24 ޑިސެމްބަރ 2019 - 09:35
ޕެރިސް (ޑިސެމްބަރު 24) - އަންނަ އަހަރު ޓޯކިޔޯގައި އޮންނަ އޮލިމްޕިކްސްގެ ފުޓްބޯޅަ އިވެންޓުގައި ވާދަކުރާ ފްރާންސް ޓީމަށް ކުޅެން ބޭނުންވާ ކަމަށް ޕީއެސްޖީގެ ތަރި ކީލިއަން އެމްބާޕޭ ބުނެފި އެވެ.
ފްރާންސް ގައުމީ ޓީމާ އެކު މިދިޔަ އަހަރު ރަޝިއާގައި އޮތް ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރި ޓީމުގައި މުހިއްމު ދައުރެއް އަދާކުރި އެމްބާޕޭ އަކީ އުމުރުގެ ގޮތުން ބަލާއިރު ވެސް އޮލިމްޕިކްސްގައި ކުޅެވޭނެ ކުޅުންތެރިޔެކެވެ. އޮލިމްޕިކްސް ފުޓްބޯޅަ އިވެންޓުގައި ކުޅޭ ގައުމުތަކުގެ ޓީމު ލިސްޓުގައި ހިމެނޭނީ 23 އަހަރުން ދަށުގެ ކުޅުންތެރިންގެ އިތުރުން އެ އަށް ވުރެން ދޮށީ އުމުރުގެ ތިން ކުޅުންތެރިންނެވެ.
"އޮލިމްޕިކްސްގައި ކުޅޭހިތްވޭ. އެކަމަކު އޭގެ ކޮންޓްރޯލް އޮތީ އަހަރެން އަތުގައެއް ނޫން. އެކަމަކު އަހަރެންގެ ކްލަބް (ޕީއެސްޖީ) އެ ގޮތަށް ބޭނުންނުވާނަމަ ކުރެވޭނެ ކަމެއް ނެތް،" އެމްބާޕޭ ބުންޏެވެ.
އަންނަ އަހަރުގެ ޖުލައި 24 އިން ފެށިގެން އޮގަސްޓް ނުވަ ވަނަ ދުވަހުގެ ނިޔަލަށް ޓޯކިޔޯގައި ކުރިއަށްދާ އޮލިމްޕިކްސްގައި ކުޅެފިނަަމަ އެމްޕާބޭ އަށް ރަނގަޅު ޕްރީ ސީޒަނެއް ނުލިބޭނެ އެވެ. އަނެއްކޮޅުން އަންނަ އަހަރަކީ ޔޫރޯ ފުޓްބޯޅަ މުބާރާތް ވެސް އޮންނަ އަހަރެއް ކަމަށްވުމުން އެމްބާޕޭ އަށް ބައިނަލްއަގުވާމީ ދެ މުބާރާތެއްގައި ކުޅެން ޖެހިއްޖެނަމަ އަންނަ ސީޒަނުގައި ޕީއެސްޖީ ކުޅޭ ފުރަތަމަ މެޗުތައް އޭނާ އަށް ގެއްލުމުގެ ފުރުސަތު ބޮޑެވެ.
އުމުރުން 21 އަހަރުގެ އެމްބާޕޭ ބުނީ މީގެ ގޮތެއް ނިންމާއިރު ފްރާންސްގެ ޒުވާން ޓީމުގެ ކޯޗު ސިލްވައިން ރިޕޯލް އާއި ސީނިއާ ޓީމުގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސްއާ ވެސް މަޝްވަރާކުރާނެ ކަމަށެވެ.
"ކޯޗުންނާ މަޝްވަރާކޮށްފައި ގޮތެއް ނިންމާނީ. މިސާލަކަށް އަންނަ އަހަރުގެ އޮލިމްޕިކްސްގައި ނުކުޅެވުނަސް އަހަންނަށް 2024 ވެސް އެބައޮތް. އަދި އޭގެ ފަހުން ވެސް އޮންނާނެ. މީގެ އެންމެ ރަނގަޅު ގޮތަކަށް ވިސްނާފައި ނިންމަން ޖެހޭނީ،" އެމްބާޕޭ ބުންޏެވެ.
އެންމެ ފަހުން 2016 ވަނަ އަހަރު ބްރެޒިލްގެ ރިއޯގައި ބޭއްވި އޮލިމްޕިކްސްގެ ފުޓްބޯޅަ އިވެންޓުން ރަން މެޑަލް ހޯދީ ޕީއެސްޖީގެ ނޭމާގެ ކެޕްޓަން ކަމުގައި ކުޅުނު ބްރެޒިލް ޓީމުންނެވެ. އަންނަ އަހަރުގެ އޮލިމްޕިކްސްގައި ވާދަކުރާ މިސްރު ޓީމުގައި ސީނިއާ ކުޅުންތެރިންގެ އެއް ޖާގައިގައި ލިވަޕޫލްގެ މުހައްމަދު ސަލާހު ކުޅުވަން އެ ގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ވަނީ ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy