ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިއަކުން ބަޔަކު ކަނޑޫދޫ މިރުސް ގަންނަނީ-- ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
12 އެޕްރީލް 2021 - 15:25
ކޮންމެ އަހަރެއްގެ ރޯދަ މަހު އެންމެ ޑިމާންޑު ބޮޑުވާ އެއް ބާވަތަކީ މިރުހެވެ. މީގެ ތެރެއިން ވެސް ގިނަ ބަޔަކަށް އެންމެ ކަމުދާ ކަނޑޫދޫ މިރުހުގެ އަގު ވަކިން ބޮޑުވެ އެވެ. މީގެ ކުރިން ރޯދަ މަހު މީގެ މިރުސް ކިލޯއެއްގެ އަގު 1،000ރ. އިން މައްޗަށް ވެސް ދިޔަ އެވެ.
މިއަދު ދަތުރުވެރިންގެ މާރުކޭޓުގައި ކަނޑޫދޫ މިރުސް ކިލޯއެއްގެ އަގު ހުރީ 470ރ. އާއި 580ރ. އާ ދެމެދުގަ އެވެ. ރޯދަ މަސް މާދަމާ ފެށޭއިރު އަގުތަކަށް އައިސްފައިވާ އުފުލުމަށް ބަލާއިރު، މީގެ ކުރިން ރޯދަ މަހު 2،000ރ. އަށް ވެސް އަގު އެރި މި މިރުހުގެ އަގު ހުރީ ވަރަށް ދަށްކޮށެވެ.
އެންމެ ފަހުން ކަނޑޫދޫ މިރުހުގެ އަގު އެހާ ބޮޑަށް އުފުލުނީ ހޫނުވުމުގެ ސަބަބުން ދަނޑުތައް ހަލާކުވެ މިރުސް މަދުވުމުންނެވެ.
ދަތުރުވެރިންގެ މާރުކޭޓުގައި ވިޔަފާރިކުރާ މީހަކު ބުނި ގޮތުގައި މިއީ މިވަގުތު ކަނޑޫދޫ މިރުސް ވިއްކޭނެ އެންމެ ހެޔޮ އަގެވެ. އެގޮތުން، ކަނޑޫދޫން މާލެއަށް މިރުސް ގެންނަން ވެސް ބޮޑު ހަރަދެއް ކުރަން ޖެހޭ ކަމަށް އޭނާ ބުންޏެވެ.
މާރުކޭޓުގައި މިރުސްތަކެއް ވިއްކަން ބަހައްޓާފައި-- ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
ކަނޑޫދޫން މިހާރު މިރުސް ކިލޯއެއް ލިބެން ހުރީ 300ރ. އަށެވެ. ނަމަވެސް އެ ރަށާ ކައިރީގައި އެއާޕޯޓެއް ނެތުމުން އެންމެ ކައިރީ އޮންނަ އެއާޕޯޓަކަށް މިރުސް ގެންދަން ބޮޑު ހަރަދެއް ކުރަންޖެހެ އެވެ.
"މިހާރު ކަނޑޫދޫން އެންމެ ކައިރީ އޮންނަ އެއާޕޯޓަށް މިރުސް ގެންދަން އެބަ ޖެހޭ ލޯންޗެއް ހިފަން. އެއީ 5،000ރ. ދެން އެއާޕޯޓުން ކިލޯއަކަށް ނަގާނެ 18ރ. އަދި ކޮބާ މިކޮޅަށް އައިމާ އެއާޕޯޓުން މިތަނަށް ގެންނަން ދާ ހަރަދު،" އެ މީހާ ކިޔައިދިނެވެ.
ކަނޑޫދޫގެ ދަނޑުވެރިއެއް ކަމަށްވާ ސޯލިހު ހަސަން "މިހާރު" އަށް ބުނީ އެހެން އަހަރުތަކުގެ ރޯދަ މަހާ އަޅާބަލާއިރު މިއަހަރުގެ ރޯދަ މަހު ދަނޑުވެރިކަން ވަރަށް ރަނގަޅު ކަމަށެވެ. އަދި މިރުސް ފަދަ ތަކެތި ރޯދަ އަށް ފުދޭ ވަރަށް ސަޕްލައިކުރުމަށް ފަހު ބާކީ ވެސް ހުންނާނެ ކަމަށް އޭނާ ބުންޏެވެ.
"މި އަހަރު ވާވަރަށް ސަޕްލައި ކުރެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް. މި ރަށުގެ ހުރިހާ ދަނޑުވެރިން އަދިވެސް މިދަނީ މިރުސް ހައްދަމުން. އެހެންކަމުން މި ރޯދަ މަހު ދަތިކަމެއް ނެތި މިރުސް ލިބޭނެ،" ސޯލިހު ބުންޏެވެ.
މި ރޯދަ މަހު ކަނޑޫދޫ މިރުހުގެ އަގު އުފުލިގެން ނުދާނެ ކަމުގެ ޔަގީންކަން ވިޔަފާރިވެރިންނާއި އެ ރަށުގެ ދަނޑުވެރިން ވެސް ވަނީ ދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޯކަނޑޫދޫ ބޮޑުކުޑޭ
15 April 2021
މިފަ މާތް މަސްވަރެއްގައި ތިފަދަ ދޮގު މައުލޫމާތެއް ދިނީ ކާކުބާ ކަނޑޫދޫ އިން ތިމަރަފުއްޓަށް / ކުޑަހުވަދުއަށް 5000ރ ތޯ؟
ވަާނުވަާ
13 April 2021
ރޯދަ މަހު އެކަނި ތަ ލަާންޗް ގަ ދަތުރު ކުރަނީ މިރުސް ހިފައި ގެން ...މިީގެ ދެ ހަފްތާ ވަރު ކުރީން ފަނަރަ ރުފިޔަާ ޢަޢް ސަތޭކަ ގުރާމް ލިބުނިީ ކަނޑު ބޯޓު ގަ ގެނައިމަ ދޯ...
ރަދީފްއޮފިޝިއަލް
12 April 2021
ތަމެން ތިޔާ އޮވަހެޑް ކޮސްޓް ލައިގެން ވެސް ތިޔަ ވިއްކަނީ އަގުބޮޑުކޮށޭ ނުބުނަން މަމެން ނެތިން.ތަމެން މިއަދު ކިލޯއެއް 600 ރުފިޔާއަށް ވިއްކާފަ މާދަމާ ކިލޯއެއް 2000 ރުފިޔާއަށް ވިއްކަންވެސް ފަސްނުޖެހޭނެކަން ކޮންސިއުމަރުންނަށް އެނގޭ.ވ.ވެދުން
ޭަރަދީފް އެލީޓް
12 April 2021
ބުރޯ އޯކޭތަ؟