ކުޅިވަރު

ޓީމު ވަރުގަދަ، ޓީސީން މިހާރު ނަތީޖާ ނެރެންޖެހޭ: ޝާޒްލީ

ޓީސީގެ މެޗެއްގެ ތެރެއިން އެ ޓީމުގެ ކޯޗު ޝާޒް.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މި މަހުގެ ޓްރާންސްފާ މާކެޓްގައި ޓީސީ ސްޕޯޓްސް ކްލަބް ވަރަށް ވަރުގަދަކޮށްފައިވާ ކަމަށާއި މިހާރު އެ ޓީމުން ޝަކުވާނުކޮށް ނަތީޖާ ނެރެންޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) ބުނެފި އެވެ.

މިދިޔަ މަހު ޝާޒް ޓީސީއާ ހަވާލުވިއިރު އެ ޓީމުގެ ހާލަތު އޮތީ ދަށްކޮށެވެ. މާލީ މައްސަލަތަކާ ހުރެ ކުޅުންތެރިންނަށް މުސާރަނުދެވޭތީ ކްލަބްގެ ޕްރެކްޓިސް ވެސް އޮތީ ހުއްޓާލައިފަ އެވެ. އެކަމަކު 19 އަހަރުން ދަށުގެ ގައުމީ ޓީމުގައި ހުރި ޝާޒް މަގާމު ދޫކޮށް ޝާޒް ޓީސީއާ ހަވާލުވީ އޭރު ކްލަބްގެ މެނޭޖްމަންޓުން ޓީމުގެ ހާލަތު ޔަގީންކުރާނެކަމަށް ދިން ޔަގީންކަމާ އެކު އެވެ. އެއީ ރާއްޖޭގެ މުބާރާތްތަކުގެ އިތުރުން އޭއެފްސީ ކަޕަށް އަމާޒުކޮށެވެ.

ޓީސީން ވަނީ ދާދި ފަހުން ނިމުނު ރާއްޖޭގެ ޓްރާންސްފާ މާކެޓްގައި ގިނަ ކުޅުންތެރިންތަކެއް ގެނެސްފަ އެވެ. އެއީ ގްރީން ސްޓްރީޓްސް އަށް ކުޅެމުން އައި އަލީ އަޝްފާގު (ދަގަނޑޭ)ގެ އާއި ފޯކައިދޫ ޓީމަށް ކުޅުނު ޕާކިސްތާންގެ ކީޕަރު ހަނީފް ސާގިބް އާއި މިސްރުގެ ދެ ކުޅުންތެރިން ކަމަށްވާ މަހުމޫދު ސައީދާއި ހަލީލް ޖަމާލް އަދި އަލީ ޝާމިސް (ތޮއްޕޭ)ގެ އިތުރުން މާޒިޔާ އަށް ކުޅުނު އަބްދުﷲ ހަނީފް (ބެންޖޯ) އަދި ޔުނައިޓެޑް ވިކްޓްރީ އަށް ކުޅުނު އަހުމަދު ބައްސާމް (ބައްކު) އެވެ. އަދި ސެއިން ވިންސެންޓްގެ ފޯވާޑް މެލްކަމް ކެސިއަސް ސްޓެވާޓް ވެސް ވަނީ ލިސްޓުގައި ޖަހައިފަ އެވެ.

ޝާޒްގެ ކޯޗުކަމުގައި ޓީސީން ވަނީ މިހާތަނަށް އަށް މެޗު ކުޅެފަ އެވެ. ފަސް މެޗުން މޮޅުވިއިރު، ބަލިވީ ތިން މެޗުންނެވެ. ބަލިވީ ލީގުގެ ދެ ވަނަ ބުރުގައި އީގަލްސް އާއި މާޒިޔާ އަދި ޔުނައިޓެޑް ވިކްޓްރީ އަތުންނެވެ. ޝާޒް ބުނީ ޓީސީ މިހާރު އޮތްގޮތުން ނަތީޖާ ނެރެވެންޖެހޭނެ ކަމަށް ގަބޫލުކުރަންޖެހޭ ކަމަށެވެ.

"މީގެ ޓީސީ ވަރަށް ބޮޑުތަން ވަރަށް ރަނގަޅުކޮށްފައި މި އޮތީ. އެ ދުވަހު ކުޅުނުއިރު ޓީމާ ޖޮއިންކޮށްފައި އަލަށް ކުޅުނު ކުޅުންތެރިން ވަރަށް ގިނަ. އެހެންވީމަ އުނދަގޫވެގެންދިޔައީ. ޓީސީގެ މިހާރު މާ ބޮޑު ވިސްނުމެއް ނެތް ކަންނޭނގެ މާ ބޮޑު އެކްސްކިއުޒްތަކަކަށް،" ކުރިން ބީޖީ އާއި ވިކްޓްރީގައި ވެސް ކޯޗުކަން ކުރި ޝާޒް ބުންޏެވެ.

