މިދިޔަ އހަރު ބޭއްވި އަހަރީ އާއްމު ޖަލްސާގައި އެމްޓީސީސީގެ ބޯޑު މެމްބަރުންނާއި ހިއްސާދާރުން ބައިވެރިވަނީ-- ފޮޓޯ: މިހާރު
11 ސެޕްޓެމްބަރ 2020 - 20:22
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާ މި މަހުގެ 27ގައި ބާއްވަން ނިންމައިފި އެވެ.
އެ ކުންފުނިން އިއްޔެ ކުރި އިއުލާނެއްގައި ބުނީ މި ޖަލްސާ ބާއްވާނީ ހަވީރު ހަތަރެއް ޖަހާއިރު މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީ (އެމްއެސްޑީ)ގެ "ފައިވޯޓު" ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ކަމަށެވެ. މި ޖަލްސާގައި ބައިވެރިވޭނީ އިއްޔެގެ ނިޔަލަށް އެމްޓީސީސީގެ ހިއްސާދާރެއްގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ހިއްސާދާރުންނަށް އެކަންޏެވެ.
ޖަލްސާގައި ބައިވެރިވާން ބޭނުންވާ ހިއްސާދާރުން މި މަހުގެ 25 ވަނަ ދުވަހުގެ ހަވީރު 4:00ގެ ކުރިން ރަޖިސްޓްރީވާން ޖެހޭނެ އެވެ. އެމްއެސްޑީގެ އިންފިނިޓީ ޕޯޓަލް infinity.mv ނުވަތަ [email protected] މެދުވެރިކޮށް ރަޖިސްޓްރީ ފޯމު ހުށަހެޅޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ.
MTCC's Virtual Annual General Meeting 2019 will be held on Sunday, 27th September 2020, at 1600hrs via FahiVote. Registration for AGM 2019 is now open.
— MTCC Plc (@MTCCPlc) September 10, 2020
For more details, please visit: https://t.co/qW73IK8FBt#MTCCAGM2019 pic.twitter.com/WgavdCM6l0
އަހަރީ އާއްމު ޖަލްސާއާ ގުޅޭގޮތުން އެމްޓީސީސީން ކުރި ޓްވީޓެއް--
މިދިޔަ އަހަރު އެމްޓީސީސީއަށް ވަނީ ސާފު ފައިދާގެ ގޮތުގައި 53 މިލިއަން ރުފިޔާ ލިބިފަ އެވެ. އެ ކުންފުނީގެ ބޮޑުން ވަނީ ހިއްސާއަކަށް ދެ ރުފިޔާ ބަހަން އަހަރީ އާއްމު ޖަލްސާއަށް ހުށަހެޅުމަށް ނިންމައިފަ އެވެ.
މީގެ އިތުރުން މި ޖަލްސާގައި ކުރިއަށް އޮތް އަހަރަށް އާއްމު ހިއްސާދާރުންގެ ތެރެއިން އެމްޓީސީސީގެ ބޯޑަށް ދެ މެމްބަރުން އިންތިޚާބު ކުރާނެ އެވެ. އެ މަގާމަށް ކުރިމަތިލި ދެ ހިއްސާދަރުންގެ ނަން ވެސް ބޯޑުން ވަނީ ފާސްކޮށް އަހަރީ އާއްމު ޖަލްސާއަށް ހުށަހެޅުމަށް ނިންމައިފަ އެވެ.
އާއްމު ހިއްސާދާރުންގެ ތެރެއިން ބޯޑަށް ކުރިމަތިލާފައި ވަނީ ދަފްތަރު ނަންބަރު 95-698، އަހުމަދު އަބޫބަކުރާއި ހެޕީނައިޓް، ގއ.ވިލިނގިލި، ނަސްރަތު މުހައްމަދެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy