ކުޅިވަރު

އަންހެން ޓީޓީ ޓީމުން ލޯ މެޑަލް ހޯދައިފި

ޓީޓީ ގައުމީ އަންހެން ޓީމު ކުޅުންތެރިން ޓީމް އިވެންޓުގެ ނިންމުމުގެ ރަސްމިއްޔާތަށް ފަހު.-- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ/ އަބްދުﷲ އަބީދު

ކަތުމަންޑޫ އިން،  އައްޒާމް އަލިފުޅު، މިހާރު

03 ޑިސެމްބަރ 2019 - 16:41

1 comments

ސައުތު އޭޝިއަން ގޭމްސްގެ އަންހެން ޓީމު އިވެންޓުގައި މިއަދު ރާއްޖޭގެ އަންހެން ޓޭބަލް ޓެނިސް (ޓީޓީ) ޓީމު ސެމީ ފައިނަލް މެޗުން ބަލިވި ނަަމަވެސް ލޯ މެޑަލް ހޯދައިފި އެވެ. މިއީ މިހާތަނަށް މި ގޭމްސްގައި ޓީޓީ އަންހެން ޓީމަށް މި ގޭމްސްގައި ލިބުނު އެންމެ ރަނގަޅު ކާމިޔާބީ އެވެ.

އަންހެން ޓީމަށް ލޯ މެޑަލް ލިބުނީ މިއަދު ކުޅުނު ސެމީ ފައިނަލް މެޗުން ސީދާ ތިން ގޭމުން ލަންކާ އަތުން ބަލިވުމުންނެވެ. އާންމު ގޮތެއްގައި ލޯ މެޑަލް ލިބޭ ޓީމެއް ކަނޑައަޅަށް މެޗެއް ކުޅުނު ނަމަވެސް މި މުބާރާތުގެ ފޯމެޓް ރޭވިފައިވާ ގޮތުން ސެމީން ބަލިވާ ދެ ޓީމަށް ވެސް ލޯ މެޑަލް ލިބެ އެވެ. ރާއްޖޭން ސެމީގައި ވަނީ ލަންކާއާ ދެކޮޅަށް ނިސްބަތުން ބަލާއިރު ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.

ކަތުމަންޑޫގެ ލޭންޗޯރު އިންޑޯ ހޯލުގައި ކުޅުނު ސެމީގެ ފުރަތަމަ ގޭމްގައި ރާއްޖޭން ނުކުތީ ގައުމީ ޗެމްޕިއަން ފާތިމަތު ދީމާ އަލީ އެވެ. ދީމާއާ ދެކޮޅަށް ނުކުތް އެރަންޑީ ވަސުވިތަރުނަ ވަނީ ތިން ސެޓު އެއް ސެޓުން ދީމާގެ މައްޗަށް ކުރިހޯދައިފަ އެވެ. އެރަންޑީ ފުރަތަމަ ދެ ސެޓު ގެންދިޔައީ 11-04 އާއި 12-10 އިންނެވެ. ތިން ވަނަ ސެޓު 12-14 އިން ގެންގޮސް ދީމާ އުއްމީދުއާ ކުރި ނަމަވެސް ދެން ކުޅުނު ސެޓުން 13-11 އިން ބަލިވުމުން ގޭމް ގެއްލުނީ އެވެ.

ދެ ވަނަ ގޭމްގައި ރާއްޖޭން ނުކުތީ އައިޝަތު ރަފާ ނާޒިމް އެވެ. ރަފާގެ މައްޗަށް ލަންކާގެ އިޝާރާ މަދުރަންގީ ވެސް ކުރިހޯދީ 3-1 ސެޓުންނެވެ. ފުރަތަމަ ސެޓު 11-06 އިން އިޝާރާ ގެންގޮސްފައިވަނިކޮށް ރަފާ ވަނީ ދެ ވަނަ ސެޓުގައި މޮޅު ކުޅުމެއް ދައްކައި 10-12 އިން ސެޓު ގެންގޮސްފަ އެވެ. ދެ ވަނަ ސެޓުގައި ދެއްކި ކުޅުން ރަފާ އަށް ދެން ކުޅުނު ދެ ސެޓުގައި ތަކުރާރުނުކުރެވިދިޔައިރު، އިޝާރާ ވަނީ 11-03 އަދި 11-06 އިން ސެޓުތައް ގެންގޮސް މެޗުން މޮޅުވެފަ އެވެ.

ރާއްޖޭން ތިން ވަނަ ގޭމަށް ނުކުތީ ލައިސާ ފަތުހުﷲ އެވެ. ލަންކާގެ ޕިސީލިއާ އަތުން ލައިސާ ބަލިވީ ވެސް 3-1 ސެޓުންނެވެ. ލައިސާ ވަނީ މި މެޗުގެ ފުރަތަމަ ސެޓު 10-12 އިން ގެންގޮސްފަ އެވެ. ޕިސިލިއާ މޮޅުވީ ދެން ކުޅުނު ތިން ސެޓު ގެންގޮސްގެންނެވެ. އޭނާ ސެޓުތައް ގެންދިޔައީ 11-06، 11-08 އަދި 11-04 އިންނެވެ.

އަންހެން ޓީޓީ ޓީމުން ވަނީ މިދިޔަ ޖުލައި މަހު މޮރިޝަސްގައި ކުރިއަށްދިޔަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ޓީމް އިވެންޓުން ރަން މެޑަލް ގެނެސްފަ އެވެ. އެ ފަހަރު ރަން މެޑަލް ހޯދި ޓީމުގައި ހިމެނުނު ރާއްޖޭގެ އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާ މުއީނާ މުހައްމަދު ވަނީ ރިޓަޔާކޮށްފަ އެވެ. ރާއްޖޭގެ އަންހެން ޓީޓީ ޓީމުން މި ފަހަރުގެ ކުޅުނު ފުރަތަމަ މެޗުން އިންޑިއާ އަތުން ބަލިވި ނަމަވެސް ޕާކިސްތާންގެ މައްޗަށް ވަނީ ކުރިހޯދައިފަ އެވެ. ޓީޓީ ފިރިހެން ޓީމު ގްރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗުން ވަނީ ނޭޕާލާއި ލަންކާ އަތުން ބަލިވެފަ އެވެ.

ޓީޓީގެ އޯޕަންސް އިވެންޓުގައި ރާއްޖޭގެ ގިނަ ކުޅުންތެރިންތަކެއް ވާދަކުރާނެ އެވެ. ރަފާ އާއި ދީމާ އަދި ލައިސާގެ އިތުރުން ދެން ހިމެނޭ އަންހެން ކުޅުންތެރިންނަކީ ފާތިމަތު ޖުމާނާ އާއި ޒާރާ ހަސަން ލަތީފް އެވެ. ފިރިހެން ކުޅުންތެރިންނަކީ މޫސާ މުންސިފް އަހުމަދާއި މުހައްމަދު ޝައްފާން އިސްމާއިލް، މުހައްމަދު ޒީސްތު ނަސީމް، މުހައްމަދު ތާބިން ސުޖާއު އަދި އަހުޔާރު އަހުމަދު ހާލިދު އެވެ.

1 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަދިއްޔު

03 December 2019

ދެން ފަހަރަކުން ރިހި، ދެން ރަން އިރާދަކުރެއްވިއްޔާ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454