ޚަބަރު / މީހުން

ހަލަފްގެ ތަރި އޮއްސުމެއް ނެތް

ހަލަފް--

މުހައްމަދު ހަލަފް ހާފިޒުގެ ހުނަރުތަކުގެ ވާހަކަ ދައްކާ ހުހެއް ނުވާނެ އެވެ. ސްކޫލު ކުދިންގެ ލަވަ މުބާރާތުން ފެށިގެން، ޕީއެސްއެމް މަދަހަ މުބާރާތުން ވެސް ފަހުރުވެރި ވަނަތައް އޭނާ ހޯދި އެވެ. ޓީވީއެމްގެ ކުޑަކުދިންގެ ޓީވީ ޕްރޮގްރާމުތައް ޕްރެޒެންޓްކުރަން ފެށި ހަލަފް، މި ރޯދަ މަހުގެ ހަވީރު ވީޓީވީ އިން ދައްކާ ޝޯއެއް ވެސް އަންނަނީ ޕްރެޒެންޓް ކުރަމުންނެވެ.

ހަލަފް، 17، އެންމެ ފުރަތަމަ ފެނިގެންދިޔައީ ޖަމާލުއްދީން ސްކޫލުގެ ގްރޭޑް ތިނެއްގައި އޭނާ ކިޔަވަން އުޅުނު އިރެވެ. މުބާރާތުގައި ބައިވެރިވާން އޭނާއަށް ފުރުސަތު ލިބުނީ ބައިވެރިވާން ޝައުގުވެރިވާ ކުދިންގެ މެދުގައި ބޭއްވި އޮޑިޝަނެއްގައި ބައިވެރިވެ، ގަދަ ފަސް ކުދިންގެ ތެރޭގައި ހިމެނިގެންނެވެ.

އެ އޮޑިޝަން ކާމިޔާބުކޮށް، އިންޓަ ސްކޫލު ލަވަ މުބާރާތުން ހަލަފް އެންމެ ފުރަތަމަ ފެނުނީ އުމުރުން ނުވަ އަހަރުން ދަށުގެ އުމުރުފުރާ އިންނެވެ. ހަލަފްގެ ފެށުން ވަރަށް ރަނގަޅެވެ. އެ އުމުރުފުރާ އިން އޭނާ ވަނީ އެއް ވަނަ ހޯދައިފަ އެވެ.

"މަންމަ ބުނި ގޮތުގަ ވިއްޔާ ހަލަފް ކުޑަައިރު ވަރަށް ރީއްޗަށް ގުރުއާން ކިޔަވާ ހަދާ. އެހެންވެ މަދަހަ އެއްޗެހި ވެސް ކިޔޭތީ އެ ބުރު އޮޑިޝަންގައި ބައިވެރިކުރީ. ހޮވޭނެ ކަމަށް ހީކޮށްގެނެއް ވެސް ނޫން ބައިވެރިކުރުވީ،" މަންމަގެ އެހީއާ އެކު ހަލަފް މުބާރާތްތަކުގައި ބައިވެރިވާން ފެށި ގޮތް ކިޔައިދެމުން ބުންޏެވެ.

ހަލަފް ސްޓޭޖުމަތިން އިނާމާ ހަވާލުވަނީ--

ޖެހިޖެހިގެން ފަސް ވަރަކަށް އަހަރު މެދުނުކެނޑި ބާއްވަމުން އައި ލަވަ/މަދަހަ މުބާރާތްތައް މެދުކެނޑުނީ 2017 ވަނަ އަހަރުގަ އެވެ. އޭގެ ކުރިން އޮތް ކޮންމެ މުބާރާތެއްގައި ހަލަފް ބައިވެރިވަމުން އައިއިރު 2013 އާއި 2014 ގައި އޭނާއަށް އެއްވެސް ވަނައެއް ލިބިފައެއް ނުވެ އެވެ.

"އެ ދެ ފަހަރު ވަނައެއް ނުލިބުނަސް، ބެސްޓް ފައިވްއަށް ދިޔަ."

ޖެހިޖެހިގެން ދެ އަހަރު އޭނާއަށް އެއްވެސް ވަނައެއް ނުލިބުމުން، މާޔޫސް ވިޔަސް، ހުއްޓާ ނުލައި ކުރިއަށް ދިޔުމުގެ ނަތީޖާއަކީ 2015 ވަނަ އަހަރު އޮތް އިންޓަ ސްކޫލު ލަވަ މުބާރާތުން 13 އަހަރުން ދަށުގެ އުމުރުފުރާ އިން އެއް ވަނަ އަދި މުޅި މުބާރާތުން ތިން ވަނަ ލިބުމެވެ. އެ ފަހަރު އޭނާ ވަނީ އެންމެ މޮޅު ޅެންވެރިކަމުން ތިން ވަނަ އާއި އެންމެ މޮޅު ރާގުން ވެސް ތިން ވަނަ ހޯދައިފަ އެވެ.

ހަލަފް މުބާރާތެއްގައި ލަވަ ކިޔަނީ--

ސްކޫލުތަކުގެ މެދުގައި ބޭއްވި ލަވަ މުބާރާތުގެ އިތުރުން، އޭނާ ވަނީ މަދަހަ މުބާރާތުން ވެސް ފެނިފަ އެވެ. އެގޮތުން ގްރޫޕް މަދަހަތަކުންނާއި ވަކިން ވެެސް ޖަމާލުއްދީން ސްކޫލު ތަމްސީލުކޮށްފައިވާއިރު ހަލަފް ވަނީ އެ މުބާރާތްތަކުން ވެސް ކާމިޔާބު ވަނަތަކެއް ހޯދައިފަ އެވެ.

ހަލަފަށް 2015 ވަނަ އަހަރު ވަނީ 13 އަހަރުން ދަށުގެ އުމުރުފުރާ އިން އެއް ވަނަ އަދި މުޅި މުބާރާތުން ތިން ވަނަ ލިބިފަ އެވެ.

ހަލަފްގެ އަޑު އިވިފައި ވަނީ ހަމައެކަނި ލަވަ މުބާރާތާއި މަދަހަ މުބާރާތަކުން ނޫނެވެ. ސްކޫލުގައި އޮންނަ ތަފާތު އެކި ހަރަކާތްތަކުގައި އޭނާ ބައިވެރިވެ އެކި ވަނަތައް ހޯދާފައި އެބަހުއްޓެވެ.

"އޭގެ ފަހުން މުބާރާތެއް ނެތް. އެކަމަކު ސްކޫލު ފަންކްޝަންތަކުގަ ވެސް ހަމަ ލަވަ އާއި މަދަހަ ވެސް ކިޔަން. ދެން ސްކޫލުގައި ގްރުއާން ވެސް ކިޔެވިން. ރައިވަރު ވެސް ބަނދި ވެސް ކިޔައިފަ ހުންނާނީ ދިވެހި ދުވަސްތަކުގައި. އަދި އެއިން ވެސް ވަނަތައް ލިބިފަ އެބަހުރި ހަލަފްއަށް،" ހަލަފް ބުންޏެވެ.

ހަލަފް ބުނި ގޮތުގައި ޕީއެސްއެމް މަދަހަ މުބާރާތާއި ލަވަ މުބާރާތް މެދުކަނޑާލިޔަސް، އޭނާގެ އަޑެއް ނުކެނޑެ އެވެ. ސްކޫލުން ވަނީ އޯލެވެލް ނުވަތަ އޭލެވެލް ޖަލްސާތަކާއި އަދިވެސް ބޮޑެތި ހަފްލާތަކުގައި ގައުމީ ލަވަކިޔަން އޭނާއަށް ފުރުސަތުދީފަ އެވެ.

ޕީއެސްއެމުން ހަލަފް ގެއްލުނުތާ ހަ އަހަރު ފަހުން އޭނާ މިވަނީ އެ ޗެނަލަށް ވެސް އަނބުރާ އައިސްފަ އެވެ. އެއީ ޕީއެސްއެމުން ރޯދަ މަހާ ދިމާކޮށް ގެނެސްދޭ "ނިކަން ލޯބިން" ޕްރޮގްރާމު މެދުވެރިކޮށެވެ. އެ ޕްރޮގްރާމުގައި އޭނާ ވަނީ ލަވަ އާއި މަދަހަ ކިޔައިފަ އެވެ.

"މުބާރާތްތައް މެދުކެނޑުން ފަހުން މިއީ އެންމެ ފަހުން ފެނުނު ފަހަރު. އޭރު 2015 ވަނަ އަހަރު އެންމެ ފަހުން މަދަހަ މުބާރާތަށް އެރީ. އެކަމަކު ސްކޫލު ފަންކްޝަންތަކުން ފެނިފަ ހުންނާނީ. ދެން ގައުމީ ލަވަތަކުގެ ރެކޯޑިން ހަދާފައި ހުންނަނީ."

ލަވަ އާއި މަދަހަ ކިޔުމުގެ އިތުރުން ސްކޫލު ދައުރުން ފެށިގެން އޭނާ އަންނަނީ ޓީވީ ޕްރެޒެންޓަރެއްގެ ގޮތުގައި ވެސް މަަސައްކަތްކުރަމުންނެވެ. އެގޮތުން ގްރޭޑް ހައެއްގައި އުޅެމުން އެންމެ ފުރަތަމަ ކުޑަކުދިންގެ ޕްރޮގްރާމު ހުށަހަޅައިދޭން ފެށީ ޓީވީއެމްގަ އެވެ. އަދި މި އަހަރުގެ ރޯދަ މަހުގެ އޭނާ އަންނަނީ ވީޓީވީން ހަވީރު ގެނެސްދޭ ޕްރޮގްރާމެއް ވެސް ހޯސްޓްކުރަމުންނެވެ.

"އެބަ ހުރި ވަރަށް ޗާންސް ލިބިފައި. ފެނިދާނެ އެހެން ޓީވީ ޗެނަލަކުން ވެސް ކުރިއަށް އޮތް ތަނުގައި."

މި ކަންކަން ހަލަފް ކުރަމުން އަންނަނީ އާމްދަނީ ހޯދުމަށް އިތުރު މަސައްކަތް ވެސް ކުރަމުންނެވެ. އެގޮތުން މިވަގުތު އޭނާ މަސައްކަތް ކުރަމުން އަންނަނީ ޓްރީޓޮޕް ހޮސްޕިޓަލުގެ ފްރޮންޓް އޮފީހުގަ އެވެ.

ލަވަ އާއި މަދަހަ ކިޔަން ކިތަންމެ ވަރަކަށް ޝައުގުވެރިކަން ހުއްޓަސް، އެކަހަލަ ދާއިރާއަކުން ކުރިއަށް ދާން އޭނާގެ އެއްގޮތަކަށް ވެސް ވިސްނުމެއް ނެތެވެ.

"ހަލަފް ބޭނުންވަނީ މީހުން ބަލައިގަންނަ މީހަކަށް ވާން ބޮޑުވެގެން. އެކަމަކު ކުރިއަށްދާނެ ދާއިރާ އަދި ފައިނަލް ނުކުރެވިގެން ހަލަފްއަށް މިއުޅެނީ،" އޭނާ ބުންޏެވެ.

އެންމެ ކުޑައިރުން ފެށިގެން ހަލަފްގެ ތަަފާތު ހުނަރުތައް އޭނާ އެންމެނަށް ދައްކާލަމުން އަންނައިރު މިއީ ޒުވާނުންނަށް ހުރި މިސާލެކެވެ. ސްކޫލުގައި އުޅެމުން ވެސް ހަރަކާތްތަކުގައި ބައިވެރިވެ ކިޔެވުމުން ވެސް ރަނގަޅު ނަތީޖާއެއް ގެނެސްދެވިދާނެކަން ހަލަފް އޮތީ ސާބިތުކޮށްދީފަ އެވެ.

ހަލަފް--

ހަލަފްގެ ނަސޭހަތަކީ ލިބޭ އެންމެ ކުޑަ ފުރުސަތުގެ ވެސް ބޭނުން ހިފައިގެން މީހުން ކުރިއަށް ދިއުމެވެ. އޭރުން ކާމިޔާބު ލިބޭނެ ކަމަށް އޭނާ ދެކެ އެވެ.

5 ކޮމެންޓް, 14 ރިއެކްޝަންސް

icon happy icon happy 7%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 14%
icon inlove icon inlove 79%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ގެދާނޯމޮސް

27 April 2021

ދިވެހިންނަށް ލަވައިގެ ވާހަކަ އިވޭއިރަށް ހަރާން ކަމެއްގެ ގޮތުގަ ދެކުނަސް އެކަމަކީ ހަރާން ކުރުވާފަ ވާކަމެއްނޫނެވެ. ހަރާމް ހަލާލް ނޭންގި ދުނިޔެއައި އާޚިރަތް ދަސްވީކަމުގަ ނުވާނެތެވެ. ހަލަފްގެ އެލަވައިގައި އޭނާ ނޯޓްސްތަށް ކިޔުމުގައި އޭނާޔަށް ގުދުރަތުން ލިބިފައިވާ އެވާ ( އާރް.ޕީ.އާރް ) ގެ ނަސީބަކީ އޭނާ ހުށަހަޅާދޭ ކޮންމެ ކަމެއްގެ ކާމިޔާބެވެ. މީގެ އެއްހަގީގަތަކީ ދޫބޭނުން ކުރަން ލިބެގެންވާ ނަސީބެވެ.

The name is already taken The name is available. Register?

ހޭވިހަޑި

27 April 2021

ޕްރެޒެންޓް ކުރުމުގާ ކުޑަމައްސަލައެއް އެބައުޅޭ. ވެދާނެ ތަންކޮޅެއް ޅަވީމާ ވާގޮތެއްކަމަށްވެސް. އެކަމަކުވެސް ފިރިހެންކުދިން ފިރިހެންވަންތަކޮށްއުޅެން ދަސްކުރާށެވެ. މިހާރު ފެށީމާ އެކަންވެސް ރަނގަޅުކުރެވޭނެ. ގިނަދުވަހު އެކަމަށް ނުވިސްނާ އުޅެފިނަމަ ފަހުން އުނދަގޫތަކާ ކުރިމަތިވެދާނެ. ތީ ސަޅި މުސްތަގްބަލެއްގެ ވެރިއެއް.

The name is already taken The name is available. Register?

އާނިސާ

27 April 2021

ތެދެއް. އެކަމް ސުވާލަކީ އަން ހެނަކަށް ފިރިހެނަކަށް ވެވިދާނެ ހޭ. އަދި ފިރި ހެނަކަށް އަން ހެނަކަށް ވެވިދާނެ ހޭ. އުފެދުމުގައި ފިރި ހެނުންގެ އަން ހެން ހޯމޯންސް އަދި އަން ހެނުންގެ ފިރި ހެން ހޯމޯންސް އިތުރުވެގެން ވާ ކަމެއް އެއީ. ފިރިހ ހެނުން އުޅޭގޮތަށް ޕްރެކްޓިސް ކޮއްގެން އުޅެވިދާނެ. އެކަމް ފިރިހ ހެނުންގެ އެ ނުކުންނަ އަން ހެން އަޑަށް ބަދަލު ގެންނާނީ ކި ހިނެއް. ދެން ތިބުނަނީ ނުކުޅެދޭ ކުދިންވެސް ކުޅެދޭ މީ ހުން ހެން އުޅުނީމަ ކުޅެދޭ މީ ހުނަށް ވާނެޔޭތަ؟

The name is already taken The name is available. Register?

ހޭވިހަޑި

28 April 2021

އާނިސާއަށް ތިޔަވިސްނުނީ އަހަރެން ބުނަން ބޭނުންވެ އަދި ކަންކަން ރަނގަޅުކުރުމަށް ހިތްވަރުދިން ގޮތަކަށްނޫން. ފިރިހެންކުދިންގެ އަންހެންއަޑު ނުކުތަސް، އެއަޑު ބޭނުންކުރުމުގާ ވިސްނައިގެން ބޭނުންކުރީމާ ތަފާތު ފެންނާނެ. އަދި އެއަޑަށް ބަދަލުވެސް އަންނާނެ. ލިބިފާވާ އަޑޭކިޔާފާ ތިމާ އެކަން ރަނގަޅުކުރަން މަސައްކަތްނުކޮށް ހުރުމީ ރަނގަޅުގޮތެއްނޫން. ބަދަލުވާނެ. ބަދަލުވެސް ފެންނާނެ.

The name is already taken The name is available. Register?

ފުންއަސަރު

27 April 2021

ހިތްވަރާއެކު މަސައްކަތް ކުރާ ކުއްޖަކަށް އުނދަގޫ ކަމެއް ނެތެވެ. ލިބޭފުރުސަތުގެ ބޭނުން ހިފާށެވެ. ތާއަބަދަކު އެފަދަ ފުރުސަތެއް ނުލިބޭނެއެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454