ރިޕޯޓް

އެލިއޫޑް ދުނިޔެ ހައިރާންކޮށްލިއިރު ފާހިރު ދިވެހި ދިދަ ހިފައިގެން!

30 އޮކްޓޯބަރ 2019 - 07:58

7 comments

ދެ ގަޑިއިރަށް ވުރެ އަވަހަށް މެރަތަންއެއް ޖެހި ފުރަތަމަ އިންސާނާއަށް ވުމަށްޓަކައި، ކެންޔާގެ އެލިއޫޑް ކިޕްޗޯޖް ދުވަމުން ދިޔަ ވީޑިއޯ އާއި ބައެއް ފޮޓޯތައް ފެނުނު ބައެއް ދިވެހިންގެ ލޮލުގައި އެއް ކަމެއް އަޅައިގަތެވެ: ދުވުން އޮތް ތަނުގައި ދިވެހި ދިދަ ހިފައިގެން މީހަކު ހުރި ތަނެވެ. އެއީ ކާކު ހެއްޔެވެ؟ އޮސްޓްރިއާގައި ދިރިއުޅޭ ދިވެއްސެއް ހެއްޔެވެ؟

އެއީ މުހައްމަދު ފާހިރެވެ. މާލޭގައި ދިރިއުޅެމުން އަންނަ އަދި ދިރާގުގެ އިސް މުވައްޒަފެކެވެ. އޮކްޓޯބަރު 12 ވަނަ ދުވަހު، އޮސްޓްރިއާގެ ވެރިރަށް ވިއެނާގެ މަޝްހޫރު ޕާކެއް ކަމަށްވާ ޕްރެޓާގައި ދުވެ، އެލިއޫޑް މުޅި ދުނިޔެ ހައިރާންކޮށްލި އިރު ފާހިރު ހުރީ އެ މަންޒަރު ހަމަ ލޮލުން ދެކިލަން، އެ ޕާކް ތެރޭގަ އެވެ. އޭނާގެ އިތުރުން ދެން އެ ތާރީޚީ ދުވުން ހަމަ ލޮލުން ދުށް ދެ ވަނަ ދިވެއްސަކީ ފާހިރުގެ އަންހެނުންނެވެ.

"އަހަރެން ބޭރުގެ ރޭސްތަކަށް ދާއިރު އަބަދުވެސް ދިވެހި ދިދަ ގެންދަން،" ފާހިރު، 48، ބުންޏެވެ.

"އެލިއޫޑްގެ އެ ދުވުން ދުވި އިރު ވެސް ބޭނުންވީ ދިވެހި ދިދަ ވެސް ފެންނަން. އެހެންވެ ދިދަ ހިފައިގެން ހުރީ."

އެލިއޫޑްގެ ހުނަރާއި އޭނާގެ ހިތްވަރާއި، އޭނާގެ މުޅި ހަޔާތާ ބެހޭ މުހިންމު މައުލޫމާތު ފާހިރަށް އެނގެ އެވެ. ދުވުމުގައި، ނުވަތަ ކުޅިވަރުގައި އިންސާނަކަށް އޭގެ ކުރިން ގިރާ ނުކުރެވި އޮތް އެންމެ ފަހު ހުރަސް ކަމަށް، ކުޅިވަރުގެ ތަޖުރިބާކާރުންގެ އިތުރުން ސައިންސްވެރިން ވެސް ގަބޫލުކުރި، ދެ ގަޑިއިރަށް ވުރެ އަވަހަށް މެރެތަންއެއް ނިންމުން، ކާމިޔާބުކުރަން، އިނިއޮސް 1:59 ޗެލެންޖްގެ ތައްޔާރީތައް ފެށުމާ އެކުހެން ފާހިރު އޭގެ ތެރެއަށް ވަނެވެ. އެ މަޝްރޫއުގެ މައުލޫމާތުން މުއްސަނދިވި އެވެ.

"ބްރޭކިން ޓޫގެ މައުލޫމާތު ވެސް ހުރި. އެހެންވެ ވަރަށް ޔަގީންކަން އޮތް އިނިއޮސް ކާމިޔާބުވާނެކަން. ދެން ހިތަށްއެރީ އެ ދުވުން ބަލައިލަން ޖެހޭނޭ،" ދެ ގަޑިއިރަށް ވުރެ އަވަހަށް މެރެތަންއެއް ޖައްސުވަން ނައިކު ކުންފުނިން 2017 ގައި ކުރިއަށް ގެންދިޔަ މަޝްރޫއުއަށް އިޝާރަތް ކުރަމުން ފާހިރު ބުންޏެވެ.

ބްރޭކިން ޓޫ ނާކާމިޔާބުވީ އެލިއޫޑް އެންމެ 25 ސިކުންތު ލަސްވެގެންނެވެ. އިނިއޮސް 1:59: ޗެލެންޖް އިއުލާންކުރުމާއި އޭގެ ފަހުން ވޭތުވި ދުވަސްތަކުގައި ފާހިރު ގެންދިޔައީ ވަރަށް ކައިރިން، ދުވުންތެރިޔާގެ ތަމްރީންތަކާއި މަޝްރޫއު ކުރިއަށް ދާ ގޮތް ބަލަމުންނެވެ. އޮސްޓްރިއާއަށް ގޮސް އެ ބާރު ދުވުން ހަމަ ލޮލުން ދެކިލުމުގެ ޝައުގު ފާހިރުގެ ހިތުގައި ބޮޑުވި އެވެ. އަދި އޮކްޓޯބަރު 12 ވަނަ ދުވަހަށް ވިއެނާ ހޭލި އިރު، ފާހިރު ހުރީ ދުވުން އޮތް ހިތްގައިމު، ބޮޑު ޕާކް ތެރޭގަ އެވެ.

އެލިއޫޑްގެ ސްޕީޑް ބާރުވާނެކަން ފާހިރަށް އެނގެ އެވެ. އެކަމަކު 20-25 މީޓަރު، ތިން ހަތަރު ސިކުންތުގެ ތެރޭގައި ހުރަސްކޮށްލުމުން އޭނާ ހައިރާންވި އެވެ.

"ފުރަތަމަ ފަހަރު އަހަރެމެން ތިބި ތަނުން ހުރަސްކޮށްލަން އައި އިރު، ފޯނު ނަގައި ސެޓްކޮށްލިން. އޭރު ގާތްގަނޑަކަށް 20-25 މީޓަރު ދުރުގައި އެލިއޫޑްމެން ތިބޭނީ. ފުރަތަމަ ކާރު، ދެން ފެނުނީ ޕޭސް މޭކަރުން، ރަނގަޅަށް ފޯނު ސެޓްކޮށްލާކަށް ވެސް ވަގުތެއް ނުލިބުނު، ހުރަސްކޮށް ހިނގައްޖެ،" އެލިއޫޑް ދުވި ސްޕީޑްގެ ބާރުކަން ބުނެދޭން، ފާހިރުގެ ތަޖުރިބާ ކިޔައިދިނެވެ. (އެ މެރެތަން އެލިއޫޑް ފުރިހަމަކުރީ 1 ގަޑި 59 މިނިޓް 40 ސިކުންތުންނެވެ. އެއީ ކޮންމެ 100 މީޓަރެއް 17 ސިކުންތުން، 422 ފަހަރު ދުވުމެވެ.)

އޭނާ ބުނި ގޮތުގައި އޭގެ ފަހުން ދެން އެލިއޫޑް ހުރަސްކޮށް ދިޔަ ކޮންމެ ފަހަރަކު ވެސް، ބޭނުންވާ ގޮތަށް ފޮޓޯއެއް/ވީޑިއޯއެއް ނަގަން ފޯނު ސެޓްކުރީ އެ ސްޕީޑް ސިކުނޑީގައި ބާއްވައިގެންނެވެ.

"މިހެން ބުންޏަސް އަސްލު ގިނަ މީހުންނަށް ނޭނގިދާނެ. އެކަމަކު އެއީ ހަމަ ވަރަށް ބާރު ސްޕީޑެއް އިންސާނަކު މެރަތަންއެއް ދުވާ އިރު،" ފާހިރު ބުންޏެވެ.

ވަރަށް ތަފާތު މާހައުލެއް

ފާހިރުގެ ދެމަފިރިން ތިބީ ޕްރެޓާ ތެރޭގައި ހުރި ހޮޓަލެއްގަ އެވެ. ދުވުން އޮންނަ ހިސާބަށް އޮކްޓޯބަރު 12 ވަނަ ދުވަހު ހެނދުނު ހެނދުނާ އެ މީހުން ދިޔަ އެވެ. ބައެއް ހިސާބުތަކުގައި ފޯރި ނަގާށާއި އެއީ ކޮން ކަހަލަ ދުވުމެއްކަން އާންމުންނަށް އަންގައިދޭ ޓެންޓްތަކެވެ. އަދި އެލިއޫޑް ދުވާ ސްޕީޑް ޓެސްޓްކޮށްލަން، ޓްރެޑްމިލް ވެސް ބަހައްޓާފައި ހުއްޓެވެ.

"މީހުން އުޅޭ އެ ސްޕީޑް ތަޖުރިބާކޮށްލަން. އަހަންނަށް އެންމެ ގިނަ އިރު ވެސް ފެނުނީ ފަސް މިނިޓް ވަންދެން އެކަކު ދުވިތަން. އެއީ ވެސް ވަރަށް ފިޓް މީހެއް، ގަދައަށް ދުވާ މީހަކާ ވައްތަރީ،" ފާހިރު ބުންޏެވެ.

"އޭނާ އެވަރަށް ހިފެހެއްޓީމާ ވަރަށް ގިނަ މީހުން އަތްޖަހައި ތަރުހީބު ދިން. ދެން ހަމަ ކޮންމެ މީހަކަށް ވެސް ހިފަހައްޓާ ލެވެނީ އެއް މިނިޓް، ދެ މިނިޓް."

ފުރަތަމަ ޕާކް ތެރޭގައި ހިނގާލުމުން ފެނުނު މަންޒަރާ އެކު ފާހިރުގެ ހިތަށްއެރީ އެ ދުވުން ބަލަން އެހާ ގިނަ ބަޔަކު ނާންނާނެ ކަމަށެވެ. އެގޮތަށް އޭނާއަށް ވިސްނުނު ސަބަބުތަކެއް ވެސް ހުއްޓެވެ. މިސާލަކަށް އެލިއޫޑް ކަހަލަ ދުވުންތެރިންނަކީ ފުޓްބޯޅަ ނުވަތަ ޓެނިސް ކަހަލަ ކުޅިވަރުތަކުގެ ތަރިންހާ މަޝްހޫރު ބަޔަކަށް ނުވުމެވެ. އެކަމަކު ރޭސް ފެށެން ކުޑަތަން ވީއިރު މީހުންތައް ގިނަވި އެވެ. އެހާ ހިސާބުން ތަނުގެ މާހައުލު ބަދަލުވެ، މީހުންގެ އަދަދު ހާހުން އިތުރާން ފެށި އެވެ.

"އެ ފޯރި، އެ ދިން ތަރުހީބު ވަރަށް ބޮޑަށް ފާހަގަކުރެވޭ. ހަމަ ކޮންމެ މީހަކު ވެސް އެލިއޫޑްގެ ނަމުން ގޮވައި، ހިތްވަރުދެމުން ދިޔައީ،" ފާހިރު ބުންޏެވެ.

"ވަރަށް ތަފާތު މާހައުލެއްގެ ގޮތުގައި އަހަންނަށް ފެނުނީ. ހަމައެކަނި އޮސްޓްރިއާގެ މީހުންނެއް ނޫން ތިބީ. ޔޫރަޕްގެ އެކި ގައުމުތަކުގެ މީހުން ވެސް ދިޔަ."

ފާހިރަކީ އަސްލު ކާކު؟

އިނގިރޭސި ވިލާތުގެ ކޭބަލް އެންޑް ވަޔަލެސް އިންޖިނިއަރިން ކޮލެޖުން، ޓެލެކޮމިޔުކޭޝަން އިންޖިނިއަރިންގެ ރޮނގުން މަތީ ތައުލީމް އަދި މެންޗެސްޓާ މެޓްރޮޕޮލިޓަން ޔުނިވަސިޓީން ބިޒްނަސްގެ ދާއިރާ އިން މާސްޓާޒް ޑިގްރީ ހާސިލްކޮށްފައިވާ ފާހިރު ފުރަތަމަ ވެސް ވަޒީފާއަށް ނުކުތީ ދިރާގަށެވެ. އޭގެ ފަހުން މިހާރު 28 އަހަރު ވެއްޖެ އެވެ. އޭނާ މިހާރު ހުރީ ޕްރޮޑަކްޓް ޑިވެލޮޕްމެންޓް އެންޑް އިނޮވޭޝަން މެނޭޖަރުގެ މަގާމުގަ އެވެ.

ފާހިރަކީ ފިޓްނަސް އަށް ދުވުން ހިޔާރުކޮށްގެން އުޅޭ އަދި ހުސް ވަގުތު ހޯދައިގެން ގަވައިދުން ތަމްރީން ހަދަމުން އަންނަ ދުވުންތެރިއެކެވެ. ދުވަން އޭނާގެ ސީރިއަސްކަން އުފެދުނީ، އެންމެ ލޯބިވާ ފުޓްބޯޅަ ކުޅެން "މި އުމުރުގައި އުޅެފި ނަމަ ލިބިދާނެ އަނިޔާއަކުން ދުރުވުމު"ގެ މަގުސަދު އުފެދުމާ އެކުގަ އެވެ.

ހާފު މެރެތަން އާއި މެރެތަން ފަދަ ދިގު ދިވުންތަކުގައި ކުރިމަތިވާ ގޮންޖެހުންތައް އޭނާއަށް އެނގެ އެވެ. އެލިއޫޑްގެ ތާރީޚީ ދުވުން ދެކިލަން ވިއެނާއަށް ދިއުމުގައި މެރެތަން ފަދަ ދުވުންތަކަށް އޭނާގެ ހިތުގައި އޮތް ލޯބީގެ ނުފޫޒު ގަދަ އެވެ. އޭނާ ބޭނުންވީ އެ ދަތުރުގައި މެރެތަންއެއް ވެސް ހިމަނާލާށެވެ.

"ޔޫރަޕްގައި [އެދުވަސްވަރު] ހުރި ރޭސްތަކެއް. މިސާލަކަށް ބާލިން މެރެތަންއަށް ދާން ބެލި އިރު އެއީ އިނިއޮސް ޗެލެންޖުގެ ދެ ހަފުތާ ކުރިން އޮތް ރޭހެއް. ބާލިންއަށް ދާ ނަމަ މާ ގިނަ ދުވަސް އެބަ ނަގާ، އޭގެ ތެރެއަށް ވިއެނާ ލައިފި ނަމަ،" ފާހިރު ބުންޏެވެ.

އެލިއޫޑްގެ ދުވުން ބަލާފައި "ހުސް އަތާ" އެނބުރި އަންނަން ބޭނުން ނޫން ނަމަ އެންމެ ރަނގަޅު ޗޮއިސްއަކަށް ފެނުނީ ނެދަލެންޑްސްގެ އެމްސްޓެޑަމް މެރެތަން އެވެ. އޭގެ ހަފުތާއެއް ފަހުން އޮންނަ ރޭހަށް ފާހިރު ދިޔައީ، މާލޭގައި ރަނގަޅު ތަމްރީންތަކެއް ވެސް ހަދައިފަ އެވެ.

އެލިއޫޑްގެ ތާރީޚީ މެރެތަން ނިންމި ވަގުތު ދައްކަން، ޕާކް ތެރޭގައި ބަހައްޓާފައި ހުރި ބޯޑެއްގެ ކައިރީގައި ފާހިރު

ހަޔާތުގައި ފުރަތަމަ ފަހަރަށް 42 ކިލޯމީޓަރުގެ މެރެތަންއެއް އޭނާ ފުރިހަމަކުރީ މިދިއަ އަހަރުގެ ޑިސެމްބަރުގަ އެވެ. އޭގެ ކުރިން އޭނާ ވަނީ މާލެ އާއި ބައެއް ގައުމުތަކުގައި އޮތް 10 ހާފް މެރެތަންގައި ދުވެފަ އެވެ. ބޭރަށް ދިޔަ ކޮންމެ ފަހަރަކު އޭނާއާ އެކު ދިވެހި ދިދަ ވެސް "ދަތުރުކުރި" އެވެ.

އެލިއޫޑްގެ ދުވުން ހަމަ ލޮލުން ފެނިފައި އެ ސްޕީޑްގެ ބާރުކަން ފާހިރަށް ގަބޫލުކުރެވެން ސިކުންތެއް ވެސް ނުނަގާނެ އެވެ. އޭނާގެ ފުރަތަމަ މެރެތަން، ތައިލެންޑްގެ ޗިއަން މައިގައި ފުރިހަމަ ކުރެވުނީ ފަސް ގަޑި ތިން މިނެޓުންނެވެ. އެއީ ކޮންމެ ކިލޯމީޓަރަކަށް ގާތްގަނޑަކަށް ހަތް މިނިޓެވެ. އެލިއޫޑް ދުވީ ކޮންމެ ކިލޯމީޓަރެއް، 2:50 މިނިޓަށް ވުރެ ލަސް ނުވާ ސްޕީޑެއްގަ އެވެ.

އެއީ އިންސާނަކަށް އަދި 42 ކިލޯމީޓަރު ކަނޑައްތުކުރަން ޖެހޭ މީހަކަށް، ހަމަ އަޖައިބެއް ކަހަލަ ބާރު ދުވެއްޔެކެވެ.

އެމްސްޓެޑަމް މެރެތަން އަށް ފާހިރު ތައްޔާރުވީ، ރާއްޖޭގެ މެރެތަން ރެކޯޑް 25 އަހަރަށް ވުރެ ގިނަ ދުވަހު ދެމެހެއްޓި ކުޑަހުސެންގެ އިރުޝާދުގެ ދަށުން އޭނާގެ އެކަޑަމީގެ ބައިވެރިންނާ އެކުގަ އެވެ.

"މިހާރު އެނގޭ ދުވުމަކީ ކޮބައިކަން، އެއިން ލިބޭ ހިތްހަމަޖެހުން، އުފާ،" ފާހިރު ބުނެލި އެވެ.

"އޮފީހާއި އާއިލާއަށް ވަގުތު ދެމުން އަހަރެން ބަލަން ހަމަ ގަވައިދުން ދުވަން."

އޮކްޓޯބަރު 13 ވަނަ ދުވަހު ފާހިރު ހުރީ، އޭގެ ކުރީ ދުވަހު އިންސާނީ ތާރީޚުން ޖާގަ ހޯދި އެލިއޫޑް ދުވި މަގުގަ އެވެ. އެ ދުވަހު އޭނާ ޕްރެޓާ ތެރޭގައި ދުވެލި އިރު އިނިއޮސް 1:59: ޗެލެންޖް ޖަހާފައި ހުރި ބޯޑުތައް ވެސް، ކުރީ ދުވަހެކޭ އެއްގޮތަށް، ހުއްޓެވެ.

އެލިއޫޑްގެ ސަބަބުން އޭނާއަށް ލިބުނު ހިތްވަރާއި، "މަސައްކަތްކޮށްފިއްޔާ ނުވާނެ ކަމެއް ނޯންނާނެ" ކަމަށް ގަބޫލުކުރެވުމަކީ، ކުރިއަށް އޮތް ތަނަށް ވެސް ބާރެކެވެ.

"ހިތަށްއެރި ފުރަތަމަ މެރެތަންއަށް ވުރެ ބާރަށް ދުވެވޭނޭ. މަސައްކަތްކޮށްފީމޭ، ދެން އޮންނާނީ އެލިއޫޑް ގޮތަށް ރޭހަށް ނުކުތުމޭ،" ފާހިރު ބުންޏެވެ.

"ތެދެއް، އެލިއޫޑް އަކީ އޭގެ ދެވަނައެއް ނެތް ދުވުންތެރިއެއް. އެކަމަކު އޭނާ އެ ދުވި ދުވުން ވާނީ ކޮންމެ މީހަކަށް ވެސް ހިތްވަރަކަށް. އެ މެސެޖް އޭނާ އަސްލު ދިނީ."

ފާހިރުގެ ދެ ވަނަ މެރެތަނުން ކުރިއެރުން ފެނުނެވެ. އެމްސްޓެޑަމަށް ފާހިރު ގޮސް ރޭސް ފުރިހަމަކުރީ ފުރަތަމަ މެރެތަންއަށް ވުރެ 18 މިނިޓް އަވަސްކޮށް، ހަތަރު ގަޑި، 45 މިނިޓުންނެވެ. މިއީ ދުވާ މީހަކަށް ވަރަށް ބޮޑު އުފަލެކެވެ.

އެ ރޭހަށް ފަހު ވެސް އޭނާގެ ސިކުނޑިއަށް އައީ އެލިއޫޑްގެ ދުވުމެވެ. އަދި އެ ދުވުން ހަމަ ލޮލުން ފެނުމަކީ ހަޔާތުގައި ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށް ގަބޫލުކުރެ އެވެ.

7 ކޮމެންޓް, 101 ރިއެކްޝަންސް

icon happy icon happy 83%
icon sad icon sad 4%
icon angry icon angry 13%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޙޖފބ

31 October 2019

ދިރާގުން ކިހާވަރެއް ލިބުނުތަ ؟

The name is already taken The name is available. Register?

ފަޚްރުވެރި ދިވެހިން.

30 October 2019

ރިއެކްޓް ސެކްޝަންގަ %17 ހަސަދަވެރިން އެބައުޅޭ ، އެބައިމީހުންނަކީ އެހެން މީހަކަށް ،އަދި ޤައުމައް ވެސް ހެވެއް އެދޭބައެއް ނޫން. މިކަހަލަ ހަސަދަވެރިން ޖެހެނީ ޤައުމުން ބޭރުކޮށްލަން. ޢެއީ ޤައުމުގެ ހަލާކު.

The name is already taken The name is available. Register?

ވިރާޝާ

30 October 2019

ލަވް ޔޫ ފާހިރޫ!

The name is already taken The name is available. Register?

އަބުއާ

30 October 2019

ގުޑް ޖޮބް!

The name is already taken The name is available. Register?

ފާހިރު ދަންނަ މީހެއް

30 October 2019

ދިވެހި ދިދައިގެ ވާހަކައަށް ވުރެ ބޮޑަށް ފާހިރުގެ މައުލޫމާތު ހިއްޞާކުރަން ލިޔެފައޮތް ލިޔުމަކާ ވައްތަރީ. ދެން ކިޔުންތެރިންގެ މައުލޫމާތަށް ހިއްޞާކޮށްލާނަން. ފާހިރުގެ ސްޓްރާވާ ހެންޑްލް އަކީ "މޯ ފާހިރު". ސްޓްރާވާ އަކީ ދުވާ އަދި އެހެން ކުޅިވަރުތަކުގެ ސޯޝަލް މީޑިއާ.

The name is already taken The name is available. Register?

މޮނާ

30 October 2019

މޯ ފާހިރެއް ނޫން.. މޯ ފަރާހް (އިނގިރޭސިވިލާގުގެ މުޙައްމަދު ފަރާޙް)

The name is already taken The name is available. Register?

ހާމީން

30 October 2019

ސަޅި

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454