15 ޖެނުއަރީ 2020 - 16:22
ރައްކާތެރިކަމާއި ސަލާމަތީ ކަންކަމާ ގުޅޭ ގޮތުން އައްޑޫގައި މި ވަގުތު ހުރި މައްސަލަތަކާ ގުޅޭ ގޮތުން އައްޑޫ ޑިވެލޮޕްމަންޓް ކޮމިޓީ (އޭޑީސީ) އިން މިއަދު ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާ މަޝްވަރާކޮށްފި އެވެ.
މިނިސްޓަރާ އެކު ބޭއްވި ބައްދަލުވުމާ ބެހޭ ގޮތުން އޭޑީސީގެ ނައިބު ރައީސް އަހުމަދު ޝަރީފު (ސައިރިކްސް ޝަރީފް) "މިހާރު" އަށް ވިދާޅުވީ އެންމެ ބޮޑު ކަންބޮޑުވަމަކީ އައްޑޫގެ އިޖުތިމާއީ ހާލަތު ދަށްވެ، އަމާންކަމާއި ރައްކާތެރިކަން އެ ސިޓީގައި ކަށަވަރު ނުވުން ކަމަށެވެ. މިއާ އެކު އެފަދަ މައްސަލަތަކާ ހެދި އައްޑޫގެ އިގުތިސާދަށް ވެސް ގޮންޖެހުންތަކެއް ހުރި ކަމަށާއި ތަރައްގީ އާއި ކުރިއެރުމަށް މިސްރާބު ޖަހާ ނަމަ، އެތަނަކަށް އަމާންކަމާއި ސުލްހަމަސަލަކަން އައުމަކީ އެންމެ މުހިއްމު ކަންތައް ކަމަށެވެ.
"މިހާރު އައްޑޫގެ ޓޫރިސްޓް އެނދުތައް ވެސް އިތުރުކުރުމުގެ މަސައްކަތްތަކެއް ވެސް ފެށިފައިވުމާ އެކު އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި މިކަހަލަ ކަންކަމުން ތަރައްގީ އާއި ކުރިއެރުން ލިބޭނީ އިންވެސްޓަރުންނަށް ވެސް އެތަނަކުން ރައްކާތެރިކަން ލިބިގެން،" ޝަރީފް ވިދާޅުވި އެވެ.
The #ADC meeting with the Home Minister to discuss about ensuring Home Security and Safety to the people and business community of Addu City, also discussed to design a separate Security Prevention Strategy (SPS) for Addu City to reduce the ongoing crimes in the City. @ShimranAb pic.twitter.com/srCDzGAAjT
— Ahmed Shareef (@shar_f) January 15, 2020
އޭނާ ވިދާޅުވީ ތަނުގެ ހަމަޖެހުން ނެތް ނަމަ އެތަނެއްގެ އިޖުތިމާއީ އަދި އިގުތިސާދީ ހާލަތު ދަށްވެ، ވަރަށް ބޮޑެތި ދަތިތަކެއް ކުރިމަތިވާނެ ކަމަށެވެ. އެހެންވެ މިނިސްޓަރާ އެކު ބޭއްވި ބައްދަލުވުމުގައި އެންމެ ބޮޑަށް މަޝްވަރާކުރެވުނު ކަމަކީ އައްޑޫގެ ކުށުގެ ވެށި އަމާންކޮށް، ހުރިހާ އެންމެންނަށް ވެސް އުޅެން ރައްކާތެރި ތަނަކަށް އައްޑޫ ހެދުން ކަމަށް ވިދާޅުވި އެވެ.
"މި ވަގުތު އައްޑޫގެ ސޭފްޓީ އާއި ސެކިއުރިޓީއާ ދޭތެރޭ ވަރަށް ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރި. އެކަންކަން ހައްލުކުރަން އެންމެގެން ގުޅިގެން މަސައްކަތްކޮށްފި ނަމަ ނަތީޖާ ނެރެވޭނެ،" ޝަރީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިކަންކަމަށް ރިއާޔަތްކޮށް ސްޓްރެޓެޖިކް ޕްލޭނެއް އެކުލަވާލުމާއި އައްޑޫގެ ޖަމިއްޔާ ޖަމާއަތްތަކާ މަޝްވަރާކޮށް އެންމެން ގުޅިގެން ކުރެވިދާނެ ކަންކަމާ ބެހޭ ގޮތުން މިނިސްޓަރާ ވާހަކަތަކެއް ހިއްސާކުރެވުނު ކަމަށެވެ.
"މިކަހަލަ ކަންކަމުގައި މިނިސްޓްރީގެ އެހީތެރިކަމާއި އެއްބާރުލުން ލިބޭ ނަމަ އެންމެން ގުޅިގެން މަސައްކަތްތައް ކުރެވޭނެ. އަޅުގަނޑުމެންގެ ވާހަކަ އަކީ ހަމައެކަނި ސަރުކާރަކަށް މިހެން ހުރި އިޝޫތަކެއް ހައްލެއް ނުކުރެވޭނެ. އެހެންވީމާ މުޅި ކޮމިއުނިޓި އާއި ސަރުކާރުގެ ހުރިހާ މުއައްސަސާތައް ގުޅިގެން މަސައްކަތްތަކެއް ކުރެވޭ ނަމަ ނަތީޖާ ނެރެވޭނެ،" ޝަރީފް ވިދާޅުވި އެވެ. "މިނިސްޓަރާ އެކު ދެކެވުނު ވާހަކަތައް ވަރަށް ޕޮޒިޓިވްކޮށް ދިޔައީ. އެހެންވީމާ އަޅުގަނޑުމެން އުންމީދުކުރަނީ ކުރިއަށް ވުރެ ރަނގަޅަށް، އައްޑުއާ ގުޅުން ހުރި އިޝޫޒްތަކަށް ވެސް ހައްލުތަކެއް ލިބިގެން ދާނެ ކަމަށް."
އޭޑީސީން ފާހަގަކޮށްފައިވާ ގޮތުގައި އައްޑޫގެ ވެށި އަމާންކުރުމަށްޓަކައި މަގުމަތީގެ ރައްކާތެރިކަމާއި އިޖުތިމާއީ ގޮތުން ވެސް އުފެދިފައިވާ އެކި ކަހަލަ މައްސަލަތަކާ ދެކޮޅަށް އާ ރޫހެއްގައި މަސައްކަތްކުރަން ޖެހެ އެވެ. އެގޮތުން މަސްތުވާތަކެތީގެ މައްސަލަތަކާއި އެ ނޫން ކުށްތަކާއި ރިހިބިލިޓޭޝަން ވަސީލަތްތަކާއި ކުށްކުރާ މީހުންނާ ގުޅުން ހުރި ކަންކަން މިހާރަށް ވުރެ ހަރުދަނާކޮށް، އައްޑޫގައި ކުރެވޭނެ ފަސޭހަ އިންތިޒާމުތަކެއް ހަަމަޖެހިގެން ދިއުން މުހިއްމު ކަމަށް ބުންޏެވެ.
"އިޖުތިމާއި މައްސަލަތައް ބޮޑުވި ވަރަކަށް އެތަނަކަށް އިގުތިސާދީ ގޮތުން އަންނަ ކުރިއެރުންތައް ވެސް މަޑުޖެހޭނެ. އެހެންވީމާ ފާގަތި އަދި އުފާވެރި ދިރިއުޅުމަކަށް އެބަޖެހޭ އަމާންވެއްޓެއް އޮންނަން،" ޝަރީފު ވިދާޅުވި އެވެ. "އަޅުގަނޑުމެންގެ އެދުމަކީ އައްޑޫގެ ހުރިހާ ރައްޔިތުން ވެސް ގުޅިގެން މިކަހަލަ މައްސަލަތައް ހައްލުކުރަން މަސައްކަތްކުރުން. އޭރުން ކުރިއެރުމަކަށް ވާނީ."
އޭޑީސީން ބުނި ގޮތުގައި އައްޑު އަށް ސިޓީއެއްގެ ދަރަޖަ ވެސް ލިބިފައިވާ އިރު، ފުރިހަމަ ނަމޫނާ ސިޓީއަކަށް އައްޑޫ ވާނީ ރައްޔިތުންގެ ދިރިއުޅުމަށް އަންނަ ހެޔޮ ބަދަލުތަކާ ވެސް އެކީގަ އެވެ. އަދި އައްޑޫ ސިޓީއެއްގެ ގޮތުގައި އެންމެ ފުރިހަމަ އަށް ހިނގާނީ މިހާރަށް ވުރެ ބޮޑަށް ކައުންސިލްގެ ދައުރު ވެސް ހަރުދަނާވެގެން ކަމަށް އޭޑީސީން ބުންޏެވެ.
"އަލަށް އިންތިހާބުކުރެވޭ ކައުންސިލާ އެކު ހެޔޮ ބަދަލުތަކެއް އައިސް، ސަރުކާރަށް ހަމައެކަނި ބަރޯސާވެގެން މަސައްކަތްކުރުމުގެ ބަދަލުގައި ކައުންސިލާއި ރައްޔިތުން ގުޅިގެން މަސައްކަތްކުރާ ތަން ފެނުމަކީ ވަރަށް އުންމީދުކުރެވޭ ކަމެއް،" ޝަރީފު ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފސކސސ
16 January 2020
އޭޑީސީ އޭ.... މީ ކޮންތާކު އުޅޭ ބައެއް. މީކީ އައްޑޫ ދަންނަ ބައެއްވެސް ނޫން. އޭޑީސީ އޭ ކިޔައިގެން އަނގަފުޅާކޮށްގެން މިނިސްޓަރުންނާއި ބައްދަލުކުރަނީ ކޮން ހައިސިއްޔަތަކުންބާ؟ މިނިސްޓަރުން ވެސް އެބަޖެހޭ މިކަހަލަ މީހުންގެ އަވައިގައި ނުޖެހި އުޅެން ދަސްކުރަން....
ރައްޔިތު55
16 January 2020
ހަމަ އަސްލުވެސް ތެދެއް ތިބުނީ. މިއިން ކޮންމެ މީހަކު އުޅެނީ މާލޭގަ. ކަނީ ބޮނީ މާލެއިން. އުޅެނީ މާލޭގަ. ދުވަހެއްގަ މިހެން ރަށަށް ނުދެއެކޭ ނޫން. އެކަމަކު ބަލާބަލަ އަމިއްލަ ފައިދާއަށް ތެޅޭ ވައްތަރު. ވަރަށް ފޫހިވޭ.
އިހުމާލް
16 January 2020
މިއިން އެކަކު ވެސް އަދި އާއިލާ މީހަކުވެސް އައްޑޫގަ ދިރިނު އުޅޭ، އަދު ނުވެސް އުޅޭނެ، ދެން ކޮން ހާލަތެއް އެނގޭނި، މިއުޅެނީ ، އަމިއްލަ އެދުން ބޮލަށްލައިގެން، ކޮއްމެވެސް ފައިދާ އެއްނެގޭތޯ
ހިސެން
15 January 2020
ރަށުތެރޭ ގިނައީ އަސްދޫނި ބޯ، އިސް އުފުލައިގެން ހިނގޭ އުޅެނީ މަދު %
ޔާސިރު
15 January 2020
އައްޑޫ އައްޑޫ އައްޑޫ. ސަލާމަތެއް ނެތް.
އަރަފާތު
15 January 2020
ޔާސިރު ކަލޭ ތީ ހާދަ ވަރަކަށް ޙަސަދައިގެ ހުޅުގަނޑު ހިތުގައި ރޯވެފައިވާ މީހެކޭދޯ؟ ބަލަ އައްޑޫ މީހުން އެމީހުންގެ ތަރައްޤީ އަށާއި ކުރިއެރުމަށް ކުރަމުންދާ މަސައްކަތް ނުފެނޭތަ. މާލޭ ސަރުކާރުން ދޫކޮށްފައި އޮތްނަމަ ކަލެއަށް އައްޑޫއޭ ކިޔާފަ އަނގަ ހުޅުވަންވެސް ފުރުސަތު ނުލިބޭވަރަށް އެމީހުން ތިބޭނީ ކުރީގަ. ފޯނުން ތިހެން ކޮމެންޓް ކުރަން އޮވެގެން ތިކަމެއް ނުވާނެ.
ޝޮކްތެރަޕީ
15 January 2020
އައްޑޫގެ ތަރައްގީޔަށް އޮތީ އިންޑިޔާގެ އަސްކަރީ ޕްލޭނެ. މީގެ ސަބަބުން އައްޑުއައް ލިބޭނީ ގެއްލުން. އިގްތިސޯދީ އުމްރާނީ ތައްގީއެއް ނުލިބޭނެ. މިނިވަން އިގްތިސޯދެ އޮވެގެން އައްޑޫ ތަރައްގީވާނީ. އައްޑޫ ރައްއިތުންނަ ހެޔޮވިސްނުން ދެއްވާ އައްޑޫ ތަރައްގީ ވާނެކަމަ ނުދެކެން.
އައްޔު
15 January 2020
ކޮބަތައިތަ މޭޔަރު ކަލޭގެ. އޭނައަކަށް ތިކަމެއް ނޭނގެތަ