އުރީދޫން މި މަހު ބޭއްވި ހާއްސަ އާންމު ޖަލްސާ -- ފޮޓޯ: ނިޝާން އަލީ/ މިހާރު
30 ޑިސެމްބަރ 2019 - 12:56
އުރީދޫގެ ޑިރެކްޓަރުންގެ ބޯޑުގައި އިންނަ، އާންމު ހިއްސާދާރުން ތަމްސީލުކުރާ ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އާންމު ހިއްސާދާރުންގެ ފަރާތުން އިންތިހާބުކުރާ ބޯޑު ޑިރެކްޓަރުކަމުގެ މަގާމަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކުގެ ތެރޭގައި އުރީދޫގެ ހިއްސާދާރަކަށް ވުމުގެ އިތުރުން ކޯޕަރޭޓް ގަވާނެންސް ކޯޑުގައި ހިމެނޭ ޝަރުތުތައް ފުރިހަމަވުމާއި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީން އާންމުކޮށްފައިވާ ލިސްޓަޑް ކުންފުނިތަކުގެ ބޯޑް ޑިރެކްޓަރުންގެ "ފިޓް އެންޑް ޕްރޮޕާ" މިންގަނޑުތައް ފުރިހަމަވާން ޖެހެ އެވެ.
އުރީދޫގެ އިއުލާންގައި ބުނެފައިވާ އެހެން ޝަރުތުތަކުގެ ތެރޭގައި ބައިނަލްއަގްވާމީ ގޮތުން ބަލައިގަންނަ ޔުނިވަސިޓީއަކުން ޑިގްރީ ހާސިލްކޮށްފައިވުމާއި ބައިނަލްއަގްވާމީ ނުވަތަ ރާއްޖޭގެ ކުންފުންޏެއްގެ އިސް މަގާމެއްގައި މަދުވެގެން 10 އަހަރު އުޅެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ހިމެނެ އެވެ.
އުރީދޫން ބުނީ ކުރިމަތިލާ މީހުންނަކީ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ލިސްޓުކޮށްފައިވާ ކުންފުނިތަކުގެ ތެރެއިން، ދެ ކުންފުންޏަށް ވުރެ ގިނަ ކުންފުނިތަކުގެ ބޯޑުގައި މި ވަގުތު ހިމެނޭ ބަޔަކަށް ވެގެން ނުވާނެ ކަމަށެވެ.
އާންމު ހިއްސާދާރުންގެ ފަރާތުން އިންތިހާބު ކުރާ ބޯޑު ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލާން ބޭނުންވާ އެޕްލިކޭޝަން ފޯމު، އުރީދޫގެ ވެބްސައިޓުން ލިބޭނެ އެވެ. އެޕްލިކޭޝަން ފޯމު ހުށައެޅުމުގެ އެންމެ ފަހު ދުވަހަކީ އަންނަ ޖެނުއަރީ 20 އެވެ.
ބޯޑު ޑިރެކްޓަރު ކަމަށް ކުރިމަތިލާ މީހުން ޝޯޓް ލިސްޓްކުރާނީ އުރީދޫގެ ނޮމިނޭޝަން އަދި ރެމިއުނަރޭޝަން ކޮމިޓީންނެވެ. ޝަރުތު ހަމަވާ މީހުންގެ މައުލޫމާތު އާންމުކުރާނީ، އުރީދޫން ބުނި ގޮތުގައި، މާޗު 2020 ގައި ބާއްވާ އަހަރީ އާންމު ޖަލްސާގެ ނޯޓިސް އާއި އެޖެންޑާއާ އެކު އެވެ.
މި މަހު 16 ގައި އުރީދޫން ބޭއްވި ހާއްސަ އާންމު ޖަލްސާގައި އާންމު ހިއްސާދާރުން ހޮވާ ޑިރެކްޓަރުގެ މުއްދަތަށް އިސްލާހެއް ގެނެސްފައިވެ އެވެ. އެގޮތުން މާޗު 2020 ގައި ބާއްވާ ޖަލްސާގައި އިންތިހާބު ކުރާ ޑިރެކްޓަރަށް ދެ އަހަރުގެ މުއްދަތެއް ލިބެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަމޭދާން
30 December 2019
މމަވެސް އުރީދޫ.