އުރީދޫ އޭޖީއެމްގެ ތެރެއިން--ފޮޓޯ: މިހާރު
02 މާޗް 2020 - 23:31
އުރީދޫން މިދިޔަ އަހަރުގެ ފައިދާ އިން ހިއްސާއަކަށް 3.30ރ. ބަހަން އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި މިރޭ ފާސްކޮށްފި އެވެ.
މިގޮތަށް ފާސްކުރީ އޭޖީއެމްގައި ބައިވެރިވި ހިއްސާދާރުންގެ އަގުލަބިއްޔަތުންނެވެ.
އުރީދޫ އޭޖީއެމްގައި އެ ކުންފުނީގެ 1،314 ހިއްސާދާރަކު ބައިވެރިވި އެވެ. މިއީ ހިއްސާދާރުންގެ 92 ޕަސެންޓެވެ. މި ބައްދަލުވުމުގައި އަހަރުގެ މާލީ ބަޔާންތައް ވަނީ ފާސްކޮށްފަ އެވެ.
އުރީދޫ އަށް މިދިޔަ އަހަރު ފައިދާގެ ގޮތުގައި 588 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މިއީ 2018 ވަނަ އަހަރާ އަޅާބަލާއިރު 10 ޕަސެންޓުގެ ކުރިއެރުމެކެވެ. އެ ކުންފުންޏަށް 2018 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި ލިބުނީ 525 މިލިއަން ރުފިޔާ އެވެ.
މިދިޔަ އަހަރު އުރީދޫން ވަނީ އެ ކުންފުނީގެ ފައިދާގެ 85 ޕަސެންޓް ހިއްސާދާރުންނަށް ބަހައިފަ އެވެ. އެއީ ހިއްސާއަކަށް 3.20ރ. މަގުންނެވެ. އާންމު ހިއްސާދާރުންނަށް 472 މިލިއަން ރުފިޔާ އެ ކުންފުނިން ވަނީ ބަހައިފަ އެވެ.
މި އަހަރުގެ ހިއްސާ ބަހަނީ މި މަހުގެ 11 ވަނަ ދުވަހުގެ ކުރިން އެ ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓްރީވި މީހުންގެ މެދުގަ އެވެ.
ކުރިއަށް މިއޮތް އަހަރުގެ އޮޑިޓް ފާމެއްގެ ގޮތުގައި އުރީދޫން ކަނޑައެޅީ ޕްރައިސް ވޯޓާ ހައުސް ކޫޕާސް އެވެ. އެ ކުންފުންޏަށް މުސާރައިގެ ގޮތުގައި 60،000 ޑޮލަރު ދޭނެ އެވެ.
މިރޭގެ ޖަލްސާގައި އުރީދޫގެ ބޯޑަށް ކުރިމަތިލި އާންމު ހިއްސާދާރުންގެ ހަތަރު މެންބަރުންގެ ތެރެއިން ހޮވުނީ ފަރީހާ ޝަރީފެވެ. އޭނާ އަށް ވަނީ ހިއްސާދާރުންގެ 526 ވޯޓު ލިބިފަ އެވެ.
ފަރީހާގެ އިތުރުން ބޯޑަށް ކުރިމަތިލި މެންބަރުންނަކީ އައިޝަތު ހުސައިން މަނިކައި އިބްރާހިމް ޝަރީފު މުހައްމަދާއި އިބްރާހިމް ފިރުޝާން އެވެ.
އާންމު ހިއްސާދާރުންގެ ތެރެއިން ހޮވޭ ޑިރެކްޓަރު 2022 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާއާ ހަމަޔަށް އެ މަގާމުގައި ހުންނާނެ އެވެ. އަހަރީ އާންމު ޖަލްސާގައި ރަޖިސްޓްރީ ވުމަށް މި މަހުގެ 26 ވަނަ ދުވަހާ ހަމަ އަށް ވަނީ ހުޅުވާލައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮންމަނިކް
04 March 2020
މިވަރު ރަނގަޅުތޯ؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟ ހިއްސާދާރުން