ނެދަލެންޑްސް ކޮޅަށް ލަނޑު ޖެހުމަށް ފަހު ފްރާންސް ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ
11 އޮކްޓޯބަރ 2016 - 08:55
އެމްސްޓްރެޑަމް، ނެދަލެންޑްސް (އޮކްޓޯބަރު 11) - ވޯލްޑް ކަޕް ކޮލިފައިންގައި ރޭ ޕައުލް ޕޮގްބާ ޖެހި ލަނޑުން 1-0 އިން ނެދަލެންޑްސް އަތުން ފްރާންސް މުހިއްމު މޮޅެއް ހޯދައިފި އެވެ.
ރޭގެ މޮޅާ އެކު ގްރޫޕް އެއް ވަނައިގައި އޮތް ފްރާންސާއި ދެ ވަނައިގައި އޮތް ސްވިޑަން އަށް ލިބިފައިވަނީ ތިން މެޗުން ހަތް ޕޮއިންޓެވެ. ސްވިޑަން ރޭ ކުޅުނު މެޗުން މޮޅުވީ ބަލްގޭރިއާއާ ވާދަކޮށް 3-0 އިންނެވެ. ގްރޫޕްގެ ތިން ވަނައިގައި ނެދަލެންޑްސް އޮތީ ހަތަރު ޕޮއިންޓާ އެކު އެވެ.
ޕޮގްބާ ރޭގެ މެޗުގެ ހަމައެކަނި ލަނޑު ކާމިޔާބުކުރީ 30 ވަނަ މިނިޓްގަ އެވެ. އޭރިއާ ބޭރުން ޕޮގްބާ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ނެދަލެންޑްސްގެ ކީޕަރު މާޓިން ސްކެޓްލެންބާގް އަތުގައި ޖެހިފަ އެވެ. ޕޮގްބާ ވަނީ މި މެޗުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ.
ފްރާންސްގެ ކޯޗު ޑިޑިއޭ ޑިޝޯމްޕް ބުނީ މިއީ ޕޮގްބާ އަށް އަމާޒުކުރެވިފައިވާ ފާޑުކިއުންތަކަށް އޭނާ ދިން ރައްދެއް ކަމަށެވެ.
"މެޗުގެ ކުރިން އަހަރެން ޕޮގްބާއާ މާ ގިނަ ވާހަކައެއް ނުދައްކަން. އަހަރެން ހަމައެކަނި ބުނީ އަހަރެންގެ އިތުބާރު އޭނާ އަށް އޮތް ވާހަކަ. މި މެޗުގައި ޕޮގްބާ ސާބިތު ކޮށްދީފި އޭނާ އަކީ ތަފާތު ދެއްކޭ ފަދަ ކުޅުންތެރިއެއްކަން،" ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިއާއާ ބެހޭގޮތުން ޑިޝޯމްޕް ބުންޏެވެ.
ގްރޫޕް ބީގައި ރޭ ޕޯޗުގަލް ވަނީ ފެރޯ އައިލެންޑް އަތުން 6-0 އިން މޮޅުވެފަ އެވެ. މި މެޗުގެ ފުރަތަމަ ހާފްގައި ޕޯޗުގަލް އަށް ކުޅޭ ޕޯޓޯގެ ފޯވާޑް އަންޑްރޭ ސިލްވާ ވަނީ ހެޓްރިކެއް ހަދައިފަ އެވެ. ދެ ވަނަ ހާފްގައި އެ ޓީމުގެ އަނެއް ތިން ލަނޑު ކާމިޔާބުކުރީ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ޔާއޯ މުޓީނިއޯ އަދި ޔާއޯ ކަންސޭލޯ އެވެ.
ގްރޫޕް ބީގެ އެއް ވަނައިގައި ތިން މެޗުން ނުވަ ޕޮއިންޓާ އެކު އޮތީ ސްވިޒަލެންޑެވެ. ސްވިޒަލެންޑް ވަނީ ރޭ ކުޅުނު މެޗުން އެންޑޯރާ އަތުން 2-1 އިން މޮޅުވެފަ އެވެ. ޕޯޗުގަލް ދެ ވަނައިގައި އޮތީ ތިން މެޗުން ހަ ޕޮއިންޓާ އެކު އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy