އުރީދޫއާއި ވުމެން އިން ޓެކް އާ ދެމެދު އެއްބަސްވުމުގައި ސޮއި ކުރައްވަނީ-- ފޮޓޯ: ވުމެން އިން ޓެކް
07 ނޮވެމްބަރ 2019 - 10:15
ވިމެން އިން ޓެކް އިން މާދަމާ ފަށާ "ސްޓެމް ފެސްޓް" ގެ ޑިޖިޓަލް ޕާޓްނަރަކަށް އުރީދޫ ހަމަޖައްސައިފި އެވެ.
އުރީދޫގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ޑައިރެކްޓާ ސޭލްސް، ޑިސްޓްރިބިއުޝަން އެންޑް ބްރޭންޑް ހުސައިން ނިޔާޒެވެ. ވިމެން އިން ޓެކްގެ ފަރާތުން ސޮއިކުރެއްވީ ޖަމިއްޔާގެ ރައީސް ހަފްސަތު އަލީމެވެ.
ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި ބާއްވާ މި ފެސްޓިވަލުގައި އެކި ދާއިރާތަކުން ދޭ ހިދުމަތްތަކާއި ހިންގާ ޕްރޮގްރާމްތައް އަދި އުފެއްދުންތައް އާންމުންނަށް ދައްކާލާނެ އެވެ. މީގެ ތެރޭގައި އިދާރާތަކުންދޭ ޑިޖިޓަލް ސާވިސަސް އާއި ގޭމް ޑިވެލޮޕްމަންޓާއި މެރިން ސައިންސާއި ޑިޖިޓަލް ސެކިޔުރިޓީ އަދި ހިދުމަތް ދިނުން ފަސޭހަކުރުމަށްޓަކައި ތައްޔާރުކޮށްފައިވާ ގިނަ އެޕްލިކޭޝަންތަކެއް ހިމެނެ އެވެ.
ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާއިންނާއި އިންޖިނިއަރިން އަދި މެތަމެޓިކްސްގެ ދާއިރާގެ އުފެއްދުންތައް ވެސް ދައްކާލާ މި ފެސްޓިވަލްގައި 19 އެގްޒަބިޓަރުން ބައިވެރިވެ އެވެ. މީގެ ތެރޭގައި ސަރުކާރުގެ އިދާރާތަކާއި ކޯޕޮރޭޝަންތަކާއި ޔުނިވާސިޓީ އަދި ގިނަ ސްޓާޓްއަޕްތައް ހިމެނެ އެވެ.
ވިމެން އިން ޓެކުން ބުނީ މި ފެސްޓިވަލްގެ ސަބަބުން ތަފާތު އެކި ދާއިރާތަކުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މައުލޫމާތު އާންމުންނާ ހިއްސާކޮށް އެ ދާއިރާ އަށް ޝައުގުވެރިވާ ދަރިވަރުންނާއި އެހެން ފަރާތްތަކަށް ވެސް ދާއިރާގައި ލިބެން ހުރި ހިދުމަތްތަކާއި ފުރުސަތުތައް ހާމަވެގެންދާނެ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy