އުރީދޫ އިން މިރޭ ބޭއްވި އެ ކުންފުނީގެ އަހަރީ އާންމު ބައްދަލުވުމުގައި، އެ ކުންފުނީގެ ޑިރެކްޓަރުން ބައިވެރިވަނީ.-- ފޮޓޯ: މިހާރު/ހުސައިން ވަހީދު
02 ޑިސެމްބަރ 2019 - 10:29
އުރީދޫން ފުރަތަމަ ފަހަރަށް، ހާއްސަ އާންމު ޖަލްސާއެއް ބާއްވަން އެޖެންޑާކޮށްފި އެވެ.
ހާއްސަ ގޮތުން ބާއްވާ މި އާންމު ޖަލްސާ ބާއްވާނީ މި މަހުގެ 16 ވަނަ ދުވަހުގެ ރޭ 8:30 ގަ އެވެ. މި ޖަލްސާގައި އަސާސީ ގަވައިދާއި ހިންގާ ގަވައިދު އިސްލާހު ކުރުމަށް ހަމަޖެހިފައިވެ އެވެ. މީގެ އިތުރުން އުރީދޫގެ ހިންގުމާ ގުޅޭ ގޮތުން އުރީދޫގެ ހިއްސާދާރުންނާ މަޝްވަރާކުރަން ވެސް ވަނީ ހަމަޖައްސައިފަ އެވެ.
އެޖެންޑާގެ ތަފްސީލް އުރީދޫގެ ވެބްސައިޓްގައި ވަނީ ޝާއިއުކޮށްފަ އެވެ. ހާއްސަ އާންމު ޖަލްސާގައި ހިއްސާދާރުންގެ ތެރެއިން މިމަހުގެ 11 ގެ ކުރިން ރަޖިސްޓްރީވާ ކޮންމެ ހިއްސާދާރަކަށް ވެސް ބައިވެރިވެވޭނެ އެވެ.
ޝަރުތު ހަމަވާ ހިއްސާދާރުން، ޖަލްސާގައި ބައިވެރިވުމަށް "ޕްރީ-ރެޖިސްޓްރޭޝަން ފޯމު" އަދި ޕްރޮކްސީއެއް އައްޔަންކުރާ ނަމަ "ޕްރޮކްސީ ފޯމު" ފުރުމަށް ފަހު ހުށަހަޅަން ޖެހެ އެވެ. މި ފޯމުތައް މިމަހުގެ 12 ގެ ކުރިން އުރީދޫ މޯލްޑިވްސްގެ ހެޑް އޮފީހަށް ހުށަހަޅަންޖެހެ އެވެ.
އުރީދޫގެ އަހަރީ އާންމު ޖަލްސާ ބާއްވާފައިވަނީ މި އަހަރުގެ މާޗު މަހު އެވެ. އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި 544 މިލިއަން ރުފިޔާ ލިބުނު އިރު ހިއްސާދާރުން ހިއްސާއަކަށް 3.22ރ. ގެ މަގުން ފައިދާ ބަހަން ނިންމާފައިވެ އެވެ.
ޕަބްލިކް ލިމިޑެޓް ކުންފުންޏަކަށް އުރީދޫ ބަދަލުކޮށް ހިއްސާ ވިއްކަން ފެށީ 2017 ވަނަ އަހަރު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy