ކުއާޓާ ފައިނަލުން ފުރުސަތު ހޯދި ނިބާލް (ކ) އާއި ޒަޔާން (ވ).-- ފޮޓޯ: މިހާރު
18 ނޮވެމްބަރ 2019 - 12:41
މިހާރު ކުރިއަށްދާ ލިޓަސް ބެޑްމިންޓަން އެސޯސިއޭޝަން ޕްރެޒިޑެންޓްސް ޗެމްޕިއަންޝިޕްގައި ކުއާޓާ ފައިނަލުން ނިބާލް އަހުމަދާއި ޒަޔާން ޒަކީ ފުރުސަތު ހޯދައިފި އެވެ.
ރާއްޖޭގެ އެއް ވަނަ އަދި އެންމެ ފަހުގެ ގައުމީ ޗެމްޕިއަން މުހައްމަދު އަޖުފާން ރަޝީދު އަނިޔާގެ ސަބަބުން މި މުބާރާތުގައި ނުކުޅެ އެވެ.
ގައުމީ ޗެމްޕިއަންކަން ނުވަ ވަނަ ފަހަރަށް ހޯދައި އަދި ދާދި ފަހުން ޕާކިސްތާން މުބާރާތުގައި ވާދަކުރި އަޖުފާން "މިހާރަ"ށް ބުނީ ޕްރެޒިޑެންޓްސް ޗެމްޕިއަންޝިޕްގައި ނުކުޅެނީ ކޮނޑަށް ލިބިފައިވާ އަނިޔާއިން ރިކަވާވެ ކުރިއަށް އޮތް ސައުތު އޭޝިއަން ގޭމްސް އަށް ތައްޔާރުވުމުގެ ގޮތުން ކަމަށެވެ.
"ކަނާތު ކޮނޑަށް ލިބިފައިވާ އަނިޔާއިން ރިކަވަރީ މިހާރު ކުރިއަށްދަނީ. ގައުމީ މުބާރާތުގައި ވެސް ކުޅުނީ އެ އަނިޔާގައި ހުރެފައި. އެކަމަކު މި ވަގުތު ބޭނުމީ އެއްކޮށް ރިކަވާވެގެން ސައުތު އޭޝިއަން ގޭމްސް އަށް ދާން. އެހެންވެ މި މުބާރާތުގައި ނުކުޅެން ނިންމީ،" އަޖުފާން ބުންޏެވެ.
އަޖުފާން އަތުން މިދިޔަ ދެ އަހަރު ގައުމީ ފިރިހެން ސިންގަލްސް ފައިނަލުގައި ބަލިވި ނިބާލް ކުއާޓާ ފައިނަލުން ފުރުސަތު ހޯދީ އިއްޔެ ކުޅުނު މެޗުން ސޮބާހު މުހައްމަދު އަތުން މޮޅުވެގެންނެވެ. ނިބާލް ސެޓުތައް ގެންދިޔައީ 21-14، 21-15 އިންނެވެ.
ގައުމީ މުބާރާތުގެ ފައިނަލް މެޗުގެ ތެރެއިން އަޖުފާން: އަނިޔާގެ ސަބަބުން ޕްރެޒިޑެންޓްސް ޗެމްޕިއަންޝިޕްގައި ނުކުޅޭ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު
މި މުބާރާތުގައި އެއް ވަނަ އަށް ސީޑްކޮށްފައިވާ ޒަޔާން އިއްޔެ ކުޅުނު މެޗުން ފަސޭހަކަމާ އެކު މޮޅުވީ އަހުމަދު އާމިލްއާ ވާދަކޮށް 21-02، 21-06 އިންނެވެ. މިއަދު ކުޅޭ ކުއާޓާ ފައިނަލް މެޗުގައި ޒަޔާން ނުކުންނާނީ އަހުމަދު ހާލިދުއާ ދެކޮޅަށެވެ. އަދި ނިބާލް ބައްދަލުކުރާނީ މުހައްމަދު ރަފާހުއާ އެވެ.
މިއަދު ކުޅޭ އެހެން މެޗުތަކަށް ބަލާއިރު ފިރިހެން ސިންގަލްސް އާއި އަންހެން ސިންގަލްސް ކުއާޓާ ފައިނަލް މެޗުތަކާއި ފިރިހެން ޑަބަލްސް އާއި މިކްސް ޑަބަލްސް ކުއާޓާ ފައިނަލް މެޗުތައް ހިމެނެ އެވެ.
ބެޑްމިންޓަން އެސޯސިއޭޝަން ޕްރެޒިޑެންޓްސް ޗެމްޕިއަންޝިޕް އަކީ މި ނަމުގައި އަލަށް ފެށި މުބާރާތެކެވެ. މީގެ ކުރިން އެސޯސިއޭޝަން ކަޕްގެ ނަމުގައި ވެސް މުބާރާތެއް ބޭއްވި އެވެ. ބެޑްމިންޓަން ޕްރެޒިޑެންޓްސް ޗެމްޕިއަންޝިޕްގައި ހަމައެކަނިކުރިއަށްދަނީ އޯޕަން ޑްރޯގެ މެޗުތަކެވެ.
މި އަހަރަކީ ބެޑްމިންޓަން ގިނަ މުބާރާތްތަކެއް ބޭއްވުނު އަހަރެކެވެ. ރާއްޖޭގައި މި އަހަރު މިހާތަނަށް ވަނީ ބައިނަލްއަގުވާމީ ތިން ބެޑްމިންޓަން މުބާރާތެއް ބާއްވައިފަ އެވެ. އެއީ މާލޭގައި ކުރިއަށްދިޔަ ފިއުޗާ ސީރީސް އާއި އިންޓަނޭޝަނަލް ބެޑްމިންޓަން ޗެލެންޖްގެ އިތުރުން އައްޑޫ ސިޓީގައި ކުރިއަށްދިޔަ ދެކުނު އޭޝިއާގެ 21 އަހަރުން ދަށުގެ މުބާރާތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy