10 ޖޫން 2020 - 05:24
އޯޑަރުނުކުރާ ޕިއްޒާ ލިބޭތާ 10 އަހަރު ވެއްޖެ ކަމަށާއި މިކަން މިހާރު އާންމު އުނދަގުލަކަށްވެފައިވާ ކަމަށް ބެލްޖިއަމްގެ ދުވަސްވީ މީހަކު ބުނެފި އެވެ.
އެ ގައުމުގެ އެންޓްވާޕް ޕްރޮވިންސްގެ ޓާންހައުޓްގައި ދިރިއުޅޭ ޖީން ވެން ލެންޑެގެމް، 65، ބުނި ގޮތުގައި އޭނާ އަކީ ދުވަހަކު ވެސް ޕިއްޒާއަކަށް އޯޑަރުކުރި މީހެއް ނޫނެވެ. އެކަމަކު މީގެ ނުވަ އަހަރު ކުރިން ފެށުނު މި ކަންތައް ނުހުއްޓި، ޑެލިވަރީކުރާ މީހުން ކޮންމެ ދުވަހަކު ގޭގެ ބެލް ޖަހާތީ މިހާރު އެކަން އާންމު އުނދަގުލަށްވެފައިވާ ކަމަށް ބުންޏެވެ.
ޖީން ބުނިގޮތުގައި މިއީ އޮޅިގެންވާ ކަމެއްގެ ގޮތުގައި ކުރިން ހީކުރެވުނަސް މިކަމެއް ހިނގާތާ މިހާރު 10 އަހަރަށް އަޅާފައިވާތީ މިއީ އަދިވެސް ކިހިނެއްވެގެންވާ ކަމެއްކަމަށް ސާފެއް ނޫނެވެ. އޭނާ ބުނީ ޑެލިވަރީކުރާ މީހުން ގެންނަ ޕިއްޒާ އާއި ކަބާބު ފަދަ އެއްޗިއްސާ ދުވަހަކު ހަވާލު ވެސް ނުވާ ކަމަށެވެ. އަދި ޑެލިވަރީ އަށް އަންނަ މީހާ ފައިސާ ދޭން ވެސް ދުވަހަކު ނޭދޭ ކަމަށް ބުންޏެވެ.
އެކަމަކު ހުއްޓުމެއް ނެތި، ފާއިތުވި ނުވަ އަހަރު އެ ތަކެތި އަންނަނީ ލިބެމުން ކަމަށް ބުންޏެވެ. އަދި މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އެއް ދުވަހަކު 14 އަދި އެހެން ދުވަހެއްގައި 10 ޕިއްޒާ ވެސް ޑެލިވަރީ ކުރި ކަމަށް ބުންޏެވެ.
"މިހާރު ގޭ ކައިރި އަށް ދުއްވާ އެއްޗެއް މަޑުކުރި އަޑުއިވޭ އިރަށް އަހަރެންގެ ބޮލުގައި ރިއްސާލާ. ރެއެއް ދުވާލެއް ނެތި މި ޕިއްޒާއެއް އެބަގެނޭ،" ޖީން ބުންޏެވެ. "މިކަމަކާ ހެދި މިހާރު ހަމަޖެހިލައިގެން ރޭގަނޑަކު ވެސް ނުވެސް ނިދޭ. އަހަރެން މިހާރު އެތައް ފަހަރަކު މިކަން ފުލުހުންގެ ސަމާލުކަމަށް ވެސް ގެނެސްފިން. އެކަމަކު މިއީ ހުއްޓޭ ކަމަކަށް ނުވޭ."
ގޭގައި އެކަނި އުޅޭ ޖީން ބުނިގޮތުގައި އޭނާ ޕިއްޒާ ކާން ވެއްޖެ ނަމަ ކައިރު ސުޕަމާކެޓަކަށް ގޮސް ތައްޔާރީ ފުށްގަނޑު ގަނެގެން އަމިއްލަ އަށް ޕިއްޒާ ތައްޔާރުކުރަނީ އެވެ. އަދި ޑެލިވަރީ އަށް މި ފޮނުވާ ޕިއްޒާގެ ހަގީގަތް ސާފު ނުވިޔަސް އެކަން ކުރާ ބަޔަކު އެ ކުރަނީ ބޭކާރު ކަމެއް ކަމަށް ބުންޏެވެ.
ޖީން.
"އެއްކޮޅުން އަހަންނަށް މިކަމުން ވާ ތުރާ ބޮޑު. އަނެއްކޮޅުން އެކަމެއް ކުރާ ބަޔަކު އެ ކުރަނީ ބޭކާރު ހަރަދެއް،" ޖީން ބުންޏެވެ.
އޭނާ ބުނީ މި ތުރާލުގެ ވާހަކަ އަންހެން ރައްޓެއްސަކާ ހިއްސާކުރުމުން އޭނާ އަށް ވެސް މިފަދަ ކަމެއް އަހަރުތަކެއް ވަންދެން ތަޖުރިބާކުރަން ޖެހުނު ކަމަށް ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނާޢިމް
11 June 2020
ތިހެން ޕިއްޒާ ލިބޭނަމަދޯ އަހަރެމެނަށްވެސް....
މުލޭ
10 June 2020
އެކަނި އުޅޭތީ ޙާލު ބަލަން އަންނަނީ ކަމަށްވުން އެކަށީގެންވޭ.