އާސެނަލްގެ ފޯވާޑް އަލެކްސިސް ސަންޗޭޒް.-- ފޮޓޯ: އޭއެފްޕީ
17 ނޮވެމްބަރ 2016 - 09:02
ލަންޑަން (ނޮވެމްބަރު 17) - ޗިލީ އެންމެ ފަހުން ކުޅުނު ވޯލްޑް ކަޕް ކޮލިފައިން މެޗުގައި އަލެކްސިސް ސަންޗޭޒް އަނިޔާގައި ހުރެ ކުޅުމުން އޭނާގެ ކްލަބް އާސެނަލްގެ ކޯޗު އާސެން ވެންގާ ރުޅިގަދަވެއްޖެ އެވެ.
ވޯލްޑް ކަޕް ކޮލިފައިންގައި އަންގާރަ ދުވަހުގެރޭ ސަންޗޭޒް ވަނީ އުރުގުއޭ އަތުން 3-1 އިން ޗިލީ މޮޅުވި މެޗުގައި ކުޅެފަ އެވެ. އިންޖެކްޝަން ޖަަހައިގެން ސަންޗޭޒް ކުޅުނުއިރު އޭނާ ވަނީ ދެ ލަނޑު ޖަހައިފަ އެވެ.
އެއްކޮށް ފިޓްނުވެ ހުރެ ސަންޗޭޒް ދެއްކި މޮޅު ކުޅުމަށް ޗިލީގެ ކޯޗު ހުއާން އެންޓޯނިއޯ ޕިއްޒީ ވަނީ ތައުރީފްކޮށްފަ އެވެ.
ސަންޗޭޒް ފައިގެ ފަލަމަސްގަނޑަށް އަނިޔާވީ މިދިޔަ ހަފްްތާގައި ޗިލީގެ ފަރިތަކުރުންތަކުގެ ތެރެއިންނެވެ. އޭގެ ސަބަބުން މިދިޔަ ހަފްތާގައި ކޮލިފައިންގައި ކޮލަމްބިއާއާ ދެކޮޅަށް ޗިލީ ކުޅުނު މެޗުގައި ސަންޗޭޒް ނުކުޅެ އެވެ.
ހޮނިހިރު ދުވަހު ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނަން ތައްޔާރުވެފައިވާ އާސެނަލްގެ ކޯޗު ވެންގާ ބުނީ ސަންޗޭޒް އަނިޔާގައި ހުއްޓައި އޭނާ ލައްވައި ކުޅުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
"ގައުމީ ޓީމަށް ކުޅުންތެރިން ދޫކުރާއިރު އެބަ ވިސްނަން ޖެހޭ ކުޅުންތެރިޔާ އަށް ވެސް. އަނިޔާގައި ހުރެ ސަންޗޭޒަށް ގައުމީ ޓީމަށް އެއް މެޗު ކުޅެވިދާނެ. އެކަމަކު ދެން ކްލަބަށް އައިސް އޭނާ އަށް ގިނަ މެޗު ގެއްލޭނެ. ކުރިއަށް ހުރީ މުހިއްމު މެޗުތައް. ގައުމީ ޓީމަށް ކުޅެގެން ކްލަބަށް ގެއްލުން ވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން. އެއީ ކުޅުންތެރިޔާ އަހަރުގެ ބޮޑު ބައި ހޭދަކުރާނީ ކްލަބުގައި،" ވެންގާ ބުންޏެވެ.
ވެންގާ ބުނީ ކުރިއަށް ހުރި މެޗުތަކުގައި ސަންޗޭޒް ބޭނުންކުރާނީ އޭނާ އެއްކޮށް ފިޓްވެއްޖެ ނަމަ ކަމަށެވެ. މިއަދުގެ ވަގުތެއްގައި ސަންޗޭޒް ޓީމާ ގުޅޭއިރު އޭނާގެ ޓެސްޓްތަކެއް ހަދަން ނިންމާފައިވެ އެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލް މިވަގުތު އޮތީ ހަތަރު ވަނައިގަ އެވެ. އެ ޓީމަށް ވަނީ 11 މެޗުން 24 ޕޮއިންޓް ލިބިފަ އެވެ. ލީގުގައި އެންމެ އަވަހަށް ކުޅޭ މެޗުގައި އެ ޓީމު އަންނަ ހޮނިހިރު ދުވަހު ނުކުންނާނީ މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށެވެ.
އުމުރުން 27 އަހަރުގެ ސަންޗޭޒް ހުރީ މި ސީޒަނުގައި ރަނގަޅު ފޯމެއްގަ އެވެ. މިހާތަނަށް ކުޅުނު 15 މެޗުން އޭނާ ވަނީ އަށް ލަނޑު ޖަހައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy