ކްލެއާ.
31 ޖެނުއަރީ 2020 - 08:35
މިހާތަނަށް އުފެއްދި އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ޓައިޓޭނިކް" ގެ ބަތަލާގެ ރޯލް ކުޅެން ލިބުނު ފުރުސަތު ދޫކޮށްލި ނަމަވެސް އެކަމާ އެއްވެސް ވަރަަކަށް ދެރަނުވާ ކަމަށް ބަތަލާ ކްލެއާ ޑޭންސް ބުނެފި އެވެ.
އޭނާ ބުނީ ޖޭމްސް ކެމެރޮން ޑައިރެކްޓްކުރި ފިލްމުގައި ކޭޓް ވިންސްލެޓް ކުޅުނު "ރޯޒް" ގެ ކެރެކްޓާ ދޫކޮށްލަން ނިންމުމަކީ އެހާ ސީރިއަސްކޮށް ވިސްނަން ޖެހުނު ކަމެއް ނޫން ކަމަށާއި އެ ރޯލުން ވިންސްލެޓަށް ލިބުނު މަޝްހޫރުކަމާ ދޭތެރޭ އުފާކުރާ ކަމަށެވެ.
ޑޭޒް ޝެފާޑްގެ ޕޮޑްކާސްޓް ޝޯގައި ކްލެއާ، 40، ބުނީ އޭނާ "ޓައިޓޭނިކް" ދޫކޮށްލީ މައިގަނޑު ދެ ސަބަބަކާ ހުރެ ކަމަށެވެ. އެއް ސަބަބަކީ ލިއޮނާޑޯ ޑި ކެޕްރިއޯ އެކު އެކީގައި ދެ ފިލްމެއްގައި މަސައްކަތްކުރަން ބޭނުން ނުވުމެވެ. "ޓައިޓޭނިކްް" ހުށަހެޅީ އިރު، ކްލެއާ އާއި ލިއޮނާޑޯ ގެންދިޔައީ 1996 ގައި ރިލީޒްކުރި "ރޯމިއޯ އެންޑް ޖޫލިއަޓް" ގެ މަސައްކަތްކުރަމުންނެވެ. އަނެއް ސަބަބަކީ ދެ ފިލްމު ވެސް މެކްސިކޯގައި ޝޫޓްކުރުމެވެ.
"ޓައިޓޭނިކް" އަކީ ވަރަށް ބޮޑެތި ސެޓްތަކެއް މެކްސިކޯގައި ހަދައިގެން ޝޫޓްކުރި ފިލްމެކެވެ. ހަމަ އެގޮތަށް "ރޯމިއޯ އެންޑް ޖޫލިއަޓް" އަކީ ވެސް މެކްސިކޯގައި މަންޒަރުތައް ނެގި ފިލްމެކެވެ.
"އެހެންވީމާ ޓައިޓޭނިކް ދޫކޮށްލަން ނިންމުމަކީ އަހަރެން ކުރިން ވެސް މިހާރު ވެސް ދެރަވާ ކަމެއް ނޫން،" ސްޓާޑަސްޓާއި ޓެމްޕަލް ގްރޭންޑިން އަދި ދަ ރެއިންމޭކާ ފަދަ ފިލްމުތައް ކުޅުނު ބަތަލާ ބުންޏެވެ.
ކްލެއާ އެންމެ ފަހުން ފެނިގެން ދިޔަ ފިލްމަކީ 2018 ގެ "އަ ކިޑް ލައިކް ޖޭކް" އިންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނެވިމީހާ
31 January 2020
ކްލެއާ އެންމެ މަސްހޫރު ވެގެން ދިޔައީ ޓީވީ ޝޯ ހޯމްލޭންޑްގެ ލީޑް އެކްޓަރ އަށް ވީތީ!