ކުޅިވަރު

ދަ ގްރާންޑޭ އިން ގްރީން ސްޓްރީޓްސް ބަލިކޮށްފި

ފަ ގްރާންޑޭގެ އޮބައިދާ (ވ) އެ ޓީމުގެ އެހެން ކުޅުންތެރިއަކާ އެކު.-- ފޮޓޯ: މިހާރު

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގައި އިރާގު ފޯވާޑް އޮބައިދާ ކަދުމްގެ ހަތަރު ގޯލާ އެކު ދަ ގްރާންޑޭ ސްޕޯޓްސް ކްލަބުން 5-2 އިން ކްލަބް ގްރީން ސްޓްރީޓްސް ބަލިކޮށްފި އެވެ.

މި ނަތީޖާއާ އެކު ދަ ގްރާންޑޭ ލީގުގެ ފަސް ވަނައިގައި އޮތީ ހަތަރު ވަނައިގައި އޮތް ގްރީން ސްޓްރީޓްސް އަށް ވުރެ ދެ ޕޮއިންޓް މަދުން ހޯދައިގެންނެވެ. ދަ ގްރާންޑޭ އަށް 17 މެޗުން 24 ޕޮއިންޓް ލިބިފައިވާއިރު، ގްރީން ސްޓްރީޓްސް ވަނީ 17 މެޗުން 26 ޕޮއިންޓް ހޯދައިފަ އެވެ. ރޭގެ މެޗުން މޮޅުވެގެން ގްރީން ސްޓްރީޓްސް އަށް ލީގުގެ ދެ ވަނަ އަށް އެރުމަށް ލިބުނު ފުރުސަތު ވަނީ ގެއްލިފަ އެވެ.

މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ގްރީން ސްޓްރީޓްސްގެ ގިނަ ކުޅުންތެރިން ވަނީ އެ ކްލަބް ދޫކޮށްލައިފަ އެވެ. އޭގެ ތެރޭގައި ޓީސީ އަށް ބަދަލުވި އަލީ އަޝްފާގު (ދަގަނޑޭ) އާއި ދަ ގްރާންޑޭއާ ގުޅުނު ގާސިމް ސަމާމް (ސައްމެ)ގެ އިތުރުން އީގަލްސް އަށް ސޮއިކުރި ރިހާމް އަބްދުލް ގަނީ (ބޮބީ) ހިމެނެ އެވެ.

ރޭގެ މެޗު ފަށައިގެން ފުރަތަމަ 30 މިނިޓް ތެރޭގައި ދަ ގްރާންޑޭން ދެ ގޯލުގެ ލީޑެއް ނެގި އެވެ. މެޗުގެ 14 ވަނަ މިނިޓްގައި ދަ ގްރާންޑޭގެ އަޔާޒު އަހުމަދު (އަޔާ) ޖެހި ބޯޅަ އޮބައިދާ ވަނީ ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. ލީޑުފުޅާކޮށްދިން ގޯލު މެޗުގެ 28 ވަނަ މިނިޓްގައި އޮބައިދާ ޖެހީ ބޮލުންނެވެ. މި ހާފުގައި ގްރީން ސްޓްރީޓްސް އިން ފޮނުވާލި ހަމަލާތައް ދަ ގްރާންޑޭގެ ގޯލުގައި ހުރި ގައުމީ ޓީމުގެ ކީޕަރު މުހައްމަދު ފައިސަލް ވަނީ މަތަކޮށްފަ އެވެ.

ދެ ވަަނަ ހާފްގެ ކުޅުން ފަށައި ހަތް މިނިޓް ތެރޭ އޮބައިދާ ވަނީ ތިން ވަނަ ލަނޑެއް ޖަހައި އޭނާގެ ހެޓްރިކް ފުރިހަމަކޮށްފަ އެވެ. މެޗުގެ 52 ވަނަ މިނިޓްގައި ޖެހި މި ގޯލަކީ ގްރީން ސްޓްރީޓްސްގެ ގޯލުގައި ހުރި ޒުވާން ގައުމީ ޓީމުގެ ގޯލްކީޕަރު ހަސަން އަލީފާއި އެ ޓީމުގެ ޑިފެންޑަރު މުހައްމަދު ސާއިފަށް ހެދުނު ގޯހެއްގެ ފައިދާ ނަަގައި އޮބައިދާ ޖެހި ގޯލެކެވެ. އޭގެ އަށް މިނިޓް ފަހުން އޮބައިދާ ވަނީ ގްރީން ސްޓްރީޓްސްގެ އޮފްސައިޑް މަޅިން ސަލާމަތްވެ ދަ ގްރާންޑޭ އަށް ހަތަރު ވަނަ ގޯލެއް ޖަހައިދީފަ އެވެ.

މެޗުގެ 70 ވަނަ މިނިޓްގައި ގްރީން ސްޓްރީޓްސްގެ ފުރަތަމަ ލަނޑު ޖެހީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އެރި މުހައްމަދު ރިސްވާން (ފުކޭ) އެވެ. އުމެއިރު ދިން ބޯޅަ އޭރިއާ ތެރެއިން ފުކޭ ވަނީ ކީޕަރު ފައިސަލް އަތުގައި ޖައްސާފައި ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.

އޭރިއާތެރެއިން ލިބުނު ފުރުސަތެއްގައި ދަ ގްރާންޑޭގެ ފަސް ވަނަ ގޯލު އަހުމަދު އިމާޒް (އާއްކޮ) ކާމިޔާބުކުރިއިރު، އިތުރު ވަގުތުގައި ފުކޭ ވަނީ ގްރީން ސްޓްރީޓްސް އަށް ދެ ވަނަ ލަނޑެއް ޖަހައިދީފަ އެވެ. ފުކޭގެ މި ގޯލަކީ ފައިސަލް އަތުގައި ޖެހިފައި ލިބުނު ހުސް ފުރުސަތަކުން އޭނާ ކާމިޔާބުކުރި ގޯލެކެވެ.

ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ސުޒޭން ބުނީ މި ވަރުގެ ތަފާތެއް އައީ ފަހަތުން ހެދުނު ގޯސްތަކެއްގެ ސަބަބުން ކަމަށާއި އޭނާގެ ޓީމުގެ ކުޅުންތެރިންގެ މޯޓިވޭޝަން ފެނުނީ ވަރަށް އާދައިގެ ގޮތަކަށް ކަމަށެވެ.

"ޓްރާންސްފާގައި ގްރީން އިން ކުޅުންތެރިންތަކެއް ދިޔައީ. ހާއްސަކޮށް ބޭރު މީހުންތައް ވެސް ނެތި ހަމައެކަނި ސައީދު (މިސްރު ޑިފެންޑަރު) މި ހުރީ. ދެން ތިބި ކުޅުންތެރިން ފުރުމުގެ މަގުމަތީގައި. ދެން އަޝްފާގު ދިއުމާއި ބަދަލުތަކަށް ކުޅުންތެރިން ރިޕްލޭސް ކުރީ. އަނެއްހެން ޕްލޭނެއް އޮވެގެން ކަންތައްތައް ކުރަން ގްރީން އަށް ފުރުސަތެއްނެތް. މާލީ ވަރަށް ބޮޑު ދަތިތަކެއް އެބަހުރި. ޓީމު މެއިންޓެއިން ކުރުން މި އޮތީ. ގެނައި ކުޅުންތެރިން ސެޓު ވެލީމަ ރަނގަޅުވާނެ މިއަަށް ވުރެ،" ސުޒޭން ބުންޏެވެ.

ދަ ގްރާންޑޭގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) ބުނީ ކުޅުންތެރިންގެ ކުޅުމާއި މަސައްކަތްކުރި މިންވަރާ ހުރިހާ ކަމަކަށް ބަލާއިރު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށެވެ. އޭނާ ބުނީ ފުރުސަތު ފަހިވި ވަރަކަށް ކުރިއަށް ހުރި މެޗުތަކުގައި ޒުވާން ކުޅުންތެރިންނަށް ޓީމުން ޖާގަދޭނެ ކަމަށެވެ.

ލީގުގައި ދެން ކުޅޭ މެޗުގައި މާދަމާރޭ އީގަލްސް ބައްދަލުކުރާނީ ޓީސީއާ އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454