19 ޖެނުއަރީ 2020 - 23:42
ކްލަބް ގްރީންސްޓްރީޓްސް 5-1 އިން ބަލިކޮށް ބާކީ ތިން މެޗު އޮއްވާ މާޒިޔާ އިން ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން، އެ ކްލަބުގެ ތާރީހުގައި ދެ ވަނަ ފަހަރަށް މިރޭ ހޯދައިފި އެވެ.
މާޒިޔާ އަށް ޗެމްޕިއަންކަން ލިބުނީ 18 މެޗުން 47 ޕޮއިންޓް ހަމަކުރުމާ އެކު، އެންމެ ގާތުގައި އޮތް ކްލަބް އީގަލްސް އަށް ދެން އެ އަދަދު ހަމަކުރެވޭނެ ގޮތެއް ނެތުމުންނެވެ. ފުރަތަމަ ޑިވިޝަނަށް 2006 ވަނަ އަހަރު ޕްރޮމޯޓްވި މާޒިޔާ އިން ފުރަތަމަ ފަހަރަށް ލީގު ޗެމްޕިއަންކަން 2016 ވަނަ އަހަރު ހޯދީ ވެސް ބާކީ ތިން މެޗު އޮއްވަ އެވެ.
އެ ފަހަރު މާޒިޔާ އަށް ތަށި ހޯދައިދިން ކޯޗު އަލީ ސުޒޭން މިހާރު ކޯޗުކޮށްދޭ ގްރީންސްޓްރީޓްސް އަތުން މިރޭ ތަފާތު ބޮޑު މޮޅެއް ހޯދައި ލީގު ކާމިޔާބުކުރުމާ އެކު ބާކީ އޮތް ތިން މެޗު ފިކުރެއް ނެތި ކުޅެލައި އޭއެފްސީ ކަޕުގެ ޕްރިމިލިނަރީ ބުރަށް ތައްޔާރުވާން ފުރުސަތު ލިބޭނެ އެވެ.
އެކަމަކު އެ ޓީމުގެ ކޯޗު މަރްޖާން ސެކުލޮސްކީ ބުނީ އޭނާގެ ޓީމަށް ހައްގުވި މި ކާމިޔާބީއާ އެކު ވެސް އިސްކުރާނީ ފެއާޕްލޭ ކަމަށާއި އެހެން ޓީމުތަކަށް އިހުތިރާމްކޮށް މާޒިޔާ އިން ބާކީ ތިން މެޗަށް ވެސް ނުކުންނާނީ ވާދަވެރި ރޫހެއްގައި ކަމަށެވެ.
"ކުޅުންތެރިންނަށް މަރުހަބާ ކިޔަން މިރޭގެ މެޗުން މޮޅުވެ، އަދި އެ މޮޅާ އެކު ޗެމްޕިއަންކަން ހޯދުމުން. ކޮންމެވެސް ވަރަކަށް ޕްރެޝަރުގައި މިރޭ ކުޅުނީ ވެސް. އަހަންނަށް ވަކި ތަފާތެއް ނެތް ބޮޑު ތަފާތަކުން މޮޅުވިޔަސް. މިރޭ އަހަރެމެންނަށް މައްސަލައެއް ނެތް 2-1 އިން މޮޅުވިޔަސް އަދި 1-1 އިން އެއްވަރުވި ނަމަވެސް،" ސެކުލޮސްކީ ބުންޏެވެ.
މާޒިޔާގެ އިތުރުން ވިކްޓްރީ އަށް ވެސް ލީގު ކާމިޔާބުކޮށްދީފައިވާ ގްރީންސްޓްރީޓްސްގެ ކޯޗު އަލީ ސުޒޭން ވަނީ އޭނާގެ ކުރީގެ ޓީމުން ހޯދި ކާމިޔާބަށް ހޫނު މަރުހަބާއެއް ކިޔައިފަ އެވެ. އޭނާ ބުނީ މާޒިޔާ އިން ހޯދީ ތަފާތު ބޮޑު ކާމިޔާބެއް ކަމަށާއި މިއީ އެ ޓީމުގެ ހުރިހާ އެންމެން ކުރި ބުރަ މަސައްކަތުގެ އިނާމެއް ކަމަށެވެ.
ލީގުގެ އެހެން މެޗެއްގައި ލަނޑު ޖެހުމަށް ފަހު މާޒިޔާ ކުޅުންތެރިން އުފާފާޅުކުރަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު
ތާވަލުގެ ހަތަރު ވަނައިގައި 26 ޕޮއިންޓާ އެކު އޮތް ޓީމުގެ ކޯޗު ބުނީ މިރޭގެ މެޗުން ގްރީންސްޓްރީޓްސް އަށް ހާސިލްކުރެވޭނެ އެއްޗެއް ނެތުމުންނާއި ރަނގަޅަށް ޕްރެކްޓިސް ނުކުރެވި ފިޓްނަސް ނެތުމުން ކުޅުންތެރިން އެ ކުޅުންތެރިންގެ ފިޓްނަސް ލެވެލް ހުރި ހިސާބަށް، މެޗު 70 މިނެޓާ ހަމަޔަށް ރަނގަޅަށް ކުޅެ މަސައްކަތްކުރި ކަމަށެވެ. މެޗުގެ އެހިސާބަށް ދުވެލައި ބޯޅައަށް އަރައި ކުޅުނު ނަމަވެސް އިތުރު މަސައްކަތެއް ކޮށްލައިގެން ކުޅެން ޖެހޭ ހިސާބަށް ދިއުމާ އެކު ހިތްވަރު އެލުނީ ކަމަށް އޭނާ ބުންޏެވެ.
މެޗުގެ ނަތީޖާ އިން ވެސް ދެއްކީ އެކަމެވެ. ގްރީންސްޓްރީޓްސް އިން ވަނީ މެޗުގެ ގާތްގަނޑަކަށް 70 މިނެޓާ ހަމަޔަށް މާޒިޔާ އަށް ރަނގަޅު ވާދައެއްކޮށްފަ އެވެ. އެކަމަކު ފަހުން ހިފަހައްޓާނުލެވި މާޒިޔާ އިން ތަފާތު ބޮޑުކޮށްލީ އެވެ. އިބްރާހިމް މަހުދީ ހަސަން (ފޭދޫ އިއްބެ) އާއި ހަމްޒާ މުހައްމަދު (ހަމްޕު)، ކޮންމެ ކުޅުންތެރިޔަކު ދެ ލަނޑު އަދި އަލަށް ގުޅުނު އިބްރާހިމް އައިސަމްގެ ލަނޑުން މޮޅުވި މާޒިޔާ ފުރަތަމަ ހާފު ނިންމާލީ އެއް ލަނޑުގެ ލީޑެއްގަ އެވެ. މި ގޯލް 27 ވަނަ މިނެޓުގައި ޖެހީ ފޭދޫ އިއްބެ އެވެ. ހަމްޕު އޭރިއާ ބޭރުން ގޯލުގެ ކަނަށް އަމާޒުކޮށްލި ބޯޅަ ގްރީންސްޓްރީޓްސްގެ ގޯލްކީޕަރު ހަސަން އަލީފް އިބްރާހިމް ޕަންޗްކޮށް ފޮނުވާލި ވަގުތު އިއްބެ އެއް ފަހަރުން ގޯލުގެ މަތީ ދާގަނޑުގައި ބޯޅަ ތަތްކޮށްލީ އެވެ.
އޭގެ ތިން މިނެޓު ފަހުން ގްރީންސްޓްރީޓްސް އިން އެއްވަރުނުކުރީ ކިރިޔާ އެވެ. މުހައްމަދު އުމެއިރު ފޮނުވާލި ހިތްގައިމު ހިލޭ ޖެހުން ދަނޑީގައި ޖެހިފައި، ފެނު ޖެހިފައި ގޯލް ރޮނގު ހުރަސްްނުކޮށް ދިޔައީ އިންޗެއްހާ ދުރުންނެވެ.
މާޒިޔާ އިން ލީޑު ފުޅާކުރީ ދެ ވަނަ ހާފު ފަށައިގެން ފުރަތަމަ މިނެޓުގައި އިއްބެ ވައްދާލި ގޯލުންނެވެ. މި ލަނޑު އޭނާ ޖެހީ ވެސް، ކޮނޭލިއަސް ސްޓެވާޓް ފޮނުވާލި ބޯޅައެއް ކީޕަރު އަތުގައި ޖެހިފައި ނުކުތް ވަގުތު ގޯލަށް ވައްދާލައިގެންނެވެ. އެކަމަކު އޭގެ ތިން މިނެޓު ފަހުން އުމެއިރު ނެގި ހުރަހެއް ބޮލުން ގޯލަށް ވައްދާލައިގެން ގްރީންސްޓްރީޓްސްގެ އެލްސައީދު މަހްމޫދު ވަނީ ތަފާތު ކުޑަކޮށްލައިފަ އެވެ.
އެގޮތުގައި ހަނި ތަފާތެއްގައި މެޗު ކުރިއަށް ދަނިކޮށް މާޒިޔާ އިން ތަފާތު ބޮޑުކޮށްލީ ޓީސީން އެ ޓީމާ ގުޅުނު އައިސަމް 73 ވަނަ މިނެޓުގައި ޖެހި ގޯލުންނެވެ. އޭނާ ޑީ އޭރިއާ ތެރޭ ހުރެފައި ހަމަޖެހިލާފައި ފޮނުވާލި ބޯޅަ މަތަކުރަން ކީޕަރަށް އެއްވެސް ފުރުސަތެއް ނުލިބުނެވެ. މި ގޯލާ އެކު ގްރީންސްޓްރީޓްސްގެ ކުޅުންތެރިންގެ ހިތްވަރު އެލި މާޒިޔާ އަށް އެއްކޮށް ކޮންޓްރޯލް ލިބުނެވެ. އޭގެ ފައިދާ ނަގައި 79 ވަނަ މިނެޓާއި 82 ވަނަ މިނެޓުގައި ހަމްޕު ދެ ގޯލް ވައްދާލައި ބޮޑު ތަފާތެއް މާޒިޔާ އަށް ނެރެދިނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖީނާ
20 January 2020
ހީވެސްނުވޭ......!
ޖޯކަޒް
20 January 2020
ލީގު ނެގީއޭ؟ ސޮރީ ފުޓުބޯޅަ ކުޅޭތަ އެބަ ރާއްޖޭގަ.
އާރީ
20 January 2020
ކުލަބުތައް އައިސީޔޫގަ ބާންވައިގެން ނެގި ލީގެއްތީ. ނިއު އާއި ވާދަކޮށްލައިފަ ނުނެގުނި ލީގެއްތީ. ދެންވެސް ނުނެގޭނެ. މަރުހަބާ
ކަލޯހަ
21 January 2020
2016 ދިވެހި ލީގު އަދި 2017 މާލޭ ލީގު ނެގީ ނިއު އޮއްވަ ދޯ !!
މޮރީނިޔޯ
20 January 2020
ބޮނޑް ޖޯކެއްތީ.
ކަާފަބޭ
20 January 2020
ބަންސާމް މާޒިޔާއަށް ދިން ޗެންފިއަން ކަމެއްތީ އަހަރަމެން ބަލައެއް ނުގަންނަ. ވަރަން އަން ފެއާރ މިހާރު އެފްއޭއެމް
މޯޑް
20 January 2020
ވާދަވެރި ކުލަބެއް ނެތި ނެގި ލީގެއް
ޒިންބާ
20 January 2020
ތިލީގެއްތަ؟ ދެން މަރުހަބާ އެކަމަކު
ސައީދު
20 January 2020
އެއްމެ ޓީމެއް ކިރިޔާ ހިރިލާ ލީގެއް....ނިއު އާއި ވިކްޓްރީ އަދި ވެލެންސިއާވެސް ހުއްރިއްޔާ ދިޔަ މަގުން ގެއްލިގެން ދިޔައީ... ދިވެހި ފުޓްބޯޅަ ހަލާކުވެގެން މި ދަނީ...ކާކު ޒިންމާ ނަގަނީ...
ހަގީގަތްހަޖަމް
20 January 2020
ދިވެހި ފުޓުބޯޅަ ހަލާކު ކުރީ ނިއު، ވިކްޓްރީ އަދި ވެލެންސިއާ
ކައުންޓް
20 January 2020
ތިޔަ ލީގް އަހަރެމެން ކައުންޓްވެސް ނުކުރަން.
ކަން
20 January 2020
އޯކޭ ދުވަހަކު ނުކުރިޔަސް. އެއޮޮތީ ލީގު ނަގާފަ
ޒިޔާން1
21 January 2020
ތި ލީގް އައްވުރެ މާ ފޯރި ގަދަ މިހާރު އެ ކުޅޭ ދެވަނަ ޑިވިސަން ވެސް މާ މީހުން ވެސް ވަދޭ މެޗު ބަލަން.