ނޭޕާލުގެ ތިން ކުޅުންތެރިން ކައިރިން ރާއްޖޭގެ ރިޝްމާ (ވ) ބޯޅަ ހިފައިގެންދަނީ.-- އެމްއޯސީ ފޮޓޯ: ހުސެއިން ވަހީދު
09 ޑިސެމްބަރ 2019 - 19:44
ސައުތު އޭޝިއަން ގޭމްސްގެ ބާސްކެޓްބޯޅަ އިވެންޓުގައި ސެމީ ފައިނަލުން ރާއްޖޭގެ އަންހެން ބާސްކެޓްބޯޅަ ޓީމު މިއަދު ނޭޕާލް އަތުން 55-68 އިން ބަލިވެއްޖެ އެވެ.
މުބާރާތުގެ ތިން ވަނަ ހޮވާ މެޗުގައި މާދަމާ ރާއްޖެ ބައްދަލުކުރާނީ ބޫޓާންއާ އެވެ. މެޗު ފަށާނީ ރާއްޖެ ގަޑިން މާދަމާ ހެނދުނު 9:45 ގަ އެވެ. ބޫޓާން ވަނީ މިއަދު ކުޅުނު އަނެއް ސެމީ ފައިނަލުގައި އިންޑިއާ އަތުން ބަލިވެފަ އެވެ.
ނޭޕާލުގެ ކަތުމަންޑޫގައި ހުންނަ ތުރީޕުރޭޝްވޯރު ހޯލުގައި މިއަދު ކުޅުނު ސެމީ ފައިނަލް މެޗުގައި ފުރަތަމަ ކުއާޓަރު ނިމުނުއިރު، ނޭޕާލް ކުރީގައި އޮތީ 13-19 އިންނެވެ. ދެ ވަނަ ކުއާޓަރުގައި ވެސް ނޭޕާލުން ވަނީ އެ ލީޑު ދަމަހައްޓައިފަ އެވެ. މި ކުއާޓަރު ނިމުނުއިރު، ނޭޕާލް ކުރީގައި އޮތީ 27-35 އިންނެވެ. ނޭޕާލުން ލީޑުފުޅާކުރީ ތިން ވަނަ ކުއާޓަރުގަ އެވެ. މި ކުއާޓަރުގައި ނޭޕާލްގެ ކުޅުން ވަރުގަދަކުރިއިރު، އެ ޓީމުން ކުއާޓަރު ނިންމާލިއިރު ކުރީގައި އޮތީ 38-55 އިންނެވެ. މި ކުއާޓަރުގައި ރާއްޖެ އަށް ޕޮއިންޓް ސްކޯ ކުރުމުގައި އުނދަގޫތަކާ ކުރިމަތިލާން ޖެހުނެވެ.
މިއަދުގެ މެޗުގައި ޕޮއިންޓެއް ހޯދުމަށް ފަހު އަންހެން ޓީމުގެ ކެޕްޓަން ޝިއުރާ އުފާފާޅުކުރަނީ. -- އެމްއޯސީ ފޮޓޯ: ހުސެއިން ވަހީދު
ފަހު ކުއާޓަރުގައި ނޭޕާލުން ހަމަޖެހިލައިގެން ކުޅެލަން ފުރުސަތު އޮތުމުން އެ ޓީމުން ވަނީ އޭގެ ބޭނުން ހިފައިފަ އެވެ. އެހެން ނަމަވެސް ރާއްޖެ ޓީމުގެ ފަރާތުން ރަނގަޅު ރޫހެއްގައި ކުޅެ، ތިން ވަނަ ކުއާޓަރަށް ވުރެ ޕޮއިންޓް ސްކޯކުރުން ރަނގަޅުކުރި އެވެ. ފަހު ސެޓު ނިންމާލިއިރު ނޭޕާލް ކުރީގައި އޮތީ 55-68 އިންނެވެ.
ރާއްޖެ ޓީމަށް މި މެޗުގައި ވެސް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ ޓީމުގައި ހިމެނޭ ތަޖުރިބާކާރު ތިން ކުޅުންތެރިން ކަމަށްވާ ކެޕްޓަން އައިމިނަތު ޝިއުރާ އަބްދުލް ބާރީ އާއި ފާތިމަތު ރިޝްމާ އަދި ހައުމާ އުބައިދުﷲ (ހައު) އެވެ. ރިޝްމާ ވަނީ 22 ޕޮއިންޓް އެއްކޮށްފަ އެވެ. ޝިއުރާ 17 ޕޮއިންޓް އެއްކުރިއިރު، ހައު ވަނީ 11 ޕޮއިންޓް ހޯދައިދީފަ އެވެ.
ރާއްޖޭގެ އަންހެން ބާސްކެޓްބޯޅަ ޓީމުން މި ފަހަރުގެ ސެމީން ފުރުސަތު ހޯދުމަކީ ތާރީހީ ކާމިޔާބެކެވެ. މިއީ މިހާތަނަށް އަންހެން ބާސްކެޓް ޓީމަށް ސެމީގެ ފުރުސަތު ލިބިގެންދިޔަ ފުރަތަމަ ފަހަރެވެ. ޓީމުގެ ކޯޗަކީ ރާއްޖޭގެ ބާސްކެޓްގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ލަންކާގެ ކޯޗު ސުޕުން ވިމާލް އެވެ. ސުޕުންގެ ކޯޗުކަމުގައި ރާއްޖޭގެ ފިރިހެން ބާސްކެޓް ޓީމާއި އަންހެން ބާސްކެޓް ޓީމު ވަނީ ލަންކާގެ މައްޗަށް ކުރި ހޯދައިފަ އެވެ. ލަންކާ އަތުން ފިރިހެން ބާސްކެޓް ޓީމު މޮޅުވީ 2017 ވަނަ އަހަރު މާލޭގައި ބޭއްވި ސާބާ ޗެމްޕިއަންޝިޕްގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy