ވިޔަފާރި / މަޓާޓޯ

މަޓާޓޯގެ އާ ބޯޑު އިންތިހާބުކޮށްފި

މަޓާޓޯގެ އަހަރީ އާންމު ޖަލްސާ ރޭ ކުރިއަށް ގެންދަނީ.--- ފޮޓޯ: މަޓާޓޯ

26 ސެޕްޓެމްބަރ 2016 - 13:18

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާާޓޯ)ގެ އާ ބޯޑު ރޭ އިންތިހާބުކޮށްފި އެވެ.

ޗަމްޕާ ސެންޓްރަލް ހޮޓަލުގައި ބޭއްވި މަޓާޓޯގެ އަހަރީ އާންމު ޖަލްސާގައި، މިހާރު ވެސް ބޯޑުގެ ރައީސަކަށް ހުންނެވި އިނަ މޯލްޑިވްސްގެ އަބްދުﷲ ގިޔާޒް ވަނީ އިތުރު ދައުރަކަށް ހޮވައިފަ އެވެ. ނައިބު ރައީސުންނަށް އިންތިހާބުކުރީ ޓްރޮޕިކަލް އައިލް ކަލެކްޝަންސްގެ އަބްދުﷲ ސުއޫދާއި ޔޮޓު ޓުއާޒްގެ އިބްރާހިމް ޝިހާމެވެ.

ބޯޑުގެ އާ ޓްރެޝަރާއެއްގެ ގޮތުގައި ވިސްޓާ ކުންފުނީގެ އަލީ އަހުމަދު ހޮވިއިރު، ސަން ޓްރެވަލްސްގެ އައިމިނަތު ނީނާ ނިޒާރާއި ރައެލޯ ޓްރެވަލްސްގެ މުހައްމަދު ހަލީލާއި ޕާލް ޓްރެވްލްސްގެ އަހުމަދު ފިޔާޒާއި އައިލެންޑް ޕާލްގެ ހާތިމް ހަސަން އަދި ވޮޔޭޖަސް މޯލްޑިވްސްގެ މުހައްމަދު ޖިނާން ވަނީ މެމްބަރުންގެ ގޮތުގައި ބޯޑަށް އިންތިހާބުކޮށްފަ އެވެ. މީގެ ތެރެއިން ނީނާ އަކީ މަޓާޓޯގެ ބޯޑަށް މިހާތަނަށް އިންތިހާބުވި ފުރަތަމަ އަންހެން މެމްބަރެވެ.

މަޓާޓޯގެ އަހަރީ އާންމު ޖަލްސާގައި ފާސް ކުރި އެ ޖަމިއްޔާގެ އާ ބޯޑުގެ މެމްބަރުން: އެ ބޯޑަށް އަންހެން މެމްބަރަކު އިންތިހާބުވި މިއީ ފުރަތަމަ ފަހަރު.-- ފޮޓޯ: މަޓާޓޯ

މަޓާޓޯގެ ބޯޑު މެމްބަރުން ހޮވުމަށް އިންތިހާބު ބާއްވަނީ ކޮންމެ ތިން އަހަރަކުން އެއް ފަހަރެވެ. ޖަމިއްޔާގެ މެމްބަރެއްގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ކޮންމެ ކުންފުންޏަކަށް ވާދަކުރެވޭނީ ކޮންމެވެސް އެއް މަގާމަކަށެވެ.

ރޭ ގެ އިންތިހާބުގައި ބޯޑުގެ ކޮންމެ މަގާމަކަށް ވެސް ކުރިމަތިލީ އެންމެ ބޭފުޅެކެވެ. އެހެންކަމުން، ވަކިވަކިން މަގާމުތަަކަށް ވޯޓަށް އެހުމުގެ ބަދަލުގައި ވޯޓު ނެގީ މުޅި ބޯޑަށް ތާއީދު އޮތްތޯ ބެލުމަށެވެ. އެ ވޯޓުގައި، ޖަލްސާ އަށް ހާޒިރުވެ ތިބި 29 މެމްބަރުންގެ ތެރެއިން އަގުލަބިއްޔަތު ވޯޓު ލިބިގެން އާ ބޯޑު ވަނީ ފާސްކޮށްފަ އެވެ.

ރޭގެ ޖަލްސާގައި ގިޔާޒް ވަނީ ކުރިއަށް އޮތް ދައުރުގައި މަޓާޓޯއިން ކުރުމަށް ބޭނުންވާ ކަންކަމާ ބެހޭ ގޮތުން ވާހަކަ ދައްކަވައިފަ އެވެ.

"މި ދާއިރާ އަށް ރަނގަޅު ބަދަލެއް ގެނެސްދޭނެ ފަދަ ތަފާތު ޕްރޮގްރާމްތަކާއި ޕްރޮޖެކްޓުތައް އަޅުގަނޑުމެން ނަގާނަން. އަދި މިހާރު ނަގާފައިވާ ޕްރޮޖެކްޓުތައް އިތުރަށް ތަރައްގީ ކުރުމަށް ވެސް މަސައްކަތް ކުރާނަން،" އޭނާ ވިދާޅުވި އެވެ.

މަޓާޓޯގެ އަހަރީ އާންމު ޖަލްސާގައިި އެ ޖަމިއްޔާގެ ރައީސް ގިޔާޒް ވާހަކަ ދައްކަވަނީ.-- ފޮޓޯ: މަޓާޓޯ

ގިޔާޒް ވިދާޅުވީ ޓޫރިޒަމް ދާއިރާ ކުރިއަރުވައި ދެމެހެއްޓެނިވި މަސައްކަތްތަކެއް ކުރުމަށް ހާއްސަ ކެމްޕެއިނެއް ވެސް އަންނަ އަހަރު ފެށުމަށް ރާވާފައިވާ ކަމަށެވެ. އަދި އެ ކެމްޕޭނުގެ ދަށުން ޓޫރުޒަމް ދާއިރާއިން ކުރިއަށް ދާން ބޭނުންވާ ދަރިވަރުންނަށް އެޕްރެންޓިސްޝިޕް ޕްރޮގްރާމްތައް ހިންގައި، ވަޒީފާގެ ތަޖުރިބާ ހޯދައިދޭނެ ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން، ބައިނަލްއަގްވާމީ ލައިބްރަރީ ފެސްޓިވަލް އާއި ޗަައިނާ އާއި އިންޑިއާގައި ބާއްވާ ރޯޑްޝޯ އާއި ޓްރެވަލް އެޖެންޓުންނަށް ހާއްސަ އިންޝުއަރެންސް ސްކީމް ތައާރަފް ކުރުމާއި ޓްރެވަލް އެވޯޑު ބޭއްވުން ވެސް މަޓާޓޯގެ އަންނަ އަހަރުގެ ކަލަންޑަރުގައި ހިމަނާފައިވެ އެވެ. އަދި ބައިނަލްއަގްވާމީ 10 ޓްރެވަލް އެގްޒިބިޝަނެއްގައި ވެސް މަޓާޓޯ އިން ބައިވެރިވާނެ ކަމަށް އެ ޖަމިއްޔާ އިން ބުނެ އެވެ.

0 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 0%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454