ޒިދާން
27 މެއި 2021 - 12:12
މެޑްރިޑް (27 މެއި) - ރެއާލް މެޑްރިޑުން 11 އަަހަރުތެރޭ ފުރަތަމަ ފަހަރަށް ހުސްއަތާ ނިންމާލި ސީޒަނަށް ފަހު، އެ ޓީމުގެ ކޯޗް ކަމުން ޒައިނުއްދީން ޒިދާން އިސްތިއުފާ ދޭން ނިންމައިފި އެވެ.
މީގެ ކުރިން ރެއާލް މެޑްރިޑުން ހުސްއަތާ ސީޒަން ނިންމާލީ، 2010 ވަނަ އަހަރު އެވެ. ސީޒަން ނިމުމުގެ ކުރިންވެސް ޒިދާންގެ ކުރިމަގާ ބެހޭގޮތުން އޮތީ ސުވާލު އުފެދިފަ އެވެ. ޒިދާންގެ ވަކިވުމާ ބެހޭގޮތުން ރެއާލްއިން ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައި ނުވިނަމަވެސް ސްޕެއިންގެ މީޑިއާތަކުން ވަނީ އެ ވާހަކަ ރިޕޯޓް ކޮށްފަ އެވެ.
ސްޕެއިންގެ ކުޅިވަރު ނޫސް "އޭއެސް" އިން ބުނީ، ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭ ޒިދާންވެސް އަދި އެ ކްލަބުންވެސް ރަސްމީކޮށް އެކަން އިއުލާން ކުރާނެ ކަމަށެވެ. ޒިދާން ކްލަބު ދޫކޮށްލާނެ ކަން ރެއާލްގެ ބޯޑަށް ކުރިން ވެސް އޮތީ އެނގިފަ އެވެ.
ރެއާލްއަށް ދެ ފަހަރެއްގެ މަތިން ކޯޗް ކޮށްދިން ޒިދާން ވަނީ އެ ކްލަބަށް، ޖެހިޖެހިގެން ތިން ފަހަރަށް ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްދީފަ އެވެ. އަދި ލަ ލީގާގެ ޗެމްޕިއަންކަން ދެ ފަހަރު ހޯދައިދިނެވެ. ޖެނުއަރީ 2016 ގައި ރެއާލްގެ ކޯޗް ކަމާ އެންމެ ފުރަތަމަ ހަވާލުވި ޒިދާން ތިން އަހަރަށް ފަހު އެ މަގާމުން އިސްތިއުފާ ދިނީ މެއި 2018 ގަ އެވެ. އަލުން އެ ޓީމުގެ ކޯޗް ކަމާ އޭނާ ހަވާލުވީ 2019 ގަ އެވެ.
އޭނާގެ ބަދަލުގައި ރެއާލްގެ ކޯޗް ކަމަށް ގެންނާނެ ކަމަށް އެންމެ ބޮޑަށް ބެލެވެނީ، ޔުވެންޓަސްގެ ކުރީގެ ކޯޗް މެކްސް އެލެގްރީ އެވެ. ރެއާލްގެ ލެޖެންޑް އަދި އެ ޓީމުގެ ބީ ޓީމުގެ މިހާރުގެ ކޯޗް ރައުލް ގޮންޒާލޭޒް އަކީ ވެސް އެ މަގާމަށް ފޭވަރިޓް ނަމެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަމްސު
27 May 2021
ޒިދާނު ދިއުމަކީ އަހަރެމެންނަށް ލިބޭ ދެރައެއް.