"ކޮންމެ ޓީމަކަށް ވެސް އެއް ޓީމު އަނެއް ޓީމު ބަލިކުރެވޭ ގޮތަށް މި އޮތީ. މިހާރު ޓީސީގެ ވޯކްރޭޓާ އެއްޗެހި ރަނގަޅު،"

އެންމެ ފަހުގެ ޗެމްޕިއަން ޓީސީ އަށް މިހާރު ލީގު ޗެމްޕިއަންކަން ދިފާއުކުރުމުގެ ދޮރު ވަނީ ބަންދުވެފަ އެވެ. އެއީ ބާކީ އޮތް ހަތަރު މެޗުން މޮޅުވި ނަމަވެސް އެއް ވަނައިގައި އޮތް މާޒިޔާ އަތުނުލެވޭނެތީ އެވެ. ގަދަ ހަ ޓީމު ތިން ވަނަ ބުރުގައި ވާދަކުރާއިރު ލީގުގައި ބާކީ ނުކުޅެ ކޮންމެ ޓީމަކަށް ވެސް އޮތީ ހަތަރު މެޗެވެ. މާޒިޔާ އެއް ވަނައިގައި 17 މެޗުން 44 ޕޮއިންޓާ އެކު އޮތްއިރު، ދެ ވަނައިގައި އީގަލްސް އޮތީ 17 މެޗުން 33 ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި އޮތް ޓީސީ އަށް 17 މެޗުން ލިބިފައިވަނީ 31 ޕޮއިންޓެވެ.

ލީގުގެ ދެ ވަނަ ބުރުގެ ފަހު މެޗުގައި އީގަލްސް އަތުން 3-0 އިން ބަލިވުމުގެ ބަދަލުހިފައި ޓީސީން ވަނީ ބުރާސްފަތި ދުވަހުގެރޭ އީގަލްސް އަތުން 1-0 އިން މުހިއްމު މޮޅެއް ހޯދައިފަ އެވެ. މި ނަތީޖާއާ އެކު ދެ ވަނަ އަށް އެރުމަށް ޓީސީން ކުރަމުންދާ މަސައްކަތަށް ހިތްވަރެއް ލިބިފައިވާ ކަމަށް ޝާޒް ވަނީ ބުނެފަ އެވެ.

އެހެން ނަމަވެސް އެކަން ކުރަން ބަލާއިރު ޓީސީ އަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އެހެން ޓީމުތަކާ ހިލާފަށް ގާތްގާތުގައި މެޗުތަކެއް ކުޅެން ޖެހިފައިވުމެވެ. އެހެން ޓީމުތަކަށް ވުރެ ޓީސީ އަށް ކުޅެން ޖެހުނު މެޗުތަކުގެ އަދަދު އިތުރުވީ ދެ ވަނަ ބުރުގައި އެ ޓީމު ކުޅެން އޮތް ބައެއް މެޗުތައް ފަސް ކުރަން ޖެހުމުންނެވެ. އެއީ އޮކްޓޫބަރު މަހުގައި ބަންގްލަދޭޝްގައި އޮތް ޝެއިހް ކަމާލް ކަޕް ކުޅެން ޓީސީ ދާން ޖެހުމުންނެވެ.

"މިދިޔަ މަހުގެ 15 އިން ފެށިގެން ހަތަރު ދުވަހުން މެޗެއް ކުޅެމުން މި އަންނަނީ ކުރިއަށް ވެސް މި އޮތީ ހަމައެހެން. ހުރިހާ ޓީމުތަކާ ތަފާތުވާނެ އެކަމަކު މީގައި ތިބި ކުޅުންތެރިންނަކީ މި ރިޒަލްޓް ބަދަލުކުރެވޭނެ ކުޅުންތެރިން،" އިތުބާރާ އެކު ޝާޒް ބުންޏެވެ.

ޓީސީން މި ފަހަރު ޓީމު ވަރުގަދަ ކުރި އެންމެ ބޮޑު މަގުސަދަކީ އޭއެފްސީ ކަޕްގައި ރަނގަޅު ނަތީޖާތަކެއް ނެރުމެވެ. އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި ޓީސީގެ ތާރީހުގައި މުޅިން އަލަށް މި ފަހަރު ވާދަކުރާނެ އެވެ. ޓީސީން 2018 ވަނަ އަހަރު ކޮލިފައިން ބުރުގެ ޕްލޭއޮފްގައިވަނީ އިންޑިއާގެ ބެންގަލޫރު އަތުން ބަލިވެފަ އެވެ. އޭއެފްސީ ކަޕްގައި ދެކުނު އޭޝިއާގެ ކްލަބްތަކަށް ހާއްސަ ގްރޫޕްގައި މި ވަގުތު އޮތީ އިންޑިއާގެ ޗެއްނާއި ސިޓީ އާއި ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސްގެ އިތުރުން ޓީސީ އެވެ. ދެން މި ގްރޫޕުން ފުރުސަތު ހޯދާނީ ކޮލިފައިން ބުރުން ކުރިހޯދާ ޓީމެކެވެ. އެ ބުރުގައި ރާއްޖޭގެ މާޒިޔާ އާއި އިންޑިއާގެ ބެންގަލޫރުގެ އިތުރުން ބަންގްލަދޭޝްގެ ޑާކާ އަބަހާނީ ވާދަކުރެ އެވެ. މިއީ ކުރިން ގްރޫޕް ސްޓޭޖުގައި ކުޅެފައިވާ ތިން ޓީމެވެ.

0 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 60%
icon sad icon sad 0%
icon angry icon angry 40%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454