ޔުނައިޓެޑްގެ ފަރިތަކުރުންތަކުގެ ތެރެއިން ވެން ޕާސީ (ކ) އާއި މޮއިސް.---
20 އޮކްޓޯބަރ 2016 - 12:13
މެންޗެސްޓާ (އޮކްޓޯބަރު 20) - މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ދެ ކޯޗުން ކަމަށްވާ ޑޭވިޑް މޮއިސް އާއި ލުއީ ވެން ހާލް އަށް ފެނަބާޗޭގެ ފޯވާޑް ރޮބިން ވެން ޕާސީ ފާޑުކިޔައިފި އެވެ.
ޔޫރޮޕާ ލީގުގައި މިރޭ ކުރީގެ ކްލަބް ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ވެން ޕާސީ ބުނީ މިއީ އޭނާ އަށް ހުރިހާ ގޮތަކުން ވެސް ހާއްސަ މެޗެއް ކަމަށެވެ.
"ވަރަށް ދުވަސްކޮށްފައި ގެއަށް އާދެވޭ ކަހަލަ އިހުސާސެއް ކުރެވެނީ. ޔުނައިޓެޑްގެ ކޯޗުކަމުގައި އަލެކްސް ފާގަސަން ހުރި ނަމަ މި މެޗުގައި އަހަރެން ފެނިދާނެ ޔުނައިޓެޑް ޖާޒީގައި ވެސް. އެކަމަކު އެހެނެއް ނޫން މިވީ. އަހަރެން މިހިރީ ފެނަބާޗޭގައި. ޔުނައިޓެޑްގައި ކުޅެވޭނެ ފެންވަރު އަހަރެންގެ އެބަހުރި އެކަމަކު ފާގަސަން އަށް ފަހު ދެން އައި ދެ ކޯޗުންނަށް (މޮއިސް އާއި ވެން ހާލް) އަހަރެން ކަމުނުދިޔައީ،" ވެން ޕާސީ ބުންޏެވެ.
އޭނާ ބުނީ މޮއިސް އާއި ވެން ހާލް ޔުނައިޓެޑްގައި ފެއިލްވީ އެމީހުންގެ ނިންމުތައް ކްލަބްގެ ސަޕޯޓަރުންނާއި ވެރިންނަށް ކަމުނުގޮސްގެން ކަމަށެވެ.
މޮރީނިއޯ ވަނީ ޔުނައިޓެޑަށް ހުނަރުވެރި މޮޅު ކުޅުންތެރިންތަކެއް ގެނެސްފައި ކަމަށާއި މޮރީނިއޯގެ ކޯޗުކަމުގައި ޔުނައިޓެޑް ކުރިން އޮތް މަގާމުން ފެންނާނެ ކަމަށް ވެން ޕާސީ އުއްމީދު ކުރެ އެވެ.
އާސެނަލްގައި އަށް އަހަރު ހޭދަ ކުރުމަށް ފަހު ވެން ޕާސީ ޔުނައިޓެޑަށް ބަދަލުވީ 2012 ވަނަ އަހަރު އެވެ. ޔުނައިޓެޑަށް ބަދަލުވި ފުރަތަމަ ސީޒަނުގައި ވެން ޕާސީ ވަނީ ލީގު ހޯދައިފަ އެވެ. އަދި އެ ސީޒަނުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކީ ވެސް އޭނާ އެވެ.
ޔުނައިޓެޑް ދޫކޮށް އުމުރުން 33 އަހަރުގެ ވެން ޕާސީ ފެނަބާޗޭ އަށް ބަދަލުވީ މިދިޔަ އަހަރު އެވެ. އަނިޔާގެ ސަބަަބުން ގިނަ މެޗުތަކެއް ގެއްލުނު ނަމަވެސް މުހިއްމު މެޗުތަކުގައި ވެން ޕާސީ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.
ޔުނައިޓެޑާއި ފެނަބާޗޭ ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 00:05 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy