ކުޅިވަރު / ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް

މައްސަލަ ތަކުރާރު ވިޔަނުދޭން އިންމަ އަށް އޮތީ އިތުބާރު

ދަ ގްރާންޑޭގެ ޕްރެކްޓިހުގެ ތެރެއިން އިންމަ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މިދިޔަ އަހަރު އަލަށް ފުރަތަމަ ޑިވިޝަނުގައި ވާދަކޮށް ދަ ގްރާންޑޭ ސްޕޯޓްސް ކްލަބަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ މާލީ މައްސަލަތައް ކަމަށާއި އެކަން މި ފަހަރު ތަކުރާރު ވިޔަނުދޭން ކުރާ މަސައްކަތަށް އޮތީ ކުޅުންތެރިންނާއި މެނޭޖްމަންޓުން އެއް ބަޔަކު އަނެއް ބަޔަކަށް ކުރާ އިތުބާރު ކަމަށް ދަ ގްރާންޑޭގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) ބުނެފި އެވެ.

ދަ ގްރާންޑޭ އިން މިދިޔަ ސީޒަނުގައި ވެސް ލީގު ފުރަތަމަ މެޗުތަކުން ރަނގަޅު ނަތީޖާތަކެއް ނެރުނެވެ. އެކަމަކު ފަަސް ވަރަކަށް މެޗަށް ފަހު މާލީ މައްސަލަތައް ދިމާވެ "ފައިނޭންޝިއަލް ކްރައިސިސް"ގެ ތެރޭގައި ޓީމުގެ ރަނގަޅު ފޯމު ގެއްލުނީ އެވެ. މި ފަހަރުގެ ލީގުގައި މިހާތަނަށް ދަ ގްރާންޑޭ އިން ވަނީ ރަނގަޅު ނަތީޖާތަކެއް ނެރެފަ އެވެ. ވަރުގަދަ ޓީމުތައް އަތުން ޕޮއިންޓް ހޯދައި އެ ޓީމު ތިން ވަނައިގައި އޮތީ ހަ މެޗުން ލިބުނު ނުވަ ޕޮއިންޓާ އެކު އެވެ.

އިންމަ ބުނީ މިދިޔަ ސީޒަނުގައި އެ ދިމާވި މާލީ މައްސަލަތަކާ އެކު އެ ޓީމުގެ މެނޭޖްމަންޓުން ގިނަ ކަންތައްތަކެއް ދަސްކުރަން ޖެހުނު ކަމަށެވެ. އެ މެނޭޖްމަންޓަކީ ފުރަތަމަ ޑިވިޝަނުގައި ޓީމު ހިންގުމަށް އާ ބަޔަކަށްވީތީ ދިމާވާ މި ކަަހަލަ މައްސަލަތަކުގައި ހައްލެއް ހޯދަން އުނދަގޫވިކަން އިންމަ ފާހަގަކުރި އެވެ. އެކަމަކު ޓީމަށް ލިބޭ ފައިސާ މެނޭޖްކޮށް ކުޅުންތެރިންނަށް ދޭން ޖެހޭ އުޖޫރަ ދިނުމުގައި ލަަސްވި ކަމުގައި ވިޔަސް ބަރާބަރަށް ދޭތީ ދަ ގްރާންޑޭގެ ކުޅުންތެރިންނާއި މެނޭޖްމަންޓުގެ އިތުބާރު ރަނގަޅުކަމަށް އިންމަ ބުންޏެވެ.

"ކުޅުންތެރިން އިތުބާރުކުރާ ސަބަބަކީ އުޖޫރަ ލަސްވިޔަސް ކްލަބަށް ލާރި އަންނަ ފަރާތަކުން އައީމަ ހުރިހާ ކުޅުންތެރިންނަށް ދޭނެކަން. އެއީ ވަރަށް މުހިއްމު ކަމެއް. އެއީ ކޯޗަކަށް ހުންނައިރު ޓީމު އެކުލަވާލަން ބަލާއިރު ވެސް އޮންނަ ޔަގީންކަމެއް. މިދިޔަ ސީޒަނުގައި އެ ހިނގާދިޔަ ކަންތައްތައް މި ފަަހަރު ތަކުރާރުވިޔަ ނުދިނުން މުހިއްމު،" އިންމަ ބުންޏެވެ. "އަޅުގަނޑު ފާހަގަކޮށްލަން ބޭނުން މިދިޔަ ސީޒަނުގައި މި ޓީމަށް ކުޅުނު އެއްވެސް ކުޅުންތެރިއަކަށް ދޭންޖެހޭ އުޖޫރައެއް ނެތް،"

ދަ ގްރާންޑޭ އިން ފުރަތަމަ ބުރުގައި ކުޅޭ ފަހު މެޗުގައި މިރޭ ނުކުންނާނީ ލީގުގެ ފުލުގައި އޮތް ޔުނައިޓެޑް ވިކްޓްރީ (ޔޫވީ)އާ ދެކޮޅަށެވެ. އިންމަ ބުނީ ލީގުގެ އެއްވެސް މެޗެއް ފަސޭހަވާނެކަމަށް ނުދެކޭ ކަމަށެވެ.

"އެ ޓީމު (ޔުނައިޓެޑް ވިކްޓްރީ)ގައި ތިބި ކުޅުންތެރިންނަށް ބަލާކަމަށްވަންޏާ އެ ޓީމު އަންޑައެސްޓިމޭޓްކުރުމުގެ އެއްވެސް ޗާންސެއް އަޅުގަނޑުމެންނަކަށް ނެތް. އެންމެ މުހިއްމު ކަމަކީ ކުރިން މެޗުގައި ނުކުތް ވިސްނުމުގައި އެ މަސައްކަތުގެ ރޭޓް ތަކުރާރުކުރުން. އެ ވިނިން އެޓިޓިއުޑް 90 މިނިޓްގައި ހިފެހެއްޓުން،" ވެލެންސިއާ އަތުން ދަ ގްރާންޑޭ މޮޅުވި މެޗަށް އިޝާރާތްކޮށް އިންމަ ބުންޏެވެ.

ޔުނައިޓެޑް ވިކްޓްރީ އެންމެ ފަހުން ކުޅުނު މެޗަށް ފަހު އެ ޓީމުގެ ކޯޗަކަށް ހުރި މުހައްމަދު އާދަމް ވަނީ އިސްތިއުފާ ދީފަ އެވެ. ސީޒަން ފެށިއިރު ޔުނައިޓެޑް ވިކްޓްރީގެ އެސިސްޓަންޓަކަށް ހުރި އީގަލްސްގެ ކުރީގެ ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ) ވަނީ މި ސީޒަނުގެ ނިޔަލަށް ހެޑް ކޯޗެއްގެ ގޮތުގައި އެ ޓީމާ ހަވާލުވެފަ އެވެ. ޔުނައިޓެޑް ވިކްޓްރީ އަކީ ލީގުގެ ފުރަތަމަ ބުރުގެ ފަހު މެޗުތަކާ ކުރިމަތިލާއިރު މޮޅެއް ނުލިބި އޮތް ހަމައެކަނި ޓީމެވެ.

މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޔުނައިޓެޑް ވިކްޓްރީގެ އެސިސްޓަންޓް ކޯޗު އާދަމް އަބްދުލްލަތީފް (ލައްޗޭ) ބުނީ އެ ޓީމުން މިރޭގެ މެޗަށް ނުކުންނަނީ ކޮންމެ ގޮތެއް ހަދާފައިވިޔަސް ތިން ޕޮއިންޓް ނަގަން ކަމަށެވެ.

"ލީގު ސިސްޓަމަށް ކުޅޭއިރު ކޮންމެ ޓީމަކަށް ކޮންމެ މެޗަކުން ވެސް ޕޮއިންޓް މުހިއްމުވާނެ. އެހެންކިޔައިގެން މި ނުކުންނަނީ. މިހާރު ދެން ވަރަށް ރަނގަޅު ފާލުތަކެއް އެބަފެނޭ. ކުރިން ވެއްޖިއްޔާ ގޯލު ވެސް ނުޖެހޭ މިހާރު ޔޫވީ ގޯލު ވެސް އެބަޖަހާ. ދެން އަނެއްކާ ކޮޅަށް މި ވަންނަ އެތި މައިތިރި ނުކުރެވިގެން މި އުޅެނީ. ދެން ވިސްނަންވީ މި މެޗުން ފެށިގެން ވެސް ފުރަތަމަ އެ ލިބޭ ޗާންސްތައް ވެސް ބޭނުންކުރަން. އެކަން ކޮށްފިއްޔާ ޔޫވީ ރަނގަޅު ނަތީޖާ ނެރޭނެ،" ލައްޗޭ ބުންޏެވެ.

މިދިޔަ އަހަރުތަކުގައި ގިނަ ޓީމުތަކެއްގައި ކޯޗިން މަސައްކަތްކުރި ލައްޗޭ ބުނީ މުހައްމަދު އިސްތިއުފާ ދިން ނަމަވެސް ޔުނައިޓެޑް ވިކްޓްރީ އަށް މާ ބޮޑު އަސަރެއްނުކުރާނެ ކަމަށާއި އެއީ ޓީމާ ހަވާލުވި ސާންތީ އަކީ ޕްރީ ސީޒަން ފެށުނުއިރުއްސުރެން ޓީމާ އެކު މަސައްކަތްކުރަމުން އަންނަ ކޯޗެއް ކަމަށްވާތީ އެވެ. އަދި ސާންތީއާ އެކު ޓީމުގެ ހާލަތު ރަނގަޅުކުރެވޭނެ ކަމުގެ އިތުބާރު އެބައޮތް ކަމަށް ލައްޗޭ ބުންޏެވެ.

ޔުނައިޓެޑް ވިކްޓްރީ އާއި ދަ ގްރާންޑޭ ކުޅޭ މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ.

:

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 100%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454