ކުޅިވަރު / މުހައްމަދު ޝިޔާޒު (މޯހަން)

ސަސްގެ ކުޅުންތެރިންނާ މެދު މާބޮޑަށް އުންމީދުކުރެވި ގޯސްތަކެއް ހެދުނު: މޯހަން

ސުޕަ ޔުނައިޓޭޑް ސްޕޯޓްސްގެ ކޯޗް މޯހަން

22 އެޕްރީލް 2021 - 20:17

ކުޅުންތެރިންގެ ފެންވަރަށް ވުރެ މަތިން އެ ކުޅުންތެރިންނާ މެދު އުންމީދު ކުރެވި، މެޗަށް ޓީމު ރޭވުމުގައި ގޯސްތަކެއް ހެދިފައިވާ ކަމަށް، ސުޕަ ޔުނައިޓެޑް ސްޕޯޓްސްގެ ކޯޗް މުހައްމަދު ޝިޔާޒު (މޯހަން) ބުނެފި އެވެ.

ޖެނުއަރީ 19 ގައި ސަސްގެ ކޯޗް ކަމާ ހަވާލުވި މޯހަންގެ ބެލުމުގެ ދަށުން އެ ޓީމުން ވަނީ ހަތް މެޗު ކުޅެފަ އެވެ. ޓީމާ ހަވާލުވިތާ ގިނަ މުއްދަތެއް ފާއިތުވި ނަމަވެސް ޓީމާ އެކު ޕްރެކްޓިސް ކުރަން ލިބުނު ވަގުތު މަދުކަން މޯހަން ފާހަގަކުރެ އެވެ.

ކޮވިޑް-19 ގެ ނުރައްކާ މާލޭގައި ބޮޑުވާން ފެށުމުން، ފުޓްބޯޅައިގެ ހުރިހާ ހަރަކާތްތައް މެދުކާނޑަލަން އެޗްޕީއޭއިން އެންގުމުން ފެބްރުއަރީ ތިން ވަނަ ދުވަހު ލީގު މެދުކަނޑާލުމުގެ ކުރިން، މޯހަންއަށް ސަސްގައި ކޯޗް ކޮށްދެވުނީ ތިން މެޗުގަ އެވެ. ގާތްގަނޑަކަށް 50 ދުވަހަށް ފަހު މިދިޔަ މަހުގެ 26 ވަނަ ދުވަހު ލީގުގެ ކުޅުން އަލުން ފެށި އެވެ.

މެޗަކުން ބަލި ނުވެ، އޭނާގެ ބައްޕަގެ ކްލަބު، ނިއު ރޭޑިއަންޓަށް ދިވެހި ލީގުގެ ޗެމްޕިއަންކަން 2012 ގައި ހޯދައިދިން ކޯޗް ބުނީ، ސަސްގެ ކުޅުންތެރިންގެ ލެވަލް އޭނާއަށް މިނެކިރުނީ ކުރިން އޭނާ މަސައްކަތް ކޮށްފައި ހުރި ޓީމްތަކުގެ ސްކޮޑްތަކާ އެއް ލެވަލްއެއްގައި ކަމަށެވެ.

"އަޅުގަނޑަށް ހީވަނީ އަޅުގަނޑަށް (ސަސްގެ ޓީމު) މިނެކިރާލެވެނީ އަޅުގަނޑު ކުރިން ގެންގުޅެފައި ހުރި ސްކޮޑުތަކާ އެއް ލެވަލެއްގައިހެން،" މާދަމާ ރޭ ދަ ގްރާންޑޭ އާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން މޯހަން ބުންޏެވެ.

އެހެންވެ ސަސްގެ ޓީމާ މެދު އޭނާއަށް އުންމީދު ކުރެވެނީ އެ ކުޅުންތެރިންގެ ލެވަލަށް ވުރެ މަތިކޮށް ކަމަށް މޯހަން ބުންޏެވެ. އޭނާ ބުނީ ސަސްގެ ހުރިހާ ކުޅުންތެރިންގެ ފެންވަރު އެކީއެކައްޗަކަށް އަދިވެސް އެނގިފައި ނުވާތީ، ޓީމު ރޭވުގައި އުނދަގޫތަކެއް އެބަ ހުރި ކަމަށެވެ.

"އަޅުގަނޑަށްވެސް މިސްޓޭކްތަކެއް ހެދިފައި އެބަހުރި. ފަހުން މެޗު ބަލާލަފައި ވިސްނާލިއިރު އަޅުގަނޑަށް ވެސް އެނގޭ އަޅުގަނޑަށް ވެސް އެބަހުރިކަން މެޗު ތެރޭގައި މިސްޓޭކުތަކެއް ހެދިފައި،" މޮޅުވުމުގެ އުނދަގޫ ކުރިމަތި ވެފައިވާ ސަސްގެ ކޯޗް މޯހަން ބުންޏެވެ.

"ނޫނިއްޔާ މެޗަށް ތައްޔާރުވާއިރުގައި ޓެކްޓިކަލީ ހެދިފައި ހުރި މިސްޓޭކުތަކެއް އެބަހުރި. އެކަންކަމަށް ވަރަށް އެބަ ވިސްނަން. އެހާ ކުޑަ މުއްދަތެއްގެ ތެރޭގައި މެޗުތަކަށް އެވަރަށް ބަދަލު ގެންނައިރުގައި އެ ކުޅުންތެރިންނަށް (ގޭމްގެ ޕްލޭން) ނަގައިގަނެގެން މެޗަށް އެ އެޕްލައި ކުރަން އުނދަގޫވާކަން ވަރަށް ބޮޑަށް ފާހަގަ ކުރެވިގެން ދިޔަ ފަހު މެޗުގައި."

ސަސް އެންމެ ފަހުން ކުޅުނު މެޗުގައި، ޔުނައިޓެޑް ވިކްޓަރީ އަތުން ބަލިވީ 5-1 ބޮޑު ނަތީޖާ އަކުންނެވެ. މޯހަން ބުނީ ކުޅުންތެރިންގެ ލެވަލްއަށް ވިސްނައިގެން ގޭމް ބައްޓަން ކުރަން އޭނާ މަސައްކަތް ކުރާނެ ކަމަށެވެ.

"ޓެކްނިކަލީ އެ ލެވަލަށް އެ ކުޅުންތެރިން ނުދާތީ ކަންނޭންގެ އެ އެއްޗިހިތައް [މެޗުގެ ޕްލޭންތައް] އަޅުގަނޑަށް ބޭނުން ނުކުރެވި މިދަނީ،" މޯހަން ބުންޏެވެ. "މި ކުޅުންތެރިންގެ ފެންވަރަށް ބިނާކޮށް ޖެހޭނީ ޓީމު ސެޓް ކުރަން ހަގީގަތުގައި. އެހެންވީމަ އެކަން އަޅުގަނޑު ކުރަން އެބަޖެހޭ އެގޮތަށް. އެކަމަށް ވަރަށް ބޮޑަށް ވިސްނަން."

ދެ ވަނަ ބުރުގެ ފަހު ހަފުތާގެ މެޗުތަކާ ހަމައަށް އައިރު މޯހަންގެ ކޯޗް ކަމުގެ ދަށުން ސަސް އިން ވަނީ ޖުމުލަ ހަތް މެޗު ކުޅެފަ އެވެ. ހަތް މެޗުން އޭނާއަށް ހޯދުނީ ފަސް ޕޮއިންޓެވެ. އެ ޓީމުގެ ކުރިގެ ކޯޗް އަހްމަދު ނާޝިދު (ނާދު) ގެ ކޯޗް ކަމުގެ ދަށުން ކުޅުނު ހަ މެޗުގައި ސަސްއިން ހަތް ޕޮއިންޓް ހޯދި އެވެ.

އެ ހަ މެޗުގެ ތެރެއިން ނާދު ބަލިވީ މާޒިޔާ އަތުން އެކަންޏެވެ. މޯހަންގެ ހަތް މެޗުގެ ތެރެއިން ހަތަރު މެޗުން ވަނީ ބަލިވެފަ އެވެ. މާދަމާ ރޭ ދަ ގްރާންޑޭ އާ ދެކޮޅަށް ކުޅޭ މެޗުން މޮޅެއް ހޯދަން މަޖުބޫރު ކަމަށް މޯހަން ބުންޏެވެ. އޭނާ ބުނީ މޮޅަކާއެކު ދެ ވަނަ ބުރު ނިންމާ ލެވިއްޖެނަމަ ތިން ވަނަ ބުރަށް ދާއިރު ބޮޑު ހިތްހަމަ ޖެހުމެއް ލިބޭނެ ކަމަށެވެ. އަދި މާދަމާ ރޭ މޮޅުވެއްޖެނަމަ ލީގުގައި ރަނގަޅު ހިސާބެއްގައި އޮންނަން ތަނަވަސް ފުރުސަތެއް ހުޅުވޭނެ ކަމަށް މޯހަން ބުންޏެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 50%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454