކު8
16 October 2019
މިތާ އެކި ނަން ނަމުގަ ބަޓިސް ކިތަންމެ ކޮމެންޓުކޮއް އެފްބީ ސްޓޭޓަސް ޖެހިޔަސް މިފަހަރު ބުނެލާން އޮތީ ތިއޮތީ ރީއްޗައްވެސް އަތަށް ގޮވާފައޭ.
ކުޅުންތެރިއެއް
16 October 2019
ޝަވީދު އަތްލި ކޮންމެ އެއްޗެއް ހަލާކު. ކްލަބެއް ވިއަސް އެސޯސިއޭސަން ވިއަސް އަދި ވިޔަފާރިއެއް ވިއަސް ހަމަ އެއްހާލެއް. ކުޅިވަރު ކަންތަކުން ދުރައް ޖެހުން ގައުމަށް ފައިދާކުރާނެ.
ޖަޒީރާ ބޯއީ
16 October 2019
ޝަވީދު ހޫނުފެނަށް ވެއްޓުނީމަ އަވަހަށް ދެކޮޅުހަދާކަމަށް ހެދިލީ. މީއަސްލު ދެފުއްކެހެރިއެއް.