އަހަރީ ދުވަސް ފާހަގަކުރަން ސިމްޑީން ކުރިއަށްގެންދިޔަ ލޭ ހަދިޔާ ކުރުމުގެ ކޭމްޕުގައި އެ ކުންފުނީގެ މުވައްޒަފުން ބައިވެރިވެ ލޭ ހަދިޔާ ކުރަނީ- ފޮޓޯ: ސިމްޑީ
01 ފެބުރުއަރީ 2021 - 14:27
ސިމްޑީގެ 20 ވަނަ އަހަރީ ދުވަސް ފާހަގަކުރަން މޯލްޑިވްސް ބްލަޑް ސާވިސަސްއާ ގުޅިގެން ލޭ ހަދިޔާކުރުމުގެ ކޭމްޕެއް ބާއްވައިފި އެވެ.
މި ކޭމްޕުގައި އެ ކުންފުނީގެ ގިނަ އަދަދެއްގެ މުވައްޒަފުންނާއި މެނޭޖްމަންޓުގެ އިސް ބޭފުޅުން ވަނީ ބައިވެރިވެ ލޭ ހަދިޔާ ކޮށްފަ އެވެ. މިއީ ސީއެސްއާރުގެ ދަށުން އެ ކުންފުނިން ކުރިއަށްގެންދިޔަ ހަރަކާތެކެވެ.
ލޭ ހަދިޔާ ކުރުމުގެ އިތުރުން ސީއެސްއާރުގެ ދަށުން ގޮނޑުދޮށް ސާފު ކުރުމުގެ ޕްރޮގްރާމެއް ވެސް ސިމްޑީން ބާއްވާނެ އެވެ. އެ ކުންފުނިން ބުނިގޮތުގައި ކޮވިޑް-19ގެ ސަބަބުން މި ޕްރޮގްރާމު ވަނީ ފަސްކޮށްފަ އެވެ.
އަހަރީ ދުވަސް ފާހަގަކުރުމަށް ސިމްޑީން ވަނީ ލޭ ހަދިޔާ ކުރުމުގެ އިތުރުން ތަފާތު އެކި ހަރަކާތްތައް ކުރިއަށްގެންގޮސްފަ އެވެ. އެގޮތުން، އެ ކުންފުނީގެ ހުރިހާ އޮފީހެއްގެ މުވައްޒަފުން ގުޅިގެން އަހަރީ ދުވަހުގެ ކޭކު ފެޅުުމުގެ ރަސްމިއްޔާތެއް ވެސް ވަނީ ބާއްވައިފަ އެވެ. ކޮވިޑް-19ގެ ސަބަބުން މި ރަސްމިއްޔާތު ބާއްވައިފައިވަނީ ވީޑިއޯ ކޯލު މެދުވެރިކޮށެވެ.
އަހަރީ ދުވަހުގެ ކޭކު ފެޅުމުގެ ރަސްމިއްޔާތުގައި ސިމްޑިގެ ހުރިހާ އޮފީހެއްގެ މުވައްޒަފުން ވާޗުއަލްކޮށް ބައިވެރިވަނީ-- ފޮޓޯ: ސިމްޑީ
މި ރަސްމިއްޔާތުގައި ސިމްޑީގެ އައްޑޫ އޮފީހާއި ރިސޯޓުތަކުގެ މުވައްޒަފުންގެ އިތުރުން ދުބާއީ އާއި ސްރީ ލަންކާގެ މުވައްޒަފުން ވެސް ބައިވެރިވި އެވެ.
ސިމްޑީން ވަނީ އެ ކުންފުނީގެ ސޯޝަލް މީޑިއާ ޕްލެޓްފޯމުތައް މެދުވެރިކޮށް ކަސްޓަމަރުންނަށް ހާއްސަކޮށްގެން ގިވްއަވޭ ޕްރޮމޯޝަންތަކެއް ވެސް ފަށައިފަ އެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ. މި ޕްރޮމޯޝަނުގެ ހަ ނަސީބުވެރިން އަންނަ ހަފުތާގެ އާދީއްތަ ދުވަހު އިއުލާނު ކުރާނެ ކަމަށް ސިމްޑީން ބުންޏެވެ.
ސިމްޑީގެ މުވައްޒަފުންތަކެއް ފޮޓޯއަކަށް ހުއްޓިލައިގެން-- ފޮޓޯ: ސިމްޑީ
މީގެ އިތުރުން އެ ކުންފުނީގެ ކަސްޓަމަރުންގެ ތެރެއިން ސިމްޑީގެ މޯބައިލް އެޕްލިކޭޝަން ބޭނުންކޮށްގެން ވިޔަފާރި ކުރާ ކަސްޓަމަރުންނަށް 20 ޕަސެންޓު ޑިސްކައުންޓު ލިބޭ ޕްރޮމޯޝަނެއް ވެސް ވަނީ ފަށައިފަ އެވެ. މި ޕްރޮމޯޝަން ވެސް ކުރިއަށްދާނީ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ.
ކަސްޓަމަރުންގެ އިތުރުން ސްޓާފުންނަށް ހާއްސަ ހަރަކާތްތަކެއް ވެސް ސިމްޑީން ވަނީ ކުރިއަށްގެންގޮސްފަ އެވެ. މީގެ ތެރޭގައި ވައިބާ މެދުވެރިކޮށް "ސިމްޑީ" ތީމުގެ "ޓްރިވިއާ" މުބާރާތެެއް ވަނީ ބާއްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy