ކުޅިވަރު / ޔުނައިޓެޑް ވިކްޓަރީ

ސީޒަނުގެ ނިޔަަލަށް ޔޫވީގައި މަޑުކުރަން ސާންތީ ނިންމައިފި

ޔުނައިޓެޑް ވިކްޓްރީގެ ޕްރެކްޓިހެއްގެ ތެރެއިން ސާންތީ އެ ޓީމުގެ އެހެން ބައެއް އޮފިޝަލުންނާ އެކު.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ތަޖުރިބާކާރު ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ) ޔުނައިޓެޑް ވިކްޓްރީ (ޔޫވީ)ގެ ހެޑް ކޯޗެއްގެ ގޮތުގައި މި ސީޒަނުގެ ނިޔަލަށް މަޑުކުރަން ނިންމައިފި އެވެ.

ޔުނައިޓެޑް ވިކްޓްރީން މި ސީޒަނުގެ ޕްރީ ސީޒަން ޕްރެކްޓިސް ފެށިއިރު ސާންތީ ހުސްކޮށް ހުރުމުން އޭރު ޔުނައިޓެޑް ވިކްޓްރީގެ ކޯޗު މުހައްމަދު އާދަމްގެ އެދުމަށް އެ ޓީމުގެ ޓްރެއިނިންތަކުގައި މަސައްކަތްކުރަން ފެށި އެވެ.

ޔުނައިޓެޑް ވިކްޓްރީން މި ސީޒަނުގެ މިހާތަނަށް ކުޅުނު ހަ މެޗުން ކުރެ އެންމެ މެޗެއްގައި ވެސް މޮޅުވެފައި ނުވާއިރު، އޮތީ ލީގުގެ އެންމެ ފުލުގަ އެވެ. ލީގުގައި އެންމެ ފަހުން ކުޅުނު މެޗުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)އާ 1-1 އިން އެއްވަރުވި މެޗަށް ފަހު ޔުނައިޓެޑް ވިކްޓްރީގެ ކޯޗުކަމުން މުހައްމަދު ވަނީ އިސްތިއުފާ ދީފަ އެވެ. މުހައްމަދު އިސްތިއުފާ ދިނުމުން ވަގުތީގޮތުން ސާންތީއާ ޓީމު ހަވާލުކުރަން ޔުނައިޓެޑް ވިކްޓްރީ މެނޭޖްމަންޓުން ނިންމައި އޭނާ އަށް ހެޑް ކޯޗުކަން ހުށަހެޅި އެވެ. ސާންތީ ވަނީ އެ ޒިންމާއާ ހަވާލުވާން ނިންމައިފަ އެވެ.

ސާންތީ "މިހާރު" އަށް ބުނީ މި ސީޒަނުގެ ނިޔަލަށް ޔުނައިޓެޑް ވިކްޓްރީ ހެޑް ކޯޗެއްގެ ގޮތުގައި މަސައްކަތްކުރަން ނިންމާފައިވާ ކަމަށެވެ.

ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗުގެ މަގާމުގައި 2001 އިން 2008 އަށް މަސައްކަތްކުރި ސާންތީ އަކީ 2008 ގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމު ތައްޔާރުކުރުމުގެ މުހިއްމު ބައިވެރިޔެކެވެ. ފަހުން އޭނާ ވަނީ ކްލަބް ފުޓްބޯޅައިގެ ތެރެއަށެވެ. އެގޮތުން އީގަލްސްގައި ޒުވާން ޓީމެއް ބިނާކޮށް ރަނގަޅު ކާމިޔާބީތަކެއް ހޯދި އެވެ. އެންމެ ބޮޑު ކާމިޔާބީ އަކީ 2016 ވަނަ އަހަރުގެ ގައުމީ ޗެމްޕިއަންކަން އެ ކްލަބަށް ހޯދައިދިނުމެވެ.

2017 ވަނަ އަހަރުގެ ލީގުގެ މެޗެއްގެ ތެރެއިން ސާންތީ: އޭނާ ދެން ފެންނާނީ ޔުނައިޓެޑް ވިކްޓްރީގެ ބެންޗުން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ސާންތީ، އެފްއޭއެމްގެ ޓެކްނިކަލް ޑިޕާޓްމަންޓާ 2017 ވަނަ އަހަރުގެ މެދުތެރޭގައި ގުޅުނީ އޭރު އޭނާ ކޯޗުކޮށްދިން ކްލަބް އީގަލްސް އަށް ޕްރިމިއާ ލީގުން ފުރުސަތު ނުލިބުމުންނެވެ. އީގަލްސް އަށް 2017 ވަނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގުން ފުރުސަތު ގެއްލުނީ މާލޭ ލީގުގެ ގަދަ ހަތަރެއްގެ ތެރެއަށް ވަންނަން ކުރި މަސައްކަތް ކާމިޔާބުނުވުމުންނެވެ.

އެފްއޭއެމާ ގުޅި ސާންތި ކުރި ފުރަތަމަ މަސައްކަތަކީ 19 އަހަރުން ދަށުގެ ގައުމީ ޓީމު ގޮވައިގެން ޔޫތު ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރުމެވެ. އޭގެ ފަހުން ޑެޕިއުޓީ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމް އަދާކުރުމަށް ފަހު، ފަހުން ޓެކްނިކަލް ޑިރެކްޓަރުކަމާ ހަވާލުވީ އެ މަގާމުގައި ހުރި ތުރުކީގެ ކޭންޓް ވަންލީ ވަކިވުމުންނެވެ. ޓެކްނިކަލް ޑިރެކްޓަރުގެ މަގާމުގައި ހުރެ ޔޫތު ފުޓްބޯޅަ އަށް ހާއްސަ އަހައްމިއްޔަތުކަމެއް ދީގެން ގިނަ މަސައްކަތްތަކެއް ކުރި އެވެ.

އެފްއޭއެމް ޓެކްނިކަލް ޑިރެކްޓަރުކަމުން 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އިސްތިއުފާ ދިނުމަށް ފަހު ސާންތީ އެންމެ ފަހުން ފެނުނީ ބ. އޭދަފުށީގެ ކޯޗެއްގެ ގޮތުގަ އެވެ.

މި ފަހަރުގެ ލީގުގެ ފުރަތަމަ ބުރު ނިމުމުގެ ކުރިން ހަތަރު ޓީމެއްގެ ކޯޗުން ވަނީ މަގާމުން ވަކިވެފަ އެވެ. އެންމެ ފުރަތަމަ މާޒިޔާގެ ކޯޗުކަމުން ވަކިވި މުހައްމަދު ނިޒާމް (ނިޒާމްބެ)ގެ ބަދަލުގައި އެ ޓީމުން ވަނީ ސާބިއާ ގައުމީ ޓީމުގެ އެސިސްޓަންޓަކަށް މަސައްކަތްކުރި ރިސްޓޯ ވިޑަކޮވިޗް ގެނެސްފަ އެވެ. އީގަލްސްގެ ކޯޗުކަމުން ވަކިވި މުހައްމަދު ޝިޔާޒް (މޯހަން) ވަނީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)އާ ހަވާލުވެފަ އެވެ. މޯހަން ގެނައީ ސަސްއާ އެކު ސީޒަން ފެށި ކޯޗު އަހުމަދު ނާޝިދު (ނާދު) އެ ޓީމާ އެކު ހަދާފައިވާ އެއްބަސްވުން އުވާލުމުންނެވެ. މުހައްމަދު އިސްތިއުފާދިނުމުން ސާންތީ ޔުނައިޓެޑް ވިކްޓްރީއާ ހަވާލުވިއިރު، މިހާރު ހެޑް ކޯޗެއް ހޯދުމުގެ މަސައްކަތުގައި އުޅެނީ އީގަލްސް އެވެ. އީގަލްސްގެ ވަގުތީ ކޯޗަކަށް ހުރީ އެސިސްޓަންޓް ކޯޗު އަހުމަދު ނިމާދު (ނިމާ) އެވެ.

ސާންތީގެ ކޯޗުކަމުގައި ޔުނައިޓެޑް ވިކްޓްރީ ކުޅޭ ފުރަތަމަ މެޗަކަށްވެގެންދާނީ މާދަމާރޭ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅޭ މެޗެވެ.

2 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ގޭދޮސު މީހުން

20 January 2021

ހަމަ ޖެހޭނީ އެއްތާކު ލޮލޮ

The name is already taken The name is available. Register?

އާރީ

20 January 2021

ރަގަޅު ނިންމް މެއް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454