ކުޅިވަރު / ޗައިނީސް ސުޕާ ލީގް

ޗައިނީސް ސުޕަ ލީގު ޖޫންގައި ފަށަނީ؟

ޗައިނީސް ސުޕަ ލީގުގެ މެޗެއްގެ ތެރެެއިން ފެލައިނީ ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: އޭއެފްޕީ

ޝަންހާއީ (އޭޕްރީލް 20) - ކޮރޯނާވައިރަހުގެ ސަބަބުން ފަސްކުރި ޗައިނީސް ސުޕަ ލީގު އަންނަ ޖޫން މަހު ފެށުމުގެ ފުރުސަތު އެބައޮތް ކަމަށް ޗައިނާގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ރަސްމީކޮށް ޗައިނާގެ ފުޓްބޯޅަ ފެޑެރޭޝަނުން އެ ގައުމުގެ ސުޕަ ލީގު ފަށާނެ ތާރީހެއް އިއުލާނުކޮށްފައިނުވި ނަމަވެސް ކްލަބްތަކުން އަންނަނީ ޕްރެކްޓިސް ކުރަމުންނެވެ. ސުޕަ ލީގުގައި ވާދަކުރާ ގުއަންޒޫ އާރް އެންޑް އެފްގެ ޗެއާމަން ވަން ޝެންހުއާ ވިދާޅުވީ ކްލަބްތަކާ އެކު ބޭއްވުނު މަޝްވަރާތަކަށް ފަހު ޖޫން ފަހު ކޮޅު އެންމެ އަވަސް ވެގެން ލީގު ފެށޭނެ ކަމަށް އަންގާފައިވާ ކަމަށެވެ.

"އެންމެ އަވަހަށް ފަށަން ކިޔަނީ ޖޫން ފަހުކޮޅުގައި. އެކަމަކު ގިނަ ކްލަބްތަކުން ބޭނުންވަނީ ޖުލައި މަހުގައި ފަށަން. މިކަމުގައި ފަހުގެ ގޮތެެއް ނިންމާނީ ޗައިނާގެ ފެޑެރޭޝަނުން. ވަރަށް އަވަހަށް ގޮތެއް އިއުލާނުކުރާނެ،" ޝެންހުއާ ވިދާޅުވި އެވެ.

މެޗުތައް ކުޅެން ނިންމާފައިވަނީ ސަޕޯޓަރުން ނުވައްދައި ކަމަށް ރިޕޯޓްތައް ބުނި ނަމަވެސް އެކަން އަދި އެއްކޮށް ގޮތަކަށް ނުނިންމާ ކަމަށް ޝެންހުއާ ވިދާޅުވި އެވެ.

ޗައިނާގެ ވުހާން އިން މިދިޔަ ޑިސެމްބަރު މަހު ފެނުނު ކޮރޯނާވައިރަހުން ޖެހޭ ކޮވިޑް-19 ގެ ނުރައްކާ ބޮޑުވުމުން ފެބްރުއަރީ 22 ގައި ފަށަން ތާވަލުކޮށްފައި އޮތް ޗައިނީސް ސުޕަ ލީގު ވަނީ މުއްދަތެއް ނެތްގޮތަށް ފަސްކޮށްފަ އެވެ. ކޮވިޑް-19 ގެ ބަލިމަޑުކަން ކޮންޓްރޯލްކޮށްފައިވާކަން ޗައިނާ ސަރުކާރުން ދާދި ފަހުން އިއުލާނުކޮށްފައިވީ ނަމަވެސް ފަހަކަށް އައިސް އެ ގައުމުން އަނެއްކާ ވެސް އިތުރު ބަޔަކު އަންނަނީ އެ ބައްޔަށް ޕޮޒިޓިވްވަމުންނެވެ.

ޗައިނާ ސަރުކާރުން ބުނީ މިއީ އެހެން ގައުމުތަކުގައި ތިބި އެ ގައުމުގެ މީހުންނާއި އެ ގައުމުގައި މަސައްކަތްކުރާ އެހެން ގައުމުތަކުގެ މީހުން އެނބުރި އައުމުން ފެންނަ ޕޮޒިޓިވް ކޭސްތަކެއް ކަމަށެވެ. އަދި މި މީހުން 14 ދުވަހު ހޯމް ކަރަންޓީނަށް ދިއުމަށް އަންގާފައިވުމުން ބަލި ކޮންޓްރޯލް ކުރެވޭނެ ކަމަށް ބުނެފައިވެ އެވެ.

ޗައިނާގައި އިއްޔެ ވެސް ވަނީ ކޮވިޑް-19 އަށް 12 މީހުން ޕޮޒިޓިވްވެފަ އެވެ.

ވައިރަސް އެންމެ ފުރަތަމަ ފެތުރެން ފެށިއިރު ވުހާންގެ ފުޓްބޯޅަ ޓީމު ގޮސް ތިބީ ޓްރެއިނިން ކޭމްޕެއްގައި ސްޕެއިނުގަ އެވެ. ސްޕެއިނުގައި އެ ޓީމުން ހޭދަކުރި މުއްދަތުގައި ރެއާލް މެޑްރިޑާއި ބާސެލޯނާގެ އެހީތެރިކަން ވެސް ލިބުނެވެ. ފަހުން ސްޕެއިނުގައި ވެސް ވައިރަހުގެ ނުރައްކާ ބޮޑުވުމާ ގުޅިގެން ވުހާން ޓީމު ދިޔައީ ޖަރުމަނަށެވެ. އެނބުރި ވުހާނަށް އެ ޓީމު އައީ 104 ދުވަހަށް ފަހު އެވެ. ޓީމުގެ ކުޅުންތެރިން އާއިލާއާ އެކު ވަގުތު ހޭދަކުރަން ފުރުސަތު ދިނުމަށް ފަހު ވަރަށް އަަވަހަށް ޕްރެކްޓިސް ފަށާނެ ކަމަށް އެ ޓީމުގެ ކޯޗު ހޯސޭ ގޮންޒާލޭޒް ވަނީ ބުނެފަ އެވެ.

ޗައިނީސް ސުޕަ ލީގުގައި ކުޅޭ ބިދޭސީ ކުޅުންތެރިންގެ ތެރެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވީ ބެލްޖިއަމްގެ މިޑްފީލްޑަރު މަރުއޯން ފެލައީނީ އެވެ. ބެލްޖިއަމްގައި ގިނަ ދުވަސްތަކެއް ވަންދެން މަޑުކުރުމަށް ފަހު ފެލައިނީ ވަނީ މާޗް މަހު ކުރީކޮޅުގައި ރާއްޖެ އަށް ޗުއްޓީ އަކަށް އައިސްފަ އެވެ. ފެލައިނީ، ކޮވިޑް-19 އަށް ޕޮޒިޓިވްވީ އެނބުރި ޗައިނާ އަށް ދިޔަ ފަހުންނެވެ. ހޮސްޕިޓަލްގައި ފަރުވާ ދިނުމަށް ފަހު ފެލައިނީ ވަނީ ގެއަށް ދޫކޮށްލައިފަ އެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454