ލިވަޕޫލްގެ ފިރްމީނޯ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
19 ޑިސެމްބަރ 2019 - 08:20
ދޯހާ (ޑިސެމްބަރު 19) - ފީފާ ކްލަބް ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި ރޭ ފަހު ވަގުތު ރޮބާޓޯ ފިރްމީނޯ ވައްދާލި ގޯލުން 2-1 އިން މެކްސިކޯގެ މޮންޓަރޭ ބަލިކޮށް ޔޫރަޕްގެ ޗެމްޕިއަން ލިވަޕޫލް މުބާރާތުގެ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.
އަންނަ ހޮނިހިރު ދުވަހުގެރޭ ކުޅޭ ފައިނަލުގައި ލިވަޕޫލް ނުކުންނާނީ ދެކުނު އެމެރިކާގެ ޗެމްޕިއަން ބްރެޒިލްގެ ފްލަމެންގޯއާ ދެކޮޅަށެވެ. ފްލަމެންގޯ ފައިނަލުން ފުރުސަތު ހޯދީ ސެމީގައި އޭޝިއާގެ ޗެމްޕިއަން ސައޫދީ އަރަބިއާގެ އަލް ހިލާލް ބަލިކުރުމަށް ފަހު އެވެ.
ގަތަރުގެ ހަލީފާ އިންޓަނޭޝަނަލް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ 12 ވަނަ މިނިޓްގައި ގިނީގެ މިޑްފީލްޑަރު ނަބީ ކެއިޓާ ވަނީ ލިވަޕޫލަށް ލީޑުނަގައިދީފަ އެވެ. ލިވަޕޫލަށް ލީޑުހިފަަހައްޓައިލެވުނީ ދެ މިނިޓެވެ. އުތުރު އެމެރިކާގެ ޗެމްޕިއަން މޮންޓަރޭ އިން ވަނީ މެޗުގެ 14 ވަނަ މިނިޓްގައި ފުނޭސް މޯރީގެ ގޯލުން އެއްވަރުކޮށްފަ އެވެ.
މެޗުގައި ލީޑުނަގަން މޮންޓަރޭ އިން ވަނީ ގިނަ ހަމަލާތަކެއް ފޮނުވާލައިފަ އެވެ. ސިއްހީ ހާލަތު ތަންނުދޭތީ ރޭގެ މެޗުގައި ލިވަޕޫލްގެ ޑިފެންޑަރު ވާޖިލް ވެން ޑައިކް ނުކުޅެ އެވެ. އޭނާގެ މަގާމުގައި ފަހަތަށް ކުޅުނީ ކެޕްޓަން ޖޯޑަން ހެންޑަސަން އެވެ. މޮންޓަރޭ އިން މި މެޗުގައި ފޮނުވާލި ނުރައްކާތެރި ބޯޅަތަކެއް ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާ ވަނީ ހުއްޓުވައިފަ އެވެ.
ދެ ވަނަ ހާފުގައި ލިވަޕޫލުން ވަނީ ސަޑިއޯ މާނޭ އާއި ފިރްމީނޯ ކުޅެން އަރުވައިފަ އެވެ. ލިވަޕޫލް މޮޅުކޮށްދިން ލަނޑު ފިރްމީނޯ ޖެހީ އިތުރު ވަގުތުގެ ފުރަތަމަ މިނިޓްގަ އެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އަލެކްސަންޑަ އާނޯލްޑް ނެގި ހުރަހެއް ފިރްމީނޯ ވަނީ މޮންޓަރޭ ޑިފެންޑަރުންގެ ތެރެއިން ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.
ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ މި މެޗުގައި ލިވަޕޫލް މޮޅުވުމުގެ ކްރެޑިޓް ކީޕަރު އެލިސަން އަށް ހައްގުވާކަމަށާއި އަނިޔާގެ ސަބަބުން ޓީމަށް ކުރިމަތިވާ ގޮންޖެހުންތައް ގިނަވަމުން އައި ނަަމަވެސް ތިބި ކުޅުންތެރިން ކުރާ ހިތްވަރު ފާހަގަކުރާ ކަމަށެވެ.
ލިވަޕޫލަށް މީގެ ކުރިން ކްލަބް ވޯލްޑް ކަޕް ކާމިޔާބުކުރެވިފައިނުވެ އެވެ. އެ ޓީމުން 2005 ވަނަ އަހަރުގެ ފައިނަލުގައި ވަނީ ބްރެޒިލްގެ ސައޮ ޕައޮލޯ އަތުން ބަލިވެފަ އެވެ. މި ފަހަރުގެ ފައިނަލުގައި އެ ޓީމުން ކުޅޭނީ ބްރެޒިލްގެ ފްލަމެންގޯއާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޭބީ
19 December 2019
އުރުގުއޭގެ މޮންޓަރޭ އޭ؟؟؟ އުރުގުއޭ އެއީ އުތުރު އެމެރިކާތަ؟ ދެލޯފުޅާ މެކްސިކޯ ޓީމެއް އެއީ....