ޖަޕާނުގެ މިޑްފީލްޑަރު ޓޮޝީ (ކ) އާއި ކޯޗު މޯހަން އަދި ޗޯޓު.
10 ޖެނުއަރީ 2020 - 22:09
ކްލަބް އީގަލްސް އިން ށ. ފޯކައިދޫ އަށް ކުޅުނު ޒުވާން ފޯވާޑް ހަސަން ނަޒީމް (ޗޯޓު) އާއި ފ. ނިލަންދޫ ޓީމަށް ކުޅުނު ޖަޕާނުގެ މިޑްފީލްޑަރު ޓޮޝީކީ އޮކަމޯޓޯ (ޓޮޝީ)ގެ ސޮއި ހޯދައިފި އެވެ.
މި ދެ ކުޅުންތެރިން ވެސް ވަނީ މިއަދު އޮތް އީގަލްސްގެ ފަރިތަކުރުންތަކުގައި ބައިވެރިވެފަ އެވެ. ދެ ކުޅުންތެރިން ވެސް ސީޒަނުގެ ނިޔަލަށް އީގަލްސް އަށް ބަދަލުވެފައިވާއިރު، ލީގުގައި އާދިއްތަ ދުވަހު ހަވީރު ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅޭ މެޗުގައި ކުޅުމުގެ ފުރުސަތު އެބައޮތެވެ. އީގަލްސްގެ ޒުވާން ކީޕަރު ހަސަން އަލީފް އިބްރާހިމް ވަނީ ގްރީން ސްޓްރީޓްސް އަށް ލޯން އެއްބަސްވުމެއްގެ ދަށުން ބަދަލުވެފަ އެވެ.
ގައުމީ 19 އަހަރުން ދަށުގެ ކެޕްޓަންކަން ކޮށްފައިވާ ޗޯޓު ވަނީ ސީނިއާ ގައުމީ ޓީމުން ވެސް ފުރުސަތު ހޯދައިފަ އެވެ. ޒުވާން ގައުމީ ޓީމުގެ ކެޕްޓަނެއްގެ ގޮތުގައި ސާފް 18 އަހަރުން ދަށު މުބާރާތުގެ ލޯ މެޑަލް ހޯދި ޗޯޓު މިދިޔަ އަހަރު ވަނީ ވޯލްޑް ކަޕް/ އޭޝިއަން ކަޕް ކޮލިފައިންގެ ބައެއް މެޗުތަކުގައި ސީނިއާ ޓީމަށް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅުމުގެ އިތުރުން 23 އަހަރުން ދަށުގެ ގައުމީ ޓީމުގައި ހިމެނި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އާއި ސައުތު އޭޝިއަން ގޭމްސްގައި މިދިޔަ އަހަރު ކުޅެފަ އެވެ.
ފޯކައިދޫ ޓީމާ 2018 ވަނަ އަހަރު ގުޅުމަށް ފަހު އަލީ ނިސްތާރު މުހައްމަދުގެ ކޯޗުކަމުގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ޗޯޓު ވަނީ މި ސީޒަނުގައި ވެސް ފޯކައިދޫގެ ގިނަ މެޗުތަކެއްގައި ކުޅެފަ އެވެ.
ތައިލެންޑުގެ ޓީމަކަށް ކުޅުމަށް ފަހު މި ސީޒަނުގައި ނިލަންދޫއާ ގުޅުނު ޓޮޝީ އަކީ ކުރިން ސްޕެއިނުގެ ކަޓަލޫނިއާ އަށް ނިސްބަތްވާ ބައެއް ކްލަބްތަކުގައި ޓްރަޔަލްތަކެއް ފުރިހަމަކޮށް ބައެއް މެޗުތައް ވެސް ކުޅެފައިވާ ކުޅުންތެރިއެކެވެ. މި ސީޒަނުގައި ނިލަންދޫއާ ގުޅުމަށް ފަހު މޮޅު ކުޅުމެއް ދައްކައި ޓޮޝީ ވަނީ މުހިއްމު ލަނޑުތަކެއް ޖަހައިފަ އެވެ. އޭނާގެ އެންމެ ހާއްސަ އެއް މެޗަކީ ދެ ވަނަ ބުރުގައި ނިލަންދޫ އިން ގްރީން ސްޓްރީޓްސްގެ މައްޗަށް ކުރިހޯދި މެޗެވެ.
ނިލަންދޫ އިން ޓޮޝީ ދޫކޮށްލީ ލީގުގެ ތިން ވަނަ ބުރުގައި ގަދަ ހަ ޓީމު ކުޅޭ ގޮތަށް ބަދަލުކުރުމުން އެ ޓީމަށް ތިން ލީގު ނިމިފައިވާތީ އެވެ.
ލީގުގެ އެއް ވަނައިގައި މާޒިޔާ އޮތީ 11 ޕޮއިންޓުގެ ލީޑަކާއެކު 41 ޕޮއިންޓް ހަމަކޮށްގެންނެވެ. ދެ ވަނައިގައި އޮތް އީގަލްސް އަށް 30 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި ޓީސީ އޮތީ 28 ޕޮއިންޓާ އެކު އެވެ. ލީގުގެ ދެ ވަނަ ބުރުގައި ދެ ވަނަ ޓީމުގެ ގޮތުގައި ނިންމާލަން އާދިއްތަ ހަވީރު ޓީސީއާ ދެކޮޅަށް ކުޅޭ މެޗުން ނަތީޖާ ނެރުން އީގަލްސް އަށް މަޖުބޫރެވެ. އެ މެޗު އެއްވަރުކޮށްލައިގެން ވެސް އީގަލްސް އަށް މި ބުރުގައި ދެ ވަނަ ކަށަވަރުކުރެވޭނެ އެވެ.
މި މަހު 15 ވަނަ ދުވަހާ ހަމަ އަށް ރާއްޖޭގެ ކްލަބްތަކަށް ޓްރާންސްފާ މާކެޓް ހުޅުވިފައިވާއިރު، ދަ ގްރާންޑޭ ސްޕޯޓްސް ކްލަބުން ވަނީ ގްރީން ސްޓްރީޓްސް އަށް ކުޅެމުން އައި ޑިފެންޑަރު ގާސިމް ސަމާމް (ސައްމެ)ގެ ސޮއި ހޯދައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިސްމާލުކަލޭފާނު
10 January 2020
ރާއްޖެތެރޭ ޓީމުތައްވެސް ހާދަ ކުރިޔަށް ޖައްސާލައިފިޔޭ. ކުޅުންތެރި ކިހިލިޖަހާލައިގެން އެގެންނަނީ ޖަޕާނުން. ދުވަސްކޮޅަކުން އިންގުލޭންޑާ އިސްޕޭނުންވެސް ކުޅުންތެރިންގެންނާކަށް ފަހަކަށްނުޖެހޭނެ.