ޗެލްސީގެ ކުރީގެ ފޯވާޑް ޑްރޮގްބާ.
22 އޮކްޓޯބަރ 2016 - 10:39
މޮންރެއަލް، ކެނެޑާ (އޮކްޓޯބަރު 22) - އެމެރިކާގެ މޭޖާ ލީގުގައި ވާދަކުރާ މޮންރެއަލް އިމްޕެކްޓަށް ކުޅެން އެ ޓީމުގެ ފޯވާޑް ޑިޑިއާ ޑްރޮގްބާ ދެކޮޅު ހެދުމުން އޭނާ ޖޫރިމަނާކޮށްފި އެވެ.
ޗެލްސީގެ ކުރީގެ ފޯވާޑް އެފްސީ ޓޮރޮންޓޯއާ ދެކޮޅަށް ކުޅެން ދެކޮޅު ހެދީ ފުރަތަމަ އެގާރައިގައި ނުހިމެނުމުންނެވެ. އެ ޓީމުގެ ކޯޗު މައުރޯ ބިއެލޯ ބުނީ ބެންޗުގައި ހުންނަން ޑްރޮގްބާ ބޭނުންނުވީ ކަމަށެވެ.
ލީގުގެ އީސްޓަން ކޮންފަރެންސްގެ ފަސް ވަނައިގައި އޮތް މޮންރެއަލް އިން މާދަމާ ނުކުންނާނީ ނިއު އިންގްލެންޑް ރިވޮލިއުޝަންއާ ދެކޮޅަށެވެ. އެ ޓީމު އެންމެ ފަހުން ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެ މެޗުގެ ފުރަތަމަ އެގާރައިގައި ޑްރޮގްބާ ނުހިމެނެ އެވެ. އޭނާ ވަނީ މި ސީޒަނުގައި 21 މެޗުން 10 ގޯލް ޖަހައިފަ އެވެ.
ޗެލްސީއާ އެކު 2012 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ޑްރޮގްބާގެ އިތުރުން ޔޫރަޕުގައި ކުޅެފައިވާ މަޝްހޫރު ގިނަ ކުޅުންތެރިން އަންނަނީ މޭޖާ ލީގުގައި ކުޅެމުންނެވެ. އޭގެ ތެރޭގައި ޗެލްސީގެ ކުރީގެ ކެޕްޓަން ފްރޭންކް ލަމްޕާޑާއި އިޓަލީގެ ކުރީގެ މިޑްފީލްޑަރު އަންދްރޭ ޕިރްލޯގެ އިތުރުން ސްޕެއިނުގެ ކުރީގެ ފޯވާޑް ޑޭވިޑް ވިޔާ ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy