ވިލާ ކޮލެޖުގައި ސައިކޮލޮޖީ ކިޔަވަމުން އަންނަ ދަރިވަރުންގެ އަމަލީ ތަޖުރިބާގެ ބައި ފުރިހަމަކުރުމަށް، ޝީއާއެކު ސޮއިކުރުމަށްފަހު، ވިލާ ކޮލެޖުގެ ރެކްޓާ ޑރ. އަންވަރު އަދި ޝީގެ ސީއީއޯ ޝަފީއު ފޮޓޯއަކަށް ހުއްޓިވަޑައިގެން.-- ފޮޓޯ: ވިލާ ކޮލެޖު
27 އޮކްޓޯބަރ 2020 - 12:15
ވިލާ ކޮލެޖާއި ރާއްޖޭގެ ކައުންސެލިން އިންސްޓިޓިއުޝަންތަކާ ދެމެދު އެމްއޯޔޫއެއްގައި އިއްޔެ ސޮއިކޮށްފި އެވެ.
ރާއްޖޭގެ އެންމެ ފުރަތަމަ އަމިއްލަ ކޮލެޖު، ވިލާގެ ބެޗެލާ އޮފް ސައިކޮލޮޖީ ކިޔަވަމުން އަންނަ ދަރިވަރުންގެ އަމަލީ ތަޖުރިބާގެ ބައި ފުރިހަމަކުރުމުގެ ފުރުސަތު ހޯދައިދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ޖެންޑާ މިނިސްޓްރީ، ސައިމާ ކެއާ، ޝީ، އައިސީޕީ އަދި މިޕްސްޓާ އާ އެވެ.
އެ ރަސްމިއްޔާތުގައި ވިލާ ކޮލެޖުގެ ފެކަލްޓީ އޮފް އެޑިއުކޭޝަނަލް ސްޓަޑީޒްގެ ސީނިއާ ލެކްޗަރާ އަދި ޕްރޮގްރާމް ކޯޑިނޭޓަރު، ޑރ. އައިޝަތު ނަޝީދާ ވިދާޅުވީ އެފަދަ އެއްބަސްވުމެއްގެ ސަބަބުން ދަރިވަރުންނަށް ފުރިހަމައަށް އަމަލީ ތަޖުރިބާ ލިބުމުގެ މަގު ތަނަވަސްވެގެންދާނެ ކަމަށެވެ. މީގެ އިތުރުން އަމަލީ މައިދާނުގައި ދަރިވަރުންނަށް ދަސްވެފައިވާ ފިލާވަޅުތަކުގެ ބޭނުން ފުރިހަމަގޮތުގައި ހިފޭނެކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވި އެވެ.
ވިލާ ކޮލެޖާއެކު އެއްބަސްވުމުގައި ސޮއިކުރެއްވި ބައެއް ބޭފުޅުން ވިދާޅުވީ ސައިކޮލޮޖީ ދާއިރާއިން ތަމްރީނުވެފައިވާ ދަސްވެނިންގެ ބޭނުން ރާއްޖެއަށް ބޮޑުވެފައިވާ ކަމަށެވެ. ވިލާ ކޮލެޖާއެކު ސޮއިކުރި އެއްބަސްވުމުން، އެ ދާއިރާއިން އިތުރު ކުރިއެރުން ލިބިގެންދާނެކަން ފާހަގަކުރި އެވެ.
ވިލާ ކޮލެޖުގެ ބެޗެލާ އޮފް ސައިކޮލޮޖީގެ އަމަލީ ތަޖުރިބާ ފުރިހަމަކުރާ އެންމެ ފުރަތަމަ ބެޗު އަންނަ ޖެނުއަރީގައި ފުރިހަމަކުރާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy