އަންނަ މަހުގެ 8 ގައި ނެރޭ "ދަ ބެންޗް" ވިއްކާނީ 18.99 ޑޮލަރަށް
06 މެއި 2021 - 08:21
ޕްރިންސް ހެރީގެ އަނބިކަނބަލުން މޭގަން މާކަލް އަންނަ މަހުގެ ކުޑަކުދިންގެ ވާހަކަ ފޮތެއް ނެރެން ނިންމަވައިފި އެވެ.
ބައްޕައަކާއި ފިރިހެން ދަރިއެއްގެ ވާހަކަ ކިޔައިދޭ ފޮތުގެ ނަމަކީ "ދަ ބެންޗް" އެވެ. އަންނަ މަހުގެ 8 ގައި ނެރެން ނިންމާފައިވާ ފޮތާ ބެހޭ ގޮތުން މޭގަން ވިދާޅުވެފައި ވަނީ ވާހަކައިގެ އަސްލަކީ ދަރިކަލުން އާޗީ އަށް ހާއްސަ ކުރެއްވި ޅެމެއް ކަމަށެވެ. އެއީ މެއި 6، 2019 ގައި ދަރިކަލުން އުފަންވުމުގެ ދުވަސްކޮޅެއް ފަހުން ޖޫން މަހުގެ 16 ގައި ފާހަގަކުރި އެ އަހަރުގެ ބައްޕައިންގެ ދުވަހު ހެރީ އަށް ލިޔުއްވި ޅެމެއް ކަމަށް ވިދާޅުވި އެވެ.
އެހެންވެ މޭގަންގެ "ދަ ބެންޗް" އަކީ ހެރީ އާއި ދަރިކަލުން އާޗީގެ ގުޅުމުގެ ވާހަކަ މަންމަ ކިޔައިދޭ ގޮތެވެ.
"އުންމީދަކީ މި ފޮތަކީ ކޮންމެ އާއިލާއަކާ ވެސް ގުޅޭ ކަހަލަ އެއްޗަކަށްވުން،" ދެވަނަ ދަރިއަކަށް ބަލިވެއިންނެވި މޭގަން ވިދާޅުވި އެވެ.
ޕެންގްއިން ރޭންޑަމް ހައުސްގެ ތައްގަނޑުގައި ނެރޭ "ދެ ބެންޗް" ގައި ކުޑަކުދިން ގަޔާވާ ކަހަލަ އިލަސްޓްރޭޝަންތައް ވެސް ހިމަނާފައިވެ އެވެ. އެ މަސައްކަތްކޮށްފައި ވަނީ އެވޯޑް ހޯދާފައިވާ ކެލިފޯނިއާގެ އިލަސްޓްރޭޓަރު ކްރިސްޓިއަން ރޮބިންސަނެވެ.
"ދަ ބެންޗް" ވިއްކާނީ 18.99 ޑޮލަރު (291ރ.) އަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖާބިރު
06 May 2021
މީހެއްގެ މަސައްކަތް ނަކަލުކޮށްގެންވެސް ޅެމެކޯ. ކީކޭ މިކަޔަނީ.