ފިންލެންޑް އިންޓަނޭޝަނަލް ސްކޫލުގެ ދަރިވަރުންތަކެއް: އެ ސްކޫލު ހިންގާ ބިމުގެ ވެރިފަރާތް ނޭނގޭތީ އައިލެންޑާސް އިން ކޯޓަށް މައްސަލަ ހުށަހަޅާފައިވޭ.-- ފޮޓޯ: މިހާރު
20 އޯގަސްޓް 2020 - 16:11
އަމީރު އަހުމަދު ޕްރީ ސްކޫލު ހިންގާ ބިމުގެ ވެރިފަރާތް ސާފުނުވާތީ، އައިލެންޑާސް އެޑިއުކޭޝަނުން ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.
އަމީރު އަހުމަދާއި ހެންވޭރު ޕްރީ ސްކޫލް އައުޓްސޯސް ކޮށްގެން ހިންގާނެ ބަޔަކު ހޯދަން މާލޭ ސިޓީ ކައުންސިލުން 2012 ގައި ހުޅުވައިލި ބީލަން ކާމިޔާބުކުރީ އައިލެންޑާސް ގްރޫޕުގެ ޗެއާމަން، ގ. މަހުމާގޭ، އަބްދުއްރަޝީދު އެވެ.
އެ ބިމުގެ ވެރިފަރާތް ހޯދުމަށް މިދިޔަ ހަފުތާގައި ހުށަހެޅި މައްސަލަ ސިވިލް ކޯޓުން މިހާރު ވަނީ ބަލައިގެންފަ އެވެ.
އެ ސްކޫލު ޕްރޮޖެކްޓުގައި ތިން ބިމެއް ހިމެނެ އެވެ. އެއްބަސްވުމުގައި ހިމެނޭ ހެންވޭރު ޕްރީ ސްކޫލުގެ ބިމުގައި ހިންގަމުން އަންނަނީ އަމީރު އަހުމަދު ކޮމިއުނިޓީ ޕްރީ ސްކޫލެވެ. އަމީރު އަހުމަދު ސްކޫލު ބިމުގައި ކެންގަރޫ ކިޑްސް އާއި ފިންލެންޑް އަދި ބިލަބޮންގް ސްކޫލުގެ ބައެއް ހިންގަ އެވެ. އޭގައި ހެންވޭރު އަވަށު އޮފީހުގެ ބިން ހިމެނުނަސް، ބިމުގެ ގާނޫނީ ބެލެނިވެރިކަން ނޭނގޭތީ، އެއްބަސްވުމުގައިވާ ގޮތަށް އެ ތަނުގައި އެއްވެސް ކަމެއް ނުކުރެވެ އެވެ.
އެ ތަންތަން ހިންގަން ބިން ދޫކުރީ ވެސް، އަމީރު އަހުމަދު ޕްރީ ސްކޫލު ކުރިއަށް ގެންދަން އެހީތެރިވުމަށް އެއްބަސް ވެގެންނެވެ. ކުންފުނީގެ އަމިއްލަ ޚަރަދުގައި، އަމީރު އަހުމަދު ޕްރީ ސްކޫލު އިމާރާތްކޮށް، ހިންގަމުން އަންނަނީ އައިލެންޑާސްގެ އިޖުތިމާއީ ޒިންމާގެ ދަށުންނެވެ.
އައިލެންޑާސްގެ ދަށުން ބިލަބޮންގް އިންޓަނޭޝަނަލް ސްކޫލު ވެސް ހިންގަ އެވެ. އެކަމަކު އީޕީއެސް ބިމުގައި އެ ސްކޫލު ހިންގަނީ އެޑިއުކޭޝަން މިނިސްޓްރީއާއެކު ވަކިން ހަދާފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ.
އެ މައްސަލައާ ގުޅިގެން އަބްދުއް ރަޝީދު "މިހާރު" އަށް ވިދާޅުވީ އެ އެއްބަސްވުމުގައި ހިމެނޭ ބިންތަކުގެ ވެރިފަރާތާ މެދު އެޑިއުކޭޝަން މިނިސްޓްރީ އާއި ހައުސިން މިނިސްޓްރީ އަދި މާލޭ ސިޓީ ކައުންސިލުން ވެސް އެއްބަސްނުވާ ކަންތައްތަކެއް އެބަހުރި ކަމަށެވެ. އެކަމުގެ ސަބަބުން، އެެއްބަސްވުމުގައި ހިމެނޭ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ފާއިތުވި ހަތް އަހަރުގެ ތެރޭގައި ގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ވިދާޅުވި އެވެ.
ކޯޓަށް މައްސަލަ ހުށަހެޅީ މާލީ ބަދަލެއް ހޯދުމަށް ވުރެ ބޮޑަށް، 2،000 އަށް ވުރެ ގިނަ ދަރިވަރުން ކިޔަވާ އަދި 250 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރާ ސްކޫލުތަކުގެ ބިމުގެ ގާނޫނީ ބެލެނިވެރިކަމާ މެދު މިހާރު އުފެދިފައިވާ ސުވާލަށް ޖަވާބު ހޯދުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"ވޭތުވެދިޔަ ހަތް އަހަރުގެ ތެރޭގައި ސަރުކާރުގެ ސިޔާސަތުތަކަށް އައި ބަދަލުތަކާ ހެދި ޕްރޮޖެކްޓު ކުރިއަށް ގެންދިއުމަށް ތިން ފަހަރެއްގެ މަަތިން ސަރުކާރުން ވަނީ އަޅުގަނޑާއެކު ވެފައިވާ އެއްބަސްވުން ބަދަލުކޮށް، އާ އިސްލާހުތަކާއެކު ސޮއިކޮށްފައި. ބިމުގެ ވެރިފަރާތަކީ ކޮން ފަރާތެއް ކަމެއް ހަތް އަހަރު ފާއިތުވެގެން ދިޔައިރު ވެސް ސަރުކާރުގެ އެއްވެސް ވުޒާރާއަކުން ރަސްމީކޮށް ކަށަވަރު ކޮށްދެވިފައެއް ނުވޭ،" އަބްދުއްރަޝީދު ވިދާޅުވި އެވެ.
އެއްބަސްވުމުގައި އައިލެންޑާސް އިން އެންމެ ފަހުން ސޮއިކުރީ 2018 ގައި އެޑިއުކޭޝަން މިނިސްޓްރީއާއެކުގަ އެވެ. އެކަމަކު ސޮއިކުރި އެއްބަސްވުމަށް ނިސްބަތްވާ ބިމުގައި އިމާރާތެއް އެޅުމުގެ ހުއްދައަށް އެދުމުން، އެ ބިންތަކުގެ ގާނޫނީ ބެލެނިވެރިކަން އެ މިނިސްޓްރީގައި ނެތް ކަމަށް ބުނި ކަމަށް އަބްދުއްރަޝީދު ވިދާޅުވި އެވެ. އެހެންވެ އެ ހުއްދައެއް ނުލިބެ އެވެ.
"އެކަމުގެ ސަބަބުން ދަރިވަރުންގެ ކިޔެވުން ކުރިއަށް ގެންދިއުމަށް ކޮންމެހެން އަޅަންޖެހޭ އިތުރު ކްލާސްރޫމްތަކަށް ފައިސާ ހޯދަން އެގްރިމެންޓުން ލިބޭ ހައްގުތައް އޮތީ ނުލިބި،" އަބްދުއްރަޝީދު ވިދާޅުވި އެވެ.
އަމީރު އަހުމަދު ޕްރީސްކޫލު ހިންގަން 2013 ވަނަ އަހަރު އާ އިމާރާތެއް އަޅާފައި ވެ އެވެ. އެ ސްކޫލުގައި މިހާރު ވެސް 768 ދަރިވަރުން ކިޔަވަމުން އަންނައިރު އެ ޕްރީ ސްކޫލުން ނަގަނީ، މާލޭގެ އެހެން ޕްރީސްކޫލުތަކާ ހިލާފަށް ވަރަށް ކުޑަ ފީއެކެވެ. އެއީ 250ރ. އެވެ.
އޭނާ ވިދާޅުވި ގޮތުގައި، މުޅި ދުނިޔެ އަށް ވެސް ކުރިމަތިވެފައިވާ ކޮވިޑް-19 ގެ ބަލިމަޑުކަމާ ހެދި އައިލެންޑާސްގެ ސްކޫލުތަކަށް ވެސް ވަނީ މާލީ ގެއްލުންތަކާ ކުރިމަތިލާން ޖެހިފަ އެވެ. އެގޮތުން މިހާރު ވެސް އިންޓަނޭޝަނަލް ޕްރީ ސްކޫލުގެ ބޭބީ ނާސަރީ އާއި ނާސަރީން 220 އަށް ވުރެ ގިނަ ދަރިވަރުން ވަކިވެފައިވާ ކަމަށް އަބްދުއްރަޝީދު ވިދާޅުވި އެވެ. ކޮވިޑުގެ ހާލަތަށް ބަލައި ފީ ދެއްކުމަށް ޑިސްކައުންޓު ދިނަސް މާލީ އެކި ސަބަބުތަކާ ހެދި ބެލެނިވެރިންނަށް ފީ ދެއްކުމުގައި ދަތިތަކާ ކުރިމަތިވެފައިވާ ކަމަށް ވިދާޅުވި އެވެ.
ސްކޫލުތައް ބަންދުވީއްސުރެ ހުރިހާ މުވައްޒަފުންނަށް ބަރާބަރަށް ދިޔައީ މުސާރަ ދެމުން ކަމަށާއި އެކަމަކު ވޭތުވެދިޔަ ތިން މަހުގެ ތެރޭގައި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް އަބްދުއްރަޝީދު ވިދާޅުވި އެވެ.
"އިންޓަނޭޝަލަން ސްކޫލްތަކުގައި އޮންލައިކޮށް ކިޔަވައިދޭ ވޯކްލޯޑުތަކަށް ބަލައި މަސައްކަތް ކުރަމުންދާ ޓީޗަރުންނަށް ހަމައަށް މުސާރަ ދިނުމަށްޓަކައި ބައެއް މުވައްޒަފުން ޕާޓް ޓައިމަށް ބަދަލުކުރުމާއި އަދި ބައެއް މުވައްޒަފުން ރިޑަންޑަންޓް ކުރަން ވެސް ޖެހިފައިވޭ. އިންޓަނޭޝަނަލް ސްކޫލްތަކުން ލިބޭ އާމްދަނީއަށް ބަރޯސާވެގެން ހެންވޭރު ޕްރީ ސްކޫލް ކުޑަ ފީއެއްގައި ހިންގާ ގޮތަށް ބައްޓަން ކުރެވިފައިވާ ޕްރޮޖެކްޓަށް ބުރޫއަރައި މި ސްކޫލްގައި 6،000 ރުފިޔާ އަށް ވުރެ މުސާރަ ބޮޑު މުވައްޒަފުންނަށް މިހާރު ދެވެނީ މުސާރައިގެ 50 ޕަސެންޓް،" އަބްދުއްރަޝީދު ވިދާޅުވި އެވެ.
"މި އުސޫލުގެ ދަށުން މުސާރަ 6،000 އަށް ވުރެ ކުޑަވާ ނަމަ އެ މުވައްޒަފުންގެ މުސާރަ އިން އެއްވެސް ބައެއް އުނިނުކޮށް ކުރިން ވެސް ލިބެމުން އައި ހަމަ މުސާރަ އެ މުވައްޒަފުންނަށް ދެމުން އަންނަނީ."
އަބްދުއްރަޝީދު ވިދާޅުވީ، ހެންވޭރު ސްކޫލަކީ އަވަށު ސްކޫލަކަށް ވާތީ، ބައެއް މުވައްޒަފުންގެ މުސާރަ މި ދުވަސްކޮޅަށް ކުޑަކޮށްގެން ވިޔަސް ހުރިހާ އެންމެންގެ ވަޒީފާ ހިމާޔަތް ކުރެވޭތޯ މިހާ ހިސާބަށް ވެސް އޭނާ ވާނީ މަސައްކަތް ކުރައްވައިފަ އެވެ.
އޭނާ ވިދާޅުވީ، އެއްބަސްވުމާ އެއްގޮތަށް މުޅި ޕްރޮޖެކްޓް ކުރިއަށް ނުގެންދެވި ގިނަ ގެއްލުންތަކެއް ލިބިފައިވަނިިކޮށް، ކޮވިޑްގެ ސަބަބުން އެ ގެއްލުންތައް ބޮޑުވުމުން، އެކަމަށް އަވަސް ހައްލެއް ހޯދައިދިނުމަށް އެދި އެޑިއުކޭޝަން މިނިސްޓްރި އާއި ކަމާބެހޭ އެހެން އިދާރާތަކަށް ސިޓީ ފޮނުވައި ތަކުރާރުކޮށް އެދިވަޑައިގެންނެވި ކަމަށެވެ. އަދި އެކަމަށް ހައްލެއް ހޯދައިދިނުމަށް މަސައްކަތް ކުރާކަމުގެ އިޝާރާތެއް މިނިސްޓްރީން ދީފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
އެކަމަކު ސްކޫލްތަކުގެ ހާލަތު އިތުރަށް ގޯސްވިޔަ ނުދިނުމަށްޓަކައި އެކަމަށް އަވަހަށް ހައްލެއް ހޯދުން މުހިއްމު ކަމަށް އަބްދުއްރަޝީދު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަލްވާ
21 August 2020
އަމީރު އަހްމަދުގެ ޓީޗަރުންގެ މުސާރަ ދެނީ ދެ މަހުން އެއް މަހު. އެކަމަކު ބޮޑު ސިންގާހާ ބިމެއް އެއްވެސް ކުއްޔަކާ ނުލާ އައިލެންޑަރސްއަށްދީ، އެ ތަނުގައި ތިން ސްކޫލް ހިންގައިގެން މަހަކު ހަ މިލިއަން ސާފު ފައިދާ ނަގާ. އަދްލީ ހަނދުމަފުޅު ކުރައްވާތި މި ނޫން ދުވަހެއްވެސް އޮތް ކަން އިނގޭތޯ
މާކަނާ ކަލޯ
21 August 2020
މިވާހަކައިންދޭހަ ވަނީ ބަޔަކަށް މުސާރަދެމުންދާކަންދޯ. މިއަށްވުރެ ހާލުބޮޑު ހާލުގައި ޖެހިފައި ތިބި އެތަށް ބައެއް އެބަތިބި. 8 މަސް މުސާރަ ނުލިބި ތިބި ދިވެހިންނާ ބޭރުމީހުންގެ ވާހަކަވެސް އެބަ ގަދަޔަށް ދައްކަންޖެހޭ. ކުންފުނިތަކުން ހަދާނެގޮތެއް އެބަ ހަދާލާ!
ބޯގޯސް ދިޔެ
21 August 2020
ސްކޫލް ސާފު ފައިދާގެ އިތުރުން 35 އަހަރުން ގުދަންތަކުގެކުލީގެ ގޮތުގައި މަދުވެގެން 210 މިލިޔަން ރުފިޔާ! ސަބާސް
މުރާސިލް
20 August 2020
ސަރުކާރުފެއިލްވެ މާލޭ ސިޓީގެ މޭޔަރުގެ އިތުބާރު ނެތްކަމުގެ ވޯޓަށް ތައްޔާރުވެފައިވާ މި ދަނޑިވަޅުގައި ތިޔައިން ކަމެއް ސާވުވާނެ ބާއެވެ؟!
ޢަފްލާ
20 August 2020
އައިލެންޑާސް އަބްދުއްރަޝީދަކީ އިޚްލާސް ތެރިއެއް
ސަލްވާ
21 August 2020
އިޚްލާސްތެރިކަން އެނގިއްޖެ މުވައްޒަފުންގެ މުސާރައަށް ހަދާލި ގޮތުން
ނުމޮށޭގުރާ
20 August 2020
3 މަހެއްނުން ކޮވިޑް ކަންތައް ފެށުނީއްސުރެ އަމީރު އަޙްމަދު ޕްރީ ސްކޫލް މުވައްޒަފުންގެ މުސާރަ 1/2 އަށް ކުޑަކޮށްފި އުނިކުރި ބައި ފަހުން ދޭނަމޭ ކިޔާފަ، އައިލެންޑާސްގެ ދަށުން ތިބި ހުރިހާ މުވައްޒަފުންނަށް އެއްގޮތަކަށް ކަމަށް އަމަލު ކުރާނީ އެކަމަކު އިންޓަރނޭޝަނަލް ސްކޫލްތަކުގެ މުވައްޒަފުންނަށް ފުރިހަމަ މުސާރަ ދީފަ 6000.00ރ. ލިބޭ އަމީރު އަޙްމަދު ގެ މުވައްޒަފުން ގެ މުސާރަ އެހާވަރަށް ކުޑަކޮށްލީމަ އެމީހުން އުޅެންޖެހިދާނެ ހާލެއް ހިތަކަށް ނާރާދޯ؟
ތައްޔާރު
21 August 2020
އެއީ ހަމަ ސަރުކާރަށް ޕްރެޝަރ ކޮށްގެން އެ ބިން މިލްކު ކުރެވޭތޯ. މި ވިޔަފާރިވެރިން ބޭނުންވަނީ ހަމަ ޤައުމު މިހާލުގަ އޮއްވަ ސަރުކާރު ފެލަން.
ކުރުމީހާ
20 August 2020
އަމީރު އަހުމަދުގެ ކޮށީގައި ހުރި ގުދަންތަކުން މަހު ކުލީގެ ގޮތުގަައިި 5 ލައްކަރުފިޔާ ލިބޭ ވާހަކަ ވެސް ބުނެލިނަމަ ސަޅިވީސް!
ކޮއެ
21 August 2020
އަސްތާ!އަހަރަކު 6 މިލިޔަން ! 35 އަހަރުން މަދުވެގެން 210 މިލިޔަން ! އަނެއްކާ ރެއަލް އެސްޓޭޓް ވިޔަފާރި ކުރަންދިން ބިމެއްބާ ހަމައެކަނި ގުދަންތަކުގެ ކުލިން މިވަރުލިބޭ!
މަންދޫބު
21 August 2020
މަހަކު 500،000 ލިބޭ ގުދަނެކޭ؟މާލޭ ގުދަނުގެ ކުލި ރޭޓުން ވެއްޖެޔާ އެތާގަ 10،000 އަކަފޫޓު ހުންނަން ޖެހޭނެ. އެއީ މުޅި އެކޮށީގެ ބޮޑުމިނުގެ ގުދަނެއްތަ؟ރަނގަޅު ހިސާބެއްބާމީ؟
ކުރުމީހާ
21 August 2020
ކަލޯ އެއްގުދަނެއް ނޫނޭހުރީ! 3 ގުދަން އެބަހުރި! 2 ބުރި 3 ބުރިއަށް ހުރީ ! އެގޭތީ މިބުނީ މަހަކު 5 ލައްކަ ލިބެޔޭ!
ޢަނީ
20 August 2020
މިއުޅެނީ ކޮވިޑާގުޅިގެން ގެންނަން އޮތް އެންމެ މުހިންމު އެކަތި، ވެންޓިލޭޓަރުތަށްވެސްގެނެވުނުގޮތް ނޭނގިގެން. ދެން ސަރުކާރުން ހައްލެއް ލިބޭނޭ ކަމަށް އަބްދު ރަޝީދު އުންމީދު ކުރައްވާތީވެސް އަޖައިބު ވަމެވެ.
ޙަލީމް
20 August 2020
ޔާރައްބީ، ބިމުގެ ވެރިފަރާތެއް ނޭނުނު 7 އަހަރުވީއިރުވެސް. ޢެވަރުން ކީއްކުރަން ބިޑްކޮއްގެން ބަޔަކައް ގެއްލުންތަކެއްދީ ވާ ނުވާ އެއް އެނގޭ ބާ. އަވަހައް ބިމުގެ މައްސަލަ ހައްލު ކޮއްދޭން ގޮވާލަން.
އަބުރޭ
20 August 2020
އަވަހަށް ބަދަލު ރެޑީ ކުރޭ. ބޮޑުބަދަލެއް ދޭންޖެހޭނެ ހެން ހީވަނީ. ދޯ އޭޖީ، ފިނޭންސް މިނިސްޓަރ. 100 މިލިޔަނުން ވާނެ.
އަންނާރު އަލީ
20 August 2020
އާޓިކަލްގަ އެބަ އޮތް ބަދަލު ހޯދާކަށް ނޫނޭ! ކިޔާލަބަލަ