04 ނޮވެމްބަރ 2019 - 13:42
ޝަންހާއީ (ނޮވެމްބަރު 4) - ޗައިނާ ދެ ވަނަ ޑިވިޝަނުގެ ގިންޑާއޯ ހުއަންހާއި އަށް ކުޅެމުން އަންނަ ތަޖުރިބާކާރު މިޑްފީލްޑަރު ޔާޔާ ޓޫރޭ، ނަސްލީ ތަފާތުކުރުމާ ގުޅިގެން ފެންމަތިވާ މައްސަލަތަކުގައި ފީފާއިން އަޅާނުލާ ކަމަށް ބުނެ ދެެއްކި ވާހަކަތަކުގެ މައްސަލަ ބެލުމާމެދު ފީފާގެ ޑިސިޕްލިނަރީ ކޮމިޓީން މަޝްވަރާކޮށްފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ކުރިން ބާސެލޯނާ އާއި މެންޗެސްޓާ ސިޓީ އަށް ކުޅުނު އުމުރުން 36 އަހަރުގެ ޔާޔާ ޓޫރޭ ބުނީ ނަސްލީ ތަފާތު ކުރުމުގެ މައްސަލަ ފެށިގެން މިހާ ހިސާބަށް އައިއިރު ވެސް ފީފާ އިން މި ކަންތައްތަކަށް ހައްލެއް ހޯދުމުގައި އޮތީ ނުކުޅެދިފައި ކަމަށެވެ.
"ފީފާގައި ތިބޭ މީހުން މި ކަހަލަ މައްސަލައިގައި އަޅައެއްނުލާ. ނަސްލީ ތަފާތު ކުރުމުގެ މައްސަލަތަކުގެ ވާހަކަ އެކި ތަންތަނުގައި އެކި ގޮތަށް މީހުން ދައްކަމުންދިޔަ ނަމަވެސް ހައްލުވީ ކަމެއް ނެތް. މައްސަލަތައްވީ ގިނަ،" ހަތަރު ފަހަރަށް އެފްރިކާގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ޔާޔާ ޓޫރޭ ބުންޏެވެ.
އިނގިރޭސި ބައެއް މީޑިއާތަކުން ރިޕޯޓްކުރާގޮތުގައި ޔާޔާ ޓޫރޭގެ މި ވާހަކަތައް ވަނީ ފީފާގެ ސަމާލުކަމަށް އައިސްފަ އެވެ. އަދި ފީފާގެ އަގުވެއްޓޭގޮތަށް ޔާޔާ ޓޫރޭ ފަދަ ތަޖުރިބާކާރު ކުޅުންތެރިޔަކު ވާހަކަ ދެއްކުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށް ބުނެ ފީފާ ޑިސިޕްލިނަރީ ކޮމިޓީން ވަނީ މި މައްސަލަ ބެލުމާ މެދު ގޮތެއް ނިންމުމަށް މަޝްވަރާކޮށްފަ އެވެ. ރިޕޯޓްތައް ބުނާގޮތުން މި ހަފްތާތެރޭ އެކަމާ މެދު ގޮތެއް ނިންމޭނެ އެވެ. މި މައްސަލަ ބެލި ނަމަވެސް ރިޕޯޓްތައް ބުނާގޮތުން ޔާޔާ ޓޫރޭ އަށް އަންނާނީ ޖޫރިމަނާ އެކެވެ.
މީގެ ކުރިން ވެސް ނަސްލީ ތަފާތު ކުރުމުގެ އެކި މައްސަލަތަކުގައި ޔާޔާ ޓޫރޭ ވަނީ ޔުއެފާ އާއި ފީފާ އަށް ފާޑުކިޔައިފަ އެވެ. ޔޫރަޕްގައި ޔާޔާ ޓޫރޭ ކުޅުނު ގިނަ މެޗުތަކެއްގައި ބައެއް ސަޕޯޓަރުން ވަނީ ނަސްލީ ގޮތުން އޭނާއާ ދިމާކޮށްފަ އެވެ.
ޓޫރޭ ކުޅެމުން އަންނަ ގިންޑާއޯ އަށް ޗައިނީސް ސުޕަ ލީގުން އަންނަ ސީޒަނުގައި ފުރުސަތު ލިބިފައިވާއިރު، ދެ ވަނަ ޑިވިޝަނުގައި ހޮނިހިރު ދުވަހު ކުޅުނު ފަހު މެޗުގައި ޔާޔާ ޓޫރޭ އަށް ވަނީ މެޗު ފެށިތާ ދެ މިނިޓް ތެރޭ ރަތް ކާޑެއް ދައްކައިފަ އެވެ.
މިދިޔަ މެއި މަހު ކުއްލިއަކަށް ފުޓްބޯޅަ ކުޅުން ހުއްޓާލަން ނިންމި ޔާޔާ ޓޫރޭ ވަނީ ފަހުން އެ ނިންމުން ބަދަލުކޮށްފަ އެވެ. އޭރު އޭނާ ބުނީ ރިޓަޔާކުރަން ނިންމީ ކޯޗިންގެ ތެރެއަށް ވަނުމަށް ކަމަށާއި އެކަމަކު ފަހުން ވިސްނުނީ އޭނާ އަށް އަދި ދެ އަހަރުވަރު ފުޓްބޯޅަ ކުޅެވިދާނެކަން ކަމަށެވެ. ގިންޑާއޯ އަށް ޔާޔާ ޓޫރޭ ސޮއިކުރީ ޖުލައި މަހު އެވެ. ރިޕޯޓްތައް ބުނާގޮތުގައި ޔާޔާ ޓޫރޭ އިތުރު އެއް އަހަރަށް ގިންޑާއޯގައި މަޑުކުރަން ވަނީ މަޝްވަރާކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy