27 ނޮވެމްބަރ 2019 - 12:54
ލީމާ، ޕެރޫ (ނޮވެމްބަރު 27) - ދެކުނު އެމެރިކާގެ އެންމެ ބޮޑު ކްލަބް ފުޓްބޯޅަ މުބާރާތާއި ބްރެޒިލްގެ ލީގު ޗެމްޕިއަންކަން މި ފަހަރު ހޯދި ފްލަމެންގޯގެ ކޯޗު ޖޯޖް ޖީސޫސް، ޔޫރަޕްގެ ޗެމްޕިއަން ލިވަޕޫލަށް އިންޒާރެއްދީފި އެވެ.
އަންނަ މަހު ގަތަރުގައި އޮންނަ ކްލަބް ވޯލްޑް ކަޕްގެ ފައިނަލުގައި ލިވަޕޫލާއި ފްލަމެންގޯ ބައްދަލުކުރުމުގެ ފުރުސަތު ބޮޑެވެ. އެއީ މި ދެ ޓީމު ވެސް މުބާރާތުގެ ސެމީ ފައިނަލުން ފެށިގެން ވާދަކުރަންޖެހޭއިރު، އާއްމު ގޮތެއްގައި ފަހަކަށް އައިސް މި މުބާރާތުގެ ފައިނަލުގައި ކުޅެނީ ޔޫރަޕާއި ދެކުނު އެމެރިކާގެ ޗެމްޕިއަންކަމަށް ވުމުންނެވެ.
ކުރިން ޕޯޗުގަލްގެ ކްލަބްތަކަށް ކޯޗު ކޮށްދިން ޖޯޖް ވަނީ މި އަހަރު ފްލަމެންގޯއާ ހަވާލުވެ އެ ޓީމާ އެކު ކާމިޔާބު މަސައްކަތްތަކެއްކޮށްފަ އެވެ. އެ ގޮތުން 38 އަހަރަށް ފަހު ފުރަތަމަ ފަހަރަށް ފްލަމެންގޯ އަށް ދެކުނު އެމެރިކާގެ އެންމެ ބޮޑު ކްލަބް ފުޓްބޯޅަ މުބާރާތް ކޮޕާ ލިބެޓެޑޯރެސް ކާމިޔާބުކޮށްދިނުމުގެ އިތުރުން 10 އަހަރު ތެރޭ ފުރަތަމަ ފަހަރަށް ބްރެޒިލްގެ ލީގު ކާމިޔާބުކޮށްދީފަ އެވެ.
"މި ފައިނަލް (ކޮޕަ ލިބެޓެޑޯރެސް ފައިނަލް) ބެލި 186 ވަރަކަށް ގައުމުގެ އެތައް މިލިއަން މީހުން. އޭގެ ތެރެއިން ކޮންމެ މީހަކަށް ވެސް އިހުސާސްކުރެވޭނެ މިއީ ކޮން ލެވެލެއްގައި ކުޅުނު މެޗެއްކަން. އަހަރެމެން ލިވަޕޫލާ ކުޅެން ތައްޔާރު. ޔަގީނުން ވެސް މިއީ ލިވަޕޫލަށް ލިބިފައި އޮތް ތަށްޓެއް ނޫން. އަހަރެމެން ޓީމުގައި ވެސް އެބަތިބި ޔޫރަޕްގައި ތަށި ހޯދާފައި ތިބި ކުޅުންތެރިން. އެހެންވީމަ ފަސޭހައެއް ނުވާނެ ލިވަޕޫލަށް،" ކުރިން ބެންފީކާ އާއި ބްރާގާ އަށް ކޯޗުކޮށްދިން ޖޯޖް ބުންޏެވެ.
ފްލަމެންގޯގައި ތިބި ފާހަގަކޮށްލެވޭ ކުޅުންތެރިންނަށް ބަލާއިރު އިންޓަ މިލާނުގެ ލޯން އެއްބަސްވުމެއްގެ ދަށުން ކުޅެމުން އަންނަ ގަބްރިއެލް ބާބޯސާ (ގަބިގޯލް)، ކުރިން ޔޫރަޕްގެ ގިނަ ކްލަބްތަކަށް ކުޅުނު މިޑްފީލްޑަރު ޑިއޭގޯ، އެތުލެޓިކޯ މެޑްރިޑްގެ ވާތު ބެކަށް ކުރިން ކުޅުނު ފިލިއްޕޭ ލުއިޒް އަދި ބަޔާން މިއުނިކަށް ގިނަ އަހަރުތަކެއް ވަންދެން ކުޅުނު ފުލްބެކް ރަފީނިއާ ހިމެނެ އެވެ.
ލިވަޕޫލުން އެންމެ ފަހުން ކްލަބް ވޯލްޑް ކަޕްގައި ކުޅުނީ 2005 ވަނަ އަހަރު އެވެ. އެ ފަހަރު ފައިނަލުގައި ބްރެޒިލްގެ ސައޮ ޕައޮލޯ އަތުން ވަނީ 1-0 އިން ބަލިވެފަ އެވެ. އެހެންކަމުން މި ފަހަރުގެ ކްލަބް ވޯލްޑް ކަޕަށް ލިވަޕޫލުން ނުކުންނަނީ ފުރަތަމަ ފަހަރަށް އެ މުބާރާތް ކާމިޔާބުކުރުމުގެ އަޒުމުގަ އެވެ.
ޗެމްޕިއަންސް ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ނަޕޯލީއާ ދެކޮޅަށް ކުޅޭ މެޗުން ލިވަޕޫލް މޮޅުވެއްޖެނަމަ ބާކީ މެޗެއް އޮއްވައި އެ ޓީމަށް މުބާރާތުގެ ދެ ވަނަ ބުރުގެ ޖާގައެއް ކަށަވަރުވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޯޗް
27 November 2019
މިސޮރު މިއީ ހާދަހާ ބޮޑާބަސް ބުނަން ދަންނަ ސޮރެކެވެ.
ބޯޅަލިބަތަޑޯރެސް
27 November 2019
ބުރެޒިލްގެ ކޮރިންތިއަންސް،އިންޓަނޭސިއޮނާލް އަދި ސައޮޕައުލޯ އިން ވަނީ ފީފާު ކުލަބްު ވޯލްޑްކަޕްު ހޯދާފަ. ލިވަޕޫލާއި ފުލަމެންގޯ ފައިނަލްގައި ވާދަކުރާ ނަމަ ފޯރިގަދަވާނެ.
ބުނެދީބަލަ
28 November 2019
ކްލަބް ވޯލްޑްކަޕް ދައްކާނީ ކޮން ޗެނަލަކުންތަ؟