ނައިޖީރިއާގެ ރައީސް މުހައްމަދު ބުހާރީ އާއި އަނބިކަނބަލުން އައިޝާ
15 އޮކްޓޯބަރ 2016 - 06:50
ނައިޖީރިއާގެ ރައީސް މުހައްމަދު ބުހާރީ ހަތަރު ވަނަ ދައުރަކަށް ރިޔާސީ އިންތިހާބަށް ކުރިމަތިލައްވާއިރު އަނބިކަނބަލުން ދެކޮޅަށް ކެމްޕޭން ފައްޓަވައިފި އެވެ.
ރައީސްގެ އަނބިކަނބަލުން އައިޝާ ވިދާޅުވަމުން ގެންދަވަނީ ފިިރިކަލުންނަށް 2019 ވަނަ އަހަރުގެ އިންތިހާބުގައި ތާއީދުކުރައްވާނީ ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލް ހޯއްވެމުން ކަމަށެވެ. އައިޝާ ވިދާޅުވި ގޮތުގައި މުޅި ސަރުކާރު ހައިޖެކް ކޮށްފައި ވަނީ ރައީސް އައްޔަންކުރައްވާފައިވާ މަގާމުތަކުގައި ތިއްބެވި މަދު ބޭފުޅުންކޮޅެކެވެ.
ބީބީސީ އަށް ދެއްވި އިންޓަވިއުއެއްގައި އައިޝާ ވިދާޅުވީ ރައީސް އައްޔަންކުރައްވާފައި 50 ބޭފުޅަކު ތިއްބެވި އިރު އޭގެ ތެރެއިން 45 ބޭފުޅެއްގެ ގޮތް ރައީސަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ.
"ރައީސް އައްޔަންކުރައްވާފައިވާ 50 ބޭފުޅުންގެ ތެރެއިން 45 ބޭފުޅެއްގެ ގޮތް ރައީސަށް ވެސް އެނގިވަޑައިނުގަންނަވާ. ރައީސްއާ ކައިވެނިކޮށްގެން 27 އަހަރު ވިޔަސް އަޅުގަނޑަށް ވެސް އެއީ ކޮން ބައެއް ކަމެއް ނޭނގެ،" އައިޝާ ވިދާޅުވެފައިވެ އެވެ.
އައިޝާގެ ވާހަކަތަކަށް ފިރިކަލުން ބުހާރީ ވަނީ ވަރަށް ހަރުކަށިކޮށް ރައްދު ދެއްވައިފަ އެވެ. ޖަރުމަނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެއްގައި، އެ ގައުމުގެ ޗާންސެލާ އެންޖެލާ މާކެލްއާ އެކު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ބުހާރީ ވިދާޅުވީ އަނބިކަނބަލުން ނިސްބަތް ވަނީ "ބަދިގެއަށް" ކަމަށެވެ.
"އަޅުގަނޑުގެ އަނބިމީހާ ނިސްބަތް ވަނީ ކޮން ޕާޓީއަކަށް ކަމެއް ނޭނގެ. އެކަމަކު އޭނާ ނިސްބަތް ވަނީ ބަދިގެއަށް، ނިދާ ކޮޓަރި އަށް އަދި އެހެން ކޮޓަރިތަކަށް،" ބުހާރީ ވިދާޅުވި އެވެ.
އޭނާ މި މޭރުމުން ވާހަކަ ދެއްކެވި އިރު، އަންހެނުންގެ ހައްގުގައި މަސައްކަތްކުރައްވާ މާކެލް ހުންނެވީ ބުހާރީގެ މޫނަށް ބަލަހައްޓައިވައިގެންނެވެ.
ވިޔަފާރިވެރިއެއް ކަމަށްވާ އައިޝާ އަށް ނިސްބަތް ކުރައްވާ ފިރިކަލުން ވިދާޅުވީ "އޭނާގެ ގޮތް އެންމެ ރަނގަޅަށް އެނގޭނީ އަހަންނަށް" ކަމަށެވެ.
މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނަނީ ރައީސް ބުހާރީގެ އަނބިކަނބަލުން ރައީސްއާ ދެކޮޅަށް އާންމުކޮށް ވާހަކަ ދައްކަވަން ފެއްޓެވުމުން އެނގެނީ ނައިޖީރިއާ ފެއިލްވެފައި އޮތް މިންވަރު ކަމަށެވެ. އަދި ރައީސްގެ ވާހަކަ އެތައް ބަޔަކު ވަނީ ކުށްވެރިކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy