ކުޅިވަރު / ޗައިނީސް ސުޕާ ލީގް

ކޮވިޑް-19: ޗައިނާގައި ބިދޭސީ ކުޅުންތެރިން ކަރަންޓީނު ކުރަނީ

ޗައިނީސް ލީގުގެ މެޗެއްގެ ތެރެއިން ލަނޑެއް ޖެހުމަށް ފަހު ފެލައިނީ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ޝަންހާއީ (މާޗް 31) - ޗައިނާގައި ކޮރޯނާވައިރަސް ފެތުރެން ފެށުމުން އެ ގައުމު ދޫކޮށް ދިޔަ ގިނަ ފުޓްބޯޅަ ކުޅުންތެރިން އަނބުރާ އެ ގައުމަށް އަންނަމުންދާ މި ދަނޑިވަޅުގައި ސަލާމަތީ ފިޔަވަޅެއްގެ ގޮތުން ކުޅުންތެރިން ކަރަންޓީނު ކުރަން ޗައިނާ އިން ނިންމައިފި އެވެ.

މިދިޔަ ޑިސެމްބަރު މަހު ޗައިނާގައި ކޮރޯނާވައިރަސް ފެތުރެންފެށުމާ އެކު ޖެނުއަރީ މަހު ޗައިނާގެ ހުރިހާ ކުޅިވަރުތަކެއް ހުއްޓާލި އެވެ. އެއާ އެކު އެ ގައުމުގައި ތިބި ބިދޭސީ ކުޅުންތެރިންތަށް ވަނީ އެނބުރި ގައުމަށް ގޮސްފަ އެވެ. ޗައިނާގައި ކޮވިޑް-19 ކޮންޓްރޯލްވުމާ އެކު މިހާރު ވަނީ އެ ގައުމުގެ ގިނަ ސަރަހައްދުތައް ހުޅުވާލައިފަ އެވެ. އެހެންވުމާ އެކު ޗައިނީސް ސުޕަ ލީގުގައި ކުޅޭ ކުޅުންތެރިންތަށް ވަނީ އަލުން އެ ގައުމަށް އަންނަން ފަށައިފަ އެވެ.

ޗައިނާގެ ޝަންހާއީ އެސްއައިޕީޖީ އަށް ކުޅެމުން އަންނަ މާކޯ އާނައުޓޮވިޗާއި އޮސްކާ، ހަލްކް އަދި ރިކާޑޯ ލޮޕޭޒް ވަނީ މީގެ ދެ ދުވަސްކުރިން އެނބުރި ޗައިނާ އަށް ގޮސްފަ އެވެ. ސަލާމަތީ ފިޔަވަޅެއްގެ ގޮތުން ބޭރުން އަންނަ ކޮންމެ ކުޅުންތެރިއަކު އަމިއްލަ އަށް ގޭގައި 14 ދުވަސް ކަރަންޓީނުވާން ވަނީ އަންގައިފަ އެވެ. ކުޅުންތެރިން ކަރަންޓީނު މުއްދަތުގައި އުޅޭ ގޮތް ރިޕޯޓްކުރަން ޗައިނާ ސަރުކާރުން ވަނީ ކްލަބްތަކަށް އަންގައިފަ އެވެ.

ބައެއް ގައުމުތަކުގައި ވައިގެ މަގުން ދަތުރުކުރުން ހުއްޓާލާފައިވުމާ އެކު ޗައިނާ އަށް ދަތުރުކުރުމުގައި ގިނަ ކުޅުންތެރިންތަކަށް ވަނީ ދަތިތަކާ ކުރިމަތިލާން ޖެހިފަ އެވެ. އެގޮތުން ގުއަންޒޫ އެވަގްރާންޑޭ އަށް ކުޅެމުން އަންނަ ބްރެޒިލްގެ މިޑްފީލްޑަރު ޕައުލީނިއޯ އާއި އެންޑަސަން ޓަލިސްކާ އަށް ޗައިނާ އަށް އެނބުރި ދެވޭގޮތެއް އަދި ނުވެ އެވެ.

ގުއަންޒޫ އެވަގްރާންޑޭގެ އޮފިޝަލަކު ޗައިނާގެ މީޑިއާ އަކަށް ދިން އިންޓަވިއުއެއްގައި ބުނީ ޕައުލީނިއޯ އާއި އެންޑަސަން ގެންނަން އެކި ގޮތްގޮތުން މަސައްކަތްކުރަމުން އަންނަ ކަމަށާއި އެކަމަކު މި ވަގުތު އެކަން ކުރެވޭނެ އަލިމަގެއް އަދި ފެނިފައިނުވާ ކަމަށެވެ.

ޗައިނާ ލީގުގައި ކުޅޭ ބިދޭސީ ކުޅުންތެރިންގެ ތެރެއިން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ ޝަންޑޮން ލުނެން އަށް ކުޅޭ ބެލްޖިއަމްގެ މިޑްފީލްޑަރު މަރުއޯން ފެލައިނީ އެވެ. ބެލްޖިއަމްގައި ގިނަ ދުވަސްތަކެއް ވަންދެން އުޅުމަށް ފަހު ފެލައިނީ މި މަހު 12 ވަނަ ދުވަހު އެނބުރި ޗައިނާ އަށް ދިޔައީ ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ފަހު އެވެ. އޭނާ ވައިރަހަށް ޕޮޒިޓިވްވީ މި މަހު 22 ވަނަ ދުވަހު އެވެ.

ކޮވިޑް-19 ގެ ނުރައްކާ މި ވަގުތު ބޮޑުވެފައިވަނީ ޔޫރަޕަށެވެ. އެކަމަކު މަދުމަދުން ނަމަވެސް މިހާރު ވެސް ޗައިނާ އިން މި ވައިރަސް ދަނީ ފެންނަމުންނެވެ. ޗައިނާގެ ސަރުކާރުން ބުނީ މިހާރު ވައިރަހަށް ޕޮޒިޓިވްވަނީ އެހެން ގައުމުތަކުގައި އުޅެފައި އައި މީހުންގެ ފަރާތުން ކަމަށެވެ. ޗައިނާގައި 81،518 މީހުންނާ ކޮރޯނާ ވައިރަސް ޖެހުނުއިރު މަރުވީ 3305 މީހުންނެވެ. އަދި 76052 މީހުން ވަނީ ރަނގަޅުވެފަ އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454