ކުޅިވަރު / ފްރާންސް ލީގު

ފްރެންޗް ލީގު ފެށި މެޗުގައި ލިޔޯނުގެ ޑިޕާއިގެ ހެޓްރިކެއް

ހެޓްރިކް ހެދުމަށް ފަހު ޑިޕާއި އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

29 އޯގަސްޓް 2020 - 08:20

ޕެރިސް (އޮގަސްޓް 29) - ފްރެންޗް ލީގުގެ އާ ސީޒަން ރޭ ފެށި މެޗުގައި މެމްފިސް ޑިޕާއިގެ ހެޓްރިކާ އެކު ލިޔޯނުން 4-1 އިން ޑިޖޯން ބަލިކޮށްފި އެވެ.

މިއީ މިދިޔަ ޑިސެމްބަރު މަހަށް ފަހު ޑިޕާއި ލީގުގައި ޖެހި ފުރަތަމަ ގޯލެވެ. ޑިސެމްބަރު މަހު ޑިޕާއިގެ ކަކުލުގެ ލިގަމެންޓަށް ލިބުނު އަނިޔާއަކުން ފަރުވާ ހޯދަމުން ދަނިކޮށް ކޮވިޑް-19 ފެތުރޭތީ ލީގު މެދުކަނޑާލީ އެވެ. ފަހުން އިތުރަށް ކުރިއަށް ގެންދެވޭނެ ގޮތެއް ނެތިގެން މެއި މަހުގެ ތެރޭގައި ފްރެންޗް ލީގު ކެންސަލްކުރީ އެއް ވަނައިގައި އޮތް ޕީއެސްޖީ އަށް ތަށި ދީފަ އެވެ. ރޭ ފްރެންޗް ލީގުގެ އާ ސީޒަން ފެށިއިރު އެ ޓީމަކީ ޔޫރަޕްގެ ވަރުގަދަ ލީގުތަކުގެ ތެރެއިން އެންމެ ފުރަތަމަ ސީޒަން ފެށި ގައުމެވެ.

ނެދަލެންޑްސްގެ ކޯޗު ރޮނާލްޑް ކޫމަން ބާސެލޯނާއާ ހަވާލުވެ އެ ޓީމަށް ޑިޕާއި ގެންދަން މަސައްކަތް ކުރަމުން އަންނަ ކަމަށް މީިޑިއާ ރިޕޯޓްތައް ބުނެ އެވެ. މެޗަށް ފަހު ޑިޕާއި ބުނީ ފުރަތަމަ މެޗުގައި ހެޓްރިކެއް ހެދުމުން ވަރަށް ހިތްހަމަޖެހޭ ކަމަށާއި އެކަމަކު ސީޒަން ނިމެންދެން ލިޔޯނާ އެކު ހުރެވޭނެ ކަމުގެ ޔަގީންކަމެއް ނެތް ކަމަށެވެ.

"ވަރަށް އުފަލުން މި ހުރީ ހެޓްރިކެއް ހެދުނީމަ. އެކަމަކު ކުޅުމާ މެދު އެންމެ ހިތްހަމައެއް ނުޖެހޭ. މި އަށް ވުރެ ރަނގަޅަށް ކުޅެވޭނެ. އެކަމަކު ސީޒަންގެ ފުރަތަމަ މެޗުވީމަ އުނދަގޫތަކެއް ހުންނާނެ. މޮޅެއް ލިބުމުން އެއީ ޕޮޒިޓިވްކަމެއް،" ޑިޕާއި ބުންޏެވެ.

"އަހަރެން ލިޔޯނުގައި މި ވަގުތު ހުއްޓަސް މި ޓީމުގައި ދެން އަހަރެންގެ މާ ބޮޑު މުސްތަގުބަލެއް ނުފެނޭ. މުޅި ސީޒަން ނިމެންދެން ލިޔޯނުގައި ހުރެވޭނެހެން ވެސް ހިއެއްނުވޭ. ހަތަރު އަަހަރު ވަންދެން މި ކްލަބްގައި ހުރެ މިހާރު ކެޕްޓަނަކަށް މި ހުރީ. އެކަމަކު ކެރިއަރަށް ވިސްނާއިރު ޗެމްޕިއަންސް ލީގުގައި ނުކުޅެވޭ ކްލަބެއްގައި ހުރުން ވާނީ އުނދަގޫ ކަމަކަށް."

ރޭގެ މެޗު ފަށައިގެން 14 ވަނަ މިނިޓްގައި ލިޔޯން ސިއްސުވާލުމަށް ފަހު ޑިޖޯނުން ލީޑުނެގި އެވެ. މި ލަނޑު ޖެހީ އޯރެލިއެން ޝީލްޑާ އެވެ. ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން ލިޔޯންގެ މިޑްފީލްޑަރު ހުސާމް އޮއާރް ނުކުޅެ އެވެ. ލިޔޯނުން މެޗުގެ ނަތީޖާ އަނބުރާލީ ފުރަތަމަ ހާފުގެ ފަހު ހަ މިނިޓް ތެރޭ ތިން ގޯލު ޖަހައިގެންނެވެ. ފުރަތަމަ ގޯލު ޖެހީ މެޗު 39 ވަނަ މިނިޓްގައި ޕެނަލްޓީ އަކުން ޑިޕާއި އެވެ. ލިޔޯނަށް ލީޑުނަގައިދިން ގޯލަކީ ޑިޕާއި ނެގި ހުރަހެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ޑިޖޯނުގެ ވެސްލީ ލައުޓޯ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ތިން ވަނަ ލަނޑު ވެސް ޖެހީ ޑިޕާއި އެވެ. އޭނާ ފަހު ގޯލު ޖަހައި ހެޓްރިކް ފުރިހަމަކުރީ ދެ ވަނަ ހާފުގަ އެވެ.

ފްރެންޗް ލީގު ފަށަން ކުރިން ރާވާފައި އޮތީ މާސޭ އާއި ސެއިން އެޓިއެން ކުޅޭ މެޗުންނެވެ. އެކަމަކު އެ ދެ ޓީމުން ކުޅުންތެރިންތަކެއް ކޮވިޑަށް ޕޮޒިޓިވްވުމުން އެ މެޗު ފަސްކުރީ އެވެ. އަނެއްކޮޅުން ޕީއެސްޖީގެ މެޗުތައް ވެސް ވަނީ ފަސްކޮށްފަ އެވެ. އެއީ އެ ޓީމު ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދިއުމުން ދެ ސީޒަނުގެ މެދުގައި އެކަށީގެންވާ ބްރޭކެއް ދޭށެވެ. މިހާރު ރޭވިފައި އޮތްގޮތުން ޕީއެސްޖީގެ ސީޒަން ފަށާނީ އަންނަ މަހު 10 ވަނަ ދުވަހު އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